ބޮލީވުޑް

އެކްޝަން ފިލްމްތަކަށްފަހު ރިތިކް ދެން ކުޅޭނީ ލޯބީގެ ފިލްމެއް

Oct 23, 2015

ފަހަކަށް އައިސް މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ފެނިގެން ގޮސްފައިވަނީ މުޅީން ވެސް އެކްޝަން ފިލްމުތަކުންނެވެ.

ނަމަވެސް މިހާރު ރިތިކް ކުޅެމުންދާ ފިލްމު "މޮހެންޖޯ ޑާރޯ" އަށްފަހު ދެން ރިތިކް އަނެއްކާ ވެސް ފެނިގެންދާނީ ލޯބީގެ ފިލްމަކުންނެވެ.

އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ރިތިކް ކުޅޭ ލޯބީގެ މި ފިލްމަކީ "ޖަޒްބާ"ގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ރިތިކް މިފިލްމު ކުޅެން އެއްބަސްވެފައިވަނީ މިއީ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް ވުމުންނެވެ. އަދި މިވާހަކަ ލިޔެފައިވަނީ މުޅިން އާ ލިޔުންތެރިއަކަށް ވީއިރު، މިފިލްމަކީ ގުޕްތާ ޑައިރެކްޓްކުރާނެ ފުރަތަމަ ލޯބީގެ ފިލްމަށްވެ އެވެ. މީގެކުރިން ގުޕްތާ މުޅިންވެސް ޑައިރެކްޓްކޮށްފައިވަނީ އެކްޝަން ޑްރާމް ފިލްމުތަކެވެ.

މިފިލްމުގެ ވާހަކަ އާއި މެދު ރިތިކް ގަޔާވި ވަރުން، ފިލްމު ޕްރޮޑިއުސްކުރުމަށް ބައްޕަ ރޯޝަން ކައިރި އެދިފައިވަނީ ވެސް ރިތިކް އެވެ.

ރިތިކް ބޮލީވުޑަށް ތައާރަފްވެފައިވަނީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވެގެން ގޮސްފައިވާ ލޯބީގެ ރީތި ފިލްމެއް ކަމަށްވާ "ކަހޯނާ ޕިޔާރް ހޭ" އިިންނެވެ.

އެފިލްމުގެ ފަހުން ވެސް ރިތިކް ވަނީ "ކަބީ ހުޝީ ކަބީ ޣަމް" އާއި "ނަތުމް ޖާނީ ނަހަމް" އަދި "މުޖްސެ ދޯސްތީ ކަރޯގީ" ފަދަ ލޯބީގެ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. އެހެންނަމަވެސް މިފަހުން ނިކުމެފައިވަނީ ރިތިކްގެ އެކްޝަން ފިލްމުތައް ކަމަށްވީއިރު، އޭގެތެރޭގައި "ބޭންގް ބޭންގް" އާއި "ކްރިޝް" ސިލްސިލާގެ ފިލްމުތަކާއި "އަގްނީޕާތް"ގެ އިތުރުން "ދޫމް 2" ހިމެނެ އެވެ.

މިއަހަރު ރިތިކްގެ ފިލްމެއް ރިލީޒްވުމަށް ހަމަޖެހިފައިނުވާއިރު، ދެން އެންމެ އަވަހަށް ފެނިގެންދާނީ މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކާގެ "މޮހެންޖޯ ޑަރޯ" އިންނެވެ. މިފިލްމުގައި ވެސް ރިތިކްގެ އެކްޝަން ގިނަ މަންޒަރުތައް ފެނިގެންދާއިރު، ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް އަތާރަފުވާ ޕޫޖާ ހެގްޅޭ އެވެ.