ފިނިޕޭޖް

"ހެޕީ ބާތުޑޭ" ގެ ޕާޓީ އަށް ނިމުމެއް ނައި!

  • އެންމެ މޮޅު އެކްޓަރަކީ މިފަހަރު ވެސް ޔޫއްޕެ
  • އެންމެ މޮޅު އެކްޓްރެސް އަކަށް ނިއުމާ
  • މޮޅު ފިލްމު އަދި ޑައިރެކްޝަންގެ އެވޯޑް "ހެޕީ ބާތުޑޭ" އަށް

ނިމިގެން ދިޔަ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ހެޕީ ބާތުޑޭ" ހޮވައިފި އެވެ.

އެންމެ މޮޅު ޑައިރެކްޝަން އަދި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ގެންދިޔަ މި ފިލްމަ އެންމެ މޮޅު ފިލްމުގެ ޝަރަފް ލިބުނީ ފިލްމު "ޔޫސުފް" އާއި "ވީރާނާ" އަދި "ޒަލްޒަލާ އެނބުރިއައުން" އާއި "ނިއުމާ" އާ ވާދަކޮށެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މޫމިން ފުއާދެވެ. ފިލްމުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކުރީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ވެސް ލިބުނީ "ހެޕީ ބާތުޑޭ" އަށެވެ. ފިލްމަށް ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ ވެސް މޫމިން އެވެ.

"ހެޕީ ބާތުޑޭ" އަކީ 2011 ވަނަ އަހަރު ބޭއްވި މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޝަން އަދި އެކްޓަރުގެ އެވޯޑް ގެންދިޔަ ފިލްމެވެ.

މި ފިލްމަށް ގައުމީ ފިލްމު އެވޯޑްސްގައި ފަސް އެވޯޑް ލިބިގެންދިޔައިރު އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކުރި "ނިއުމާ" އަށް ވެސް ވަނީ ފަސް އެވޯޑް ލިބިފަ އެވެ. އެ ފިލްމަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ އެވޯޑަކީ އެންމެ މޮޅު ބަތަލާގެ އެވޯޑެވެ. މި އެވޯޑް ގެންދިޔައީ އެ ފިލްމު ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅެފައިވާ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އެވެ.

އެންމެ މޮޅު ފިލްމާއި ޑައިރެކްޝަން އަދި މުހިންމު އެކްޓިން ކެޓަގަރީތަކުގައި ވެސް ވާދަކުރި "ޔޫސުފް" މި ހުރިހާ ކެޓަގަރީއަކުން ވެސް ވަނީ ކަޓައިގެން ގޮސްފަ އެވެ. އެހެން ނަމަވެސް އެންމެ މޮޅު ސިނެމެޓޯގްރެފީގެ އެވޯޑާ އެކު ޖުމްލަ ހަތަރު އެވޯޑް މި ފިލްމަށް ލިބުނެވެ.

އެންމެ މޮޅު ސަޕޯޓިން ބަތަލާއަކަށް ފިލްމު "ފަނާ" އިން އައިޝަތު ރިޝްމީ ހޮވުނުއިރު އެންމެ މޮޅު ސަޕޯޓިން ބަތަލްގެ އެވޯޑް ކާމިޔާބުކުރީ ފިލްމު "ނިއުމާ" އިން އަބްދުﷲ މުއާޒް (މުއާ) އެވެ.

އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔަކަށް ތޭރަވާ މުހައްމަދު އަބްދުލްޣަނީ ހޮވުނުއިރު އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ ޝަރަފް ހޯދީ ތަޖުރިބާކާރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގެވެ.

އެންމެ މޮޅު ކުރު ފިލްމަކަށް ދެ ފިލްމެއް ވާދަކޮށް ކުރި ލިބިފައި ވަނީ އަހުމަދު ފަލާހް ޑައިރެކްޓްކޮށްފައިވާ "ފަގީރުކޮއެ" އަށެވެ.

ގައުމީ ފިލްމު އެވޯޑްސްގެ މިފަހަރުގެ ލައިފްޓް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައި ވަނީ ތަޖުރިބާކާރު ކެމެރާމަން މުހައްމަދު މަނިކަށެވެ. އަގުވަޒަންކުރުމުގެ އެވޯޑެއް މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލް އަށް ވެސް އަރުވާފައިވެ އެވެ.

އޮލިމްޕަހުގައި ބޭއްވި މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ނައިބު ރައީސް މޫސާ މަނިކެވެ.

ގައުމީ ފިލްމު އެވޯޑްސް ދިނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ނެރުނު ފިލްމުތަކަށެވެ. މިއީ ހަ ވަނަ ގައުމީ ފިލްމު އެވޯޑްސް އެވެ. އެވޯޑްސް އެނބުރި މި އައީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.