މީހުން

ސާބަހާ ތައުރީފާއެކު ވަލީދާއަށް އެވޯޑެއް!

ގައުމީ ފިލްމު އެވޯޑަކީ އެ ދާއިރާގެ ހުރިހާ ފަންނާނުން މުޅި އަހަރުވެސް އެންމެ އިންތިޒާކުރާ އިވެންޓެވެ، ނަމަވެސް މިދިއަ ދެ އަހަރު އެވޯޑް ހަފުލާ ބާއްވާފައެއް ނުވެއެވެ. މެދުކެނޑުމަކަށްފަހު މި އަހަރު އެވޯޑްސް ބޭއްވީ 2017 އަދި 2018 ވަނަ އަހަރު ނުކުތް ފިލްމުތަކަށް ހާއްސަ ކޮށްގެނެވެ. އުނދަގުލުން އަލުން ގައުމީ ފިލްމު އެވޯޑްސް ބޭއްވުމުން ފިލްމީ ދާއިރާގެ ފަންނާނުންނަށް އެކަން ބޮޑު އުފަލަކަށްވި އެވެ.

އާދައާ އެއްގޮތަށް އެވޯޑްސްގެ ކުރިން މިއަހަރު ވެސް ފާޑުކިޔުން އަމާޒުވި އެވެ. ޖަޖުން އިންސާފުވެރިވާނެތޯ ސުވާލު އުފެއްދި އެވެ. އެވޯޑް ހަފުލާ ފުރިހަމައަށް ގެންދެވޭނެތޯ ވެސް އެހި އެވެ. އަދި މި އަހަރުގެ އެވޯޑް ނައިޓް ވާނީ ކޮންކަހަލަ ރެއަކަށްތޯ ވެސް ބައެއް މީހުން އަހައި އުޅުނެވެ.

މެދުކެނޑުމަކަށް ފަހު އައި އެވޯޑް ނައިޓް ތަފާތެވެ. އެއީ ހަގީގަތެކެވެ؛ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ގައުމީ ފިލްމު އެވޯޑްސް ނައިޓް ވަރަށް ފުރިހަމައޭ ބުނެވެން އެބައޮތެވެ.

ހުރިހާ ކަމެއް ހިނގައި ދިޔަ ގޮތުން ޝަކުވާއެއް ނެތެވެ. ދާއިރާގެ ފަންނާނުންނަށް އުފާވެރިކަން ގެނެސް ދިނެވެ. ފެށުމުގެ ކުރިން ހިސާބަކަށް ތުން ދަމައިގެން ތިބި މޫނަތަކަށް ވެސް ހިނިތުން ވެރިވި އެވެ. އަދި ފާޑުކީ ބައެއް ފަންނާނުންގެ ތައުރީފު ވެސް އައެވެ.

އެހެންވީމާ ރަނގަޅެއް ނޫން ހެއްޔެވެ؟ ކޮންމެސް ދިމާއަކުން ކޮންމެވެސް މީހަކަށް ކޮންމެވެސް ކަމެއް ރަނގަޅަށް ކުރެވިއްޖެ އެވެ. އެކަން މި އަހަރު ކުރެއްވީ އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދާއި އެންސީއޭގައި އޮތް އޭނާގެ ޓީމެވެ. މި ސަރުކާރާއެކު ޑެޕިއުޓީ މިނިސްޓަރު ކަމަށް ވަޑައިގެންނެވި އިރުވެސް ކުރީގެ ނެށުންތެރިޔާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި އޮތީ ގައުމީ ފިލްމް އެވޯޑްސް ނުބޭއްވިދާ ދިއުމެވެ.

އެހެންވެ، ސިޔާސީ މަގާމަކަށް ވަޑައިގެންނެވުމަށް ފަހު ވަލީދާ ބެއްލެވީ ފިލްމީ ދާއިރާއަށް ކުރިއެރުންތަކެއް ގެނެސްދޭށެވެ. އެއީ އޭނާ ކުރީން ވެސް ކުރައްވާ އުންމީދެކެވެ. އެހެންވެ މެދު ކެނޑިފައި އޮއްވާ އޭނާގެ ބެލުމުގެ ދަށުން އަލުން ގައުމީ ފިލްމް އެވޯޑްސް ބޭއްވިފައިވާތީ ހުންނެވީ ވަރަށް އުފަލުންނެވެ.

ވަލީދާ ވިދާޅުވި ގޮތުގައި އެވޯޑްސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަން އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވަރަށް ބޮޑު ސަޕޯޓެއް ދެއްވި އެވެ. އަދި އަޒްމީލް (އަޒޭ) އާއި އޮޑިޓަރުންނާއި ޖަޖުން އަދި ޓެކްނިކަލް ޓީމުގެ ސަޕޯޓް ވެސް ބޮޑެވެ.

"އިވެންޓް ކާމިޔާބުވުމުގައި އެއިން ކޮންމެ ބޭފުޅެއްގެ ދައުރު ވެސް ބޮޑު... ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަން މިނިސްޓަރު [ޔުމްނާ މައުމޫން] ދެއްވި ސަޕޯޓް ވަކީން ފާހަގަ ކޮށްލަން. އެކަމަނާ ހުރިހާ ކަމެއް އަޅުގަނޑަށް ދޫކޮށްލެއްވި،" އުމުރުން 14 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުމެ ބޮޑު މަޝްހޫރު ކަމެއް ހޯދި ވަލީދާ ވިދާޅުވި އެވެ.

ކުދި ކުދި "ތިކި" ބުރާ ފައި ހުއްޓަސް މުޅި އެވޯޑް ހަފުލާ ފުރިހަމަ އެވެ. އެވޯޑް ހަފުލާގެ ކުރިން ތަފާތު އަޑުތައް އައި ނަމަވެސް މަޝްހޫރު ހުރިހާ ތަރިންހެން ހަފްލާއަށް ދިޔަ އެވެ. ތަރިންނަށް އުފާވެރި މާހައުލެއް ހޯދައިދެވުމާއެކު ފިލްމީ ދާއިރާގެ އޭރާއި މިހާރުގެ ތަރިން ސްޓޭޖުން ފެނިލައި، އެ ތަރީން އެވޯޑްތައް ބަހައި ދިން އިރު ކުޅަދާނަ ފިލްމީ ތަރި އަހުމަދު ނިމާލަށް ވެސް ޓްރިބިއުޓެއް ހާއްސަ ކުރި އެވެ.

ވަލީދާ ވިދާޅުވި ގޮތުގައި އޭނާއަށް ހިތްހަމަ ޖައްސާލެވެ އެވެ. އެކަމަކުވެސް ފުރިހަމަ ނުކުރެވުނު ބައެއް ކަންކަން ވެސް ހުއްޓެވެ. އެންމެ ދެރަކޮށް ދިޔައީ ބައެއް ތަރިންނަށް ދައުވަތު ނުދެވުމެވެ. އެހެން ދިމާވީ ބައެއް ތަރިންނަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވެގެނެވެ. ހަމަ އެއްވެސް ތަރިއެއް ބާކީކޮށްލާކަށް އޭނާ ބޭނުންފުޅެއް ނުވެއެވެ.

"މިލިބުނީ ހިތްހަމަ ޖެހުމެއް އަދި މި ލިބުނީ ވަރަށް ބޮޑު ތަޖުރިބާއެއް. އަޅުގަނޑު ޔަގީންކަން މި ދެނީ ދެން އެކަންކަން ތަކުރާރުނުވާނެ ކަން... މިހާރު އަޅުގަނޑުމެން މި ފެށީ ފިލްމީ ދާއިރާގެ ފަންނާނުންގެ ޚާއްސަ ޑޭޓާބޭހެއް ހަދަން. އޭރަށް ދައުވަތު ނުދެވޭ މައްސަލައަށް ހައްލު ލިބިގެންދާނެ. އަދި މިހާރަށްވުރެ ކުލަގަދަކޮށް އެވޯޑްސް ނައިޓް ބާއްވަން މަސައްކަތް ކުރާނަން."

އެވޯޑް ނައިޓަށް ފަހު ހުރިހާ ދިމާއަކުން ވެސް ވަލީދާއާ ދިމާއަށް ދިޔައީ ޕޮޒިޓިވް ކޮމެންޓާއެކު ރަނގަޅު ކޮށްލަންވީ ކަންކަމެވެ. ވަލީދާ ހުންނެވީ އެ ހުރިހާ ވާހަކައެއް ވެސް އަޑު އައްސަވައިގެނެވެ.

ފިލްމީ ތަރި ނިއުމާ މުހައްމަދު ބުނި ގޮތުގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަލުން ގައުމީ ފިލްމު އެވޯޑްސް ބާއްވަން ފެށުމެވެ. އަދި އެންސީއޭގައި ފިލްމީ ދާއިރާއާއި ގުޅުން ހުރި ގިނަ ބަޔަކު މިހާރު ތިބުމަކީ ހިތަށް ފަސޭހަވާ ކަމެކެވެ.

"އަސްލު އެވޯޑް ނައިޓްގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ނަމަވެސް މިއީ އެންމެ ޕީސްކޮށް [އޮމާންކޮށް] ދިޔަ އެއް އިވެންޓް. ވަރަށް ބޮޑަށް އުފާވޭ އަލުން އެވޯޑް ނައިޓް ބާއްވަން ފެށުމުން... މިއީ ވަލީދާގެ މަސައްކަތް،" ނިއުމާ ބުންޏެވެ. "އެހެން ބައެއް މީހުންނާ ވަލީދާ ވަރަށް ތަފާތު. ދާއިރާއަށް ބޭނުންވާ ކަމެއް ބުނުމުން އެކަމެއް ކޮށްދެއްވޭތޯ ވަރަށް ޓްރައި ކުރައްވާ. ކޮންމެވެސް ގޮތަކުން އެކަމަށް މަގެއް ހޯއްދެވޭތޯ ބައްލަވާނެ. އެއީ ވަރަށް އެޕްރިޝިއޭޓް ކުރެވޭ ކަމެއް."

މި އަހަރުގެ ފިލްމު އެވޯޑްސްގައި އެންމެ ގިނަ އެވޯޑް ގެންދިޔަ އެކްޓަރު / ޑައިކްޓަރު ޔޫސުފް ޝަފީއު ވެސް ބުނި ގޮތުގައި އެވޯޑް ނައިޓާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ. ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ގެންދެވޭތޯ އެންސީއޭއިން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ވެއެވެ.

"މިސާލަކަށް އެވޯޑްގެ ކަންކަން މިދިޔަ ގޮތް. ނޮމިނޭޝަންތައް ބަލާލުމުން ވެސް ޔަގީން ވާނެ އިންސާފުވެރި ކަން. އެއީ ކޮންމެ ބަޔަކަށް ލިބުނަސް ރަނގަޅޭ ބުނާވަރުގެ ފިލްމުތައް ހުރީ. އަނެއްކޮޅުން ބުރަ މަސައްކަތްތަކެއްކޮށް ދެ އަހަރުގެ ފިލްމުތައް ބައިވެރި ކޮށްގެން އެވޯޑް ނައިޓެއް ބޭއްވުން އެއީ އެންމެ ބޮޑު އުފާ. ވަލީދާ އަދި ޓީމަށް ޝުުކުރިއްޔާ!"

އާޓްސް މިނިސްޓްރީގެ ނާއިބު ކަން ވަލީދާއަށް ދިނުމުން ބައެއް މީހުން ފާޑު ކިޔާފައި ވެއެވެ. ނަމަވެސް ފިލްމީ ދާއިރާގެ ފަންނާނުންނަށް އެކަންވީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ފިލްމީ ދާއިރާގައި ގިނަ ދުވަސް ހޭދަކުރި އަދި ފަހުން ވެސް އެ ދާއިރާއާއި ގުޅުން ބޭއްވި ބޭފުޅަކަށް ވަލީދާ ވާތީ އެވެ.

ވަލީދާ ވަނީ ކުރިން ވަރަށް ގިނަ ފިލްމާއި، ޑްރާމާ އަދި ލަވަތައް ކުޅެފަ އެވެ. އެއް ދުވަސްވަރެއްގައި އެއީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި އެންމެ ޚާއްސަ ނަމެވެ. އެންމެ މޮޅު ނެށުންތެރިޔާ އެވެ. ފަހުން އެއީ އޭނާގެ ވާހަކަތަކަށް ޑްރާމާތައް އުފެއްދެވި ޑައިރެކްޓަރެކެވެ. އޭގެ އިތުރުން އެއް ދުވަސްވަރެއްގައި އެއީ މަޝްހޫރު/ކުޅަދާނަ އެތައް ތަރިންނެއްގެ ހެދުން ޑިޒައިން ކޮށްދޭ ޑިޒައިނަރެވެ.

"ހިތްވަރު ކޮށްގެން މިހާ ހިސާބަށް މި އައީ. ސިޔާސީ މަސައްކަތުން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އަޅުގަނޑުގެ އަސްލު ދާއިރާއަށް އަލުން އެނބުރި އާދެވުން. ޕޮލިސީ ލެވެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން. އުންމީދަކީ ފިލްމީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް ގެނެސް ދިނުން ފަންނާނުންގެ ޝަކުވާތަކަށް މިންވަރެއްގެ ނަމަވެސް ހައްލު ހޯދައި ދިނުން." އޭނާ ބުންޏެވެ. މިފަހަރު އޭނާ މި ކުރި ހިތްވަރަށް ދޭންވީ ސާބަހަކަށް ވުރެ ބޮޑަށް ސާބަހާ ތައުރީފާއެކު ދޭ އެވޯޑެކެވެ.