ބޮލީވުޑް

އާލިއާ-ރަންބީރަށް ކައިވެނި ނުކުރެވުނީ ކޮވިޑާ ހެދި

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނި ކުރަނީ ކޮން އިރަކުންތޯ ބަލަން ހިންދީ ފިލްމަށް ލޯބިކުރާ އެންމެން ކަހަލަ ގޮތަކަށް ބޭނުންވެ އެވެ. ދެ އެކްޓަރުން އެކުގައި ކުޅޭ "ބްރަހްމަޝްތުރާ"ގެ ސެޓުން އުފެދުނު ލޯބި މިހާރު ވަރަށް ސީރިއަސް ގުޅުމަކަށް ބަދަލުވެފައިވާ ކަން އެމީހުން އުޅޭ ގޮތުން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. އަދި ވަރަށް ގިނަ ގިނައިން މި ދެ އެކްޓަރުން ކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރުތައް ވެސް އިންޑިޔާގެ ނޫސްތަކުން ފަތުރަ އެވެ.

ދާދިފަހުން ރަންބީރު ދިން އިންޓަވިއު އެއްގައި ނޫސްވެރިޔާ ރަންބީރާ މި ސުވާލު ކުރި އެވެ. އާލިއާ އާ ކައިވެނި ކުރަނީ ކޮން އިރަކުންތޯ އެވެ؟ މި ސުވާލަށް ރަންބީރު ދިން ޖަވާބަކީ ވަރަށް ގިނަ ބަޔަކަށް ހައިރާން ކަން ލިބޭ ފަދަ ޖަވާބެކެވެ.
އޭނާ ބުނީ ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިނުވި ނަމަ މިހާރު އޭނާ އާއި އާލިއާ ތިބީހީ ކައިވެނި ކޮށްގެން ކަމަށެވެ.

ރަންބީރު އިތުރަށް ބުނެފައިވަނީ ވީހާވެސް އަވަހަކަށް އެ އަމާޒަށް ދަތުރުކުރަން މިހާރު އޭނާ ބޭނުމެވެ. މީގެ ކުރިން ކައިވެނީގެ ވާހަކަ މިހާ ހާމަކަން ބޮޑު ގޮތެއްގައި ރަންބީރު ދައްކާފައެއް ނެތެވެ. އެހެންކަމުން ވަރަށް ސީރިއަސް ކައިވެންޏަށް ރަންބީރު މިހާރު ވިސްނާކަން ޔަގީންވެފައިވާ ކަމަށް މި ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ.

ހަމަ މި އިންޓަވިއުގައި ރަންބީރު ވަނީ އާލިއާ އަށް ވަރަށް ތައުރީފު ވެސް ކޮށްފަ އެވެ. އޭނާ ބުނީ އާލިއާ އަކީ "އޯވާއެޗީވާ" އެއް ކަމަށެވެ. މާނައަކީ ހީނުކުރާ ވަރަށް ކަންކަން ހާސިލުކުރާ މީހެކެވެ. މިސާލެއްގެ ގޮތުން ރަންބީރު ބުނީ ލޮކްޑައުންގެ ދުވަސްވަރު އާލިއާ ކުރި ކަންތައް ތަކެވެ.

"ލޮކްޑައުންގައި އޭނާ އާ ހުނަރުތަކެއް ތަރައްގީކުރަން މަސައްކަތްކުރި. އެގޮތުން ގިޓާ ކުޅެން ދަސްކޮށް ސްކްރީންޕްލޭ ރައިޓިން ކޯހެއް ވެސް ހެދި،" ރަންބީރު ބުންޏެވެ.
އާލިއާ އެކި ހުނަރު ތަރައްގީކުރަން މަސައްކަތް ކުރިޔަސް ލޮކްޑައުންގައި ރަންބީރު އެފަދަ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އޭނާގެ ކަމަކީ ފިލްމު ބެލުން ކަމަށް ރަންބީރު ބުންޏެވެ.

ރަންބީރު އާއި އާލިއާ ދިރިއުޅެނީ ބާންޑްރާގައި ހުންނަ ބިލްޑިންގެއްގެ ދެ އެޕާޓްމަންޓެއްގަ އެވެ. އެހެންކަމުން ލޮކްޑައުންގެ ގިނަ ދުވަސްތައް ދެ މީހުން އެކުގައި ހޭދަކުރުމުގެ ފުރުސަތު ލިބުނެވެ.