ލައިފްސްޓައިލް

ތުރުކީގެ އަތުރުލް ގާޒީ ވަޅުލާފައިވާ ތަނުން 99 ޓަނުގެ ރަން ފެނިއްޖެ

ވަރަށް ކުރީ ޒަމާނުގައި ތުރުކީގައި އުޅުނު މަޝްހޫރު ހަނގުރާމަވެރިޔާ އަތުރުލް ގާޒީ ވަޅުލާފައިވާ ހިސާބުން 99 ޓަނުގެ ރަން ފެނިއްޖެ ކަމަށް އެ ގައުމުގެ މިނިސްޓަރަކު އަންގާރަ ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.

ތުރުކީ ނިއުސް އެޖެންސީ އަނަޑޮލޫ އިން ބުނި ގޮތުގައި މި ރަނުގެ ރިޒާވްގައި 3.5 މިލިއަން ޓަނު ހުންނާނެ ކަމަށް ބެލެވެ އެވެ. މީގެ އަގު ގާތްގަނޑަކަށް ހަ ބިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

މި ރަންތައް ހޯދާފައިވަނީ ތުރުކީގެ އެގްރިކަލްޗާ ކްރެޑިޓް ކޫޕަރޭޓިވްސް އާއި އިތުރު ކުންފުންޏެއް ގުޅިގެން ކުރި މަސައްކަތުންނެވެ. މި ދެ ކުންފުނިން މިހާރު މިކަން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

"އަހަރެމެން މި ދައްކަނީ ހަ ބިލިއަން ޑޮލަރުގެ އަގުހުރި ރަނުގެ ވާހަކަ،" އަނަޑޮލޫއަށް ދިން އިންޓަވިއު ގައި އެގްރިކަލްޗާ ކްރެޑިޓް ކޯޕަރޭޓިވްސްގެ އިސް ވެރިޔާ ފަރްހަތު އަލްޓިން ޕޮއިރާޒް ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިތަނުން ރަން ނަގައިގެން ތުރުކީގެ އިގްތިސާދުގެ ވަރުގަދަ ކުރާނެ އެވެ.

މިކަން އިއުލާންކުރުމާ ގުޅިގެން ދެ ކުންފުނީގެ ޝެއާގެ އަގު 10 ޕަސެންޓް އުފުލިފައި ވެއެވެ.

ރަންތައް ފެނުނު ފާޓިލައިޒާ ކުންފުންޏާ އެ ސައިޓް ހަވާލުކޮށްފައިވަނީ 2019 ގައި ތުރުކީގެ ކޯޓަކުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެހެންކަމުން ރަން ނެގުމުގެ މަސައްކަތް ވެސް ކުރާނީ އެމީހުން އަމިއްލައަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.