މުޅިން އަލަށް ނެރޭ ފައިސާގެ ނޫޓްތަކުން އެއްވެސް ބައެއް ގެއްލިފައި ނެތް ކަމަށާއި އެ ނޫޓްތައް ތައާރަފް ކުރުމުގެ ހަފްލާ އަންނަ މަހުގެ އެކެއްގައި ބާއްވާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.
އަލަށް ޗާޕްކޮށްގެން ގެނައި، ރުފިޔާގެ އާ ނޫޓް، ރަންދިހަފަހެއްގެ ދެ ޕެލެޓް ނޫޓް ގެއްލިފައިވާ ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ. އަދި އަލަށް ޗާޕް ކޮށްގެން ގެނައި ނޫޓްތައް ރައްކާތެރި ކަމާ އެކު އެމްއެމްއޭގައި އެބަ ހުރި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެފަދަ ވާހަކައެއް ފެތުރެން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާނޫޓްތައް ނެރުމުގެ ހަފްލާ ރޭވިފައިވާ ގޮތަށް އަންނަ މަހުގެ އެއް ވަނަ ދުވަހު އަޅުގަނޑުމެން ބާއްވާނަން. އެ ނޫޓްތައް އަޅުގަނޑުމެން ގެއްލިގެނެއް ނޫޅެން. އެއީ ދޮގެއް،" އޮފިޝަލް ވިދާޅުވި އެވެ.
ރަންދިހަ ފަހެއްގެ ނޫޓްތައް ނެރެން އެންމެ ފުރަތަމަ ހަމަޖެއްސީ މި މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އެ ހަފްލާ ފަސްކުރި އެވެ. އެ ހަފްލާ ޝަފަރުވެރިކޮށްދެއްވަން އޮތީ ރައީސް އަބްދުﷲ ޔާމިން އެވެ. މިހާރު އެ ހަފްލާ ފަސްކޮށްފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހަށެވެ.
އިނގިރޭސިވިލާތުގެ ޑިލަރޫ ކުންފުންޏާ ހަވާލުކޮށްގެން ޗާޕްކޮށްފައިވާ އާ ނޫޓްތަކަކީ މިފަހުގެ ތާރީހެއްގައި ދިވެހި ރުފިޔާގެ ނޫޓްތަކަށް ގެނެވޭ އެންމެ ބޮޑު ބަދަލެވެ. ފަސޭހައިން ހަލާކުނުވާ ސެކިއުރިޓީގެ ގޮތުން ވެސް ވަރުގަދަ ޕޮލިމާ ކަރުދާހުގައި ޗާޕްކޮށްފައިވާ އެ ނޫޓް ބޭނުން ކުރާނީ ޑިސެމްބަރު މަހުން ފެށިގެންނެވެ. އާ ނޫޓު ސީރީޒް ބޭނުންކުރަން ފަށާ މުއްދަތުން ފެށިގެން ހަ މަސްދުވަހާ ހަމައަށް މިހާރު ބޭނުންކުރާ ފައިސާ ވެސް ބޭނުންކުރެވޭނެއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރާ ހަމަޔަށް މިހާރު ގެންގުޅޭ ނޫޓުތައް އައު ނޫޓުތަކަށް އެމްއެމްއޭ އިން ބަދަލުވެސް ކޮށްދޭނެއެވެ.
އާ ނޫޓްތަކުގައި ހުންނާނީ، 10ރ. އާއި 20ރ. އަދި 500ރ. ގެ ނޫޓުގެ އިތުރުން ރާއްޖެއަށް އަލަށް ނެރޭ 1،000ރ. ގެ ނޫޓެވެ.