މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.
އިސްތިއުފާ ހުށަހަޅުއްވަމުން އިމާދު ވިދާޅުވީ އެމްއެމްއޭ އިން މި ފަހުން ނިންމި ނިންމުންތައް ނިންމީ މުއައްސަސާގެ އަސާސީ މަގުސަދާ ހިލާފަށް ކަމަށެވެ.
އިމާދު އިސްތިއުފާ ދެއްވިއިރު އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއްވެސް އޮތީ ހުށަހަޅާފަ އެވެ.
އިސްތިއުފާގެ ސިޓީގައި އިމާދު ވަނީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނަވާ ކުރެއްވި މަސައްކަތަކީ ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ.
އެ ގޮތުން ފަވަރަ ތަރައްގީކުރުމާއި ބޭރު ފައިސާއާބެހޭ ގާނޫނާއި ގަވާއިދު ތަންފީޒުކުރުން އޭނާ ފާހަގަކުރެއްވި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އިމާދު އައްޔަންކުރީ 2020 ވަނަ އަހަރު އެވެ.