ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހި މަރުވި ޑޮކްޓަރަކަށް ކުރިމަތިވި ނަސްލީ ތަފާތުކުރުން

ޑރ. ސޫޒަން މޫރޭގެ އަޑުގައި ހުރި ވޭނެވެ؛ ހޮސްޕިޓަލުގެ އެނދުގައި އޮވެ އަމިއްލައަށް ރެކޯޑް ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ވާހަކަ ދައްކަމުން ދިޔައިރު ނޭވާލާން ވެސް ދަތިވާކަން އެނގެ އެވެ. މި ވީޑިއޯގައި ޑޮކްޓަރު ވަނީ ހޮސްޕިޓަލުން އޭނާއަށް ގެންގުޅުނު ނަސްލީ ތަފާތު ކުރުންތަކުގެ ވާހަކަތައް ވަރަށް އަސަރާއެކު ކިޔައިދީފަ އެވެ. ކޮވިޑް-19 ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތްއިރު އޭނާއަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާ ހޮސްޕިޓަލުން ދީފައިނުވާކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ސޫޒަންއަކީ ގައިގެ ކުލައިގެ ސަބަބުން ނަސްލީ ތަފާތު ކުރުން ތަކާ ކުރިމަތިވީ މީހެކެވެ. އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރީ ވޭނުގަ އެވެ. ހަމައެކަނި ކޮވިޑް ޖެހިގެން ގައިގައި އެޅި ވޭނެއް ނޫނެވެ. އޭނާއަކީ "ކަޅު" ނަސްލުގެ މީހަކަށް ވާތީ އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތުން ހިތްދަތިވީ ވަރުން ހިތުގައި އެޅިވޭން ވެސް ބަލީގެ ވޭނަށް ވުރެ ކުޑައެއް ނޫނެވެ. އޭނާއަށް ފަރުވާ ދޭން ހުރި "ދޮން" ޑޮކްޓަރު އޭނާއާ ދޭތެރޭ ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށް ސޫޒަންގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު އޭނާ ރެކޯޑްކުރި ވީޑިއޯގައި ބުނެފައި ވެއެވެ.

މި ވީޑިއޯގައި ސޫޒަން، 52، ބުނި ގޮތުގައި އޭނާއަކީ އެމެރިކާގައި ޑޮކްޓަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އޭނާ ކަރުގައި ވަރަށް ގަދަޔަށް ރިއްސާ ވަހަކަ އޭނާ ކައިރިއަށް އައި ޑޮކްޓަރު ކައިރީގައި ތަކުރާރުކޮށް ބުނި ނަމަވެސް އެއީ މާ ބޮޑު ކަމަކަށް އެ ޑޮކްޓަރު ނެހެދިކަމަށް ވީޑީއޯގައި ސޫޒަން ބުނެފައި ވެއެވެ.

"އެ ޑޮކްޓަރު އަހަންނަށް ތަދުކަނޑުވާ ބޭހެއް ވެސް ދޭން ދެކޮޅުހެދި. ބޭސް ނުދީ އަދި ބުނީ ގެއަށް ދާށޭ ދެން. އިތުރަށް ތަދުކަނޑުވާ ބޭސް ދޭން އެހާ ހިތްހަމަނުޖެހޭއޭ އެ ޑޮކްޓަރު ބުނީ،" ވީޑިއޯގައި ސޫޒަން ކިޔައިދީފައި ވެއެވެ.

ސޫޒަން ބުނި ގޮތުގައި އޭނާއަށް ފަރުވާ ދޭން އައި ޑޮކްޓަރު އޭނާއާ ދޭތެރޭ ކަންތައް ކުރީ "ޑްރަގް އެޑިކްޓް" އަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށެވެ. އެކަމާ އޭނާގެ ހިތަށް އިންތިހާއަށް އަސަރު ކުރި އެވެ.

ނިއު ޔޯކް ޓައިމްސްގައި ލިޔެފައިވާ މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ސޫޒަން މަރުވުމުގެ ކުރިން އޭނާގެ ފޭސްބުކް ޕޭޖްގައި ޝެއާ ކޮށްފައިވާ މި ވީޑީއޯގެ މައްޗަށެވެ.

އޭނާ އަކީ ވެސް ލައިސަންސް ލިބި ޕްރެކްޓިކްސް ކުރަމުންދާ ޑޮކްޓަރަކަށް ވިޔަސް އޭނާއަށް ހައްގު އިހުތިރާމް އަދާކުރުމަށް ފަރުވާ ދިން ޑޮކްޓަރު ނުކުޅެދުނުކަމުގެ ތުހުމަތު ވެސް މި ވީޑިއޯގައި ސޫޒަން ކޮށްފައި ވެއެވެ.

"އަހަރެންނަށް ގަބޫލު ކުރެވުނު ގޮތުގައި އަހަންނަކީ ވެސް ހަމުގެ ކުލަ އަލި މީހަކަށް ވީނަމަ އަހަންނާ ދޭތެރޭ އެ ޑޮކްޓަރު ކަންތައް ކުރިގޮތް ވަރަށް ތަފާތު ވީސް،" ވީޑިއޯގައި ދެއްކި ވާހަކަތަކުގައި ސޫޒަން ބުނެފައި ވެއެވެ.

މި ވީޑިއޯ ފޭސްބުކްގައި ޝެއާ ކުރުމާ ގުޅިގެން އެތައް ބަޔަކު ވީޑިއޯ ބަލައި ކޮމެންޓްތައް ކުރަން ފެށުމުން ހޮސްޕިޓަލަށް މި ކަންތައް އެނގިގެން ސޫޒަން އާ ދޭތެރޭ ކުރިޔަށް ވުރެ ރަނގަޅަށް ކަންތައްތައް ކުރަން ފެށި އެވެ. އަދި އޭނާގެ ކަރުގައި ހުރި ރިހުން ކޮންމެވެސް ވަރަކަށް ރަނގަޅުވެގެން ގެއަށް ވެސް ފޮނުވާލި އެވެ. ނަމަވެސް އޭގެ ދެ ހަފުތާ ފަހުން ކޮވިޑް ޖެހުމާ ގުޅިގެން ދިމާވި އިތުރު ސިއްހީ މައްސަލަތަކެއްގައި ސޫޒަން ވަނީ މި ދުނިޔެ ދޫކޮށްފައި ކަމަށް އޭނާގެ ދަރިފުޅު ހެންރީ މުހައްމަދު އާ ހަވާލާދީ މި ރިޕޯޓުގައި ބުނެފައި ވެއެވެ.

ހަމުގެ ކުލަ އަނދިރިމީހުންނަށް އެމެރިކާގައި ގެންގުޅޭ ނަސްލީ ތަފާތުކުރުން ތަކަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ކަމެކެވެ. ބަލިވެގެން ހޮސްޕިޓަލަށް ދާ ބަލި މީހުންގެ ތެރޭއިން ދޮން މީހުންނަށް މާ ރަނގަޅަށް ކަންތައް ކޮށްދީ ހަމުގެ ކުލަ އަނދިރި މީހުންނަށް ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރާ ކަމަށް ގިނަ ބަޔަކު އަބަދުވެސް ތުހުމަތުކުރެ އެވެ.

އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ނެރޭ މެޑިކަލް ޖާނަލްގައިވާ ރިޕޯޓެއްގައިވާ ގޮތުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ތެރޭގައި ވެސް ގިނައީ ކަޅު ނަސްލުގެ މީހުންނެވެ. މިހެން ދިމާވަނީ އެމީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ އާއި ފަރުވާ ދޭއިރު ވެސް ތަފާތުކުރުންތައް ގެންގުޅޭތީ ކަމަށް ރިޕޯޓުގައި ވެއެވެ.