ކިމްބަލީ މޮންޓްގޮމެރީ އަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ވިސްކޮންސިންގެ އެންމެ ބޮޑު ސިޓީ މިލްވައުކީގައި ދިރިއުޅޭ މީހެކެވެ. ކޯވިޑްގައި އޭނާގެ އާއިލާގެ 15 މީހުން މިހާތަނަށް މަރުވެފައި ވެއެވެ.
އެންމެ ފުރަތަމަ ކޯވިޑް-19 ޖެހިގެން މަރުވީ ކިމްބަލީގެ ބޮޑުދައިތަ އެވެ. ކިމްބަލީ ކިޔައިދިން ގޮތުގައި ބޮޑުދައިތަ އަށް ކުއްލިއަކަށް ނޭވާލާން ދަތިވާން ފެށީ އެވެ. އެހެންވެ ބޮޑުދައިތަގެ އަންހެންދަރިފުޅު އޭނާ ގޮވައިގެން ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމަށް ދިޔައީ އެވެ. އެ ދުވަހުގެ ފަހުން އެއްވެސް މީހަކަށް ބޮޑުދައިތައެއް ނުފެނުނެވެ. އޭނާ މަރުވެގެން އަންދާލީ އެވެ.
އޭގެ ފަހުން 14 މީހުން ކިމްބަލީގެ ހަޔާތުން ވަކިވެގެން ހިނގައްޖެ އެވެ. އެކަކަށް ފަހު އަނެކަކެވެ. އާއިލާގެ އެތައް ބަޔެކެވެ. އާއިލާގެ މީހުންހާ ގާތް އެކުވެރިންގެ ތެރެއިން އެތައް ބައެކެވެ. ހަމަ ކޯވިޑް ބަލީގަ އެވެ.
ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކިމްބަލީގެ ހަޔާތުން ވަކިވެގެން ދިޔަ އޭނާގެ ގާތް މީހުންގެ އަދަދު ގިނަ ކަމުން އެ ހިތާމަތަކުން ދުވަހަކުވެސް އަރައިގަނެވިދާނެ ކަމާ މެދު އޭނާއަށް ޝައްކެވެ. އަދި އެ ހުރިހާ އެންމެން ދުނިޔޭގައި ނެތްކަން އަދިވެސް އޭނާއަށް ގަބޫލުކުރަން ވެސް ދައްޗެވެ.
ކިމްބަލީ، 59، ބުނީ އެ އެންމެންގެ މަރުން އޭނާއަށް ލިބިފައިވާ ޝޮކްތަކުން އެއްގޮތަކަށް ވެސް އަރައިގަނެވޭނެ ހެން ހީނުވާ ކަމަށެވެ.
ކިމްބަލީ ދިރިއުޅޭ މިލްވައުކީ ސިޓީގެ އާބާދީގެ 12 ޕަސެންޓަކީ ކަޅު ނަސްލުގެ މީހުންނެވެ. ޚުދް ކިމްބަލީ އަކީ ވެސް އެ ނަސްލުގެ މީހެކެވެ. އަދި ކޯވިޑް ޖެހިގެން އެ ސިޓީން މަރުވި 15 ޕަސެންޓް މީހުންނަކީ ވެސް ހަމަ އެ ނަސްލުގެ މީހުންނެވެ. މިއީ ވެސް ވަރަށް ހިތާމަވެރި އަދި އެހާމެ ޝޮކް ލިބޭ ކަހަލަ ހަގީގަތެކެވެ.
ކަޅު ނަސްލުގެ އެމެރިކާ މީހުންގެ ތެރެއިން 73،000 މީހުން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިއީ ނަސްލީ ތަފާތުކުރުންތައް ބޮޑުކަމުން މި މީހުންނަށް ދޭންވާ އަޅާލުން އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ދިމާވަމުންދާ ކަމެއް ކަމަށް ކިމްބަލީ ގަބޫލު ކުރެ އެވެ. އަދި އޭނާގެ ހިތާމަތައް އެއްފަރާތް ކޮށްފައި އޭނާ ކަހަލަ އެ ނަސްލުގެ މީހުންނަށް އެކަށީގެންވާ ބޭސް ފަރުވާ އާއި ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތުގައި ކިމްބަލީ ވަނީ ބުރަ މަސައްކަތްތަކެއް ކުރަން ފަށާފަ އެވެ.
އޭނާ ބުނި ގޮތުގައި ލޯބިވާ އެތައް ބަޔަކު ކޯވިޑްގައި މަރުވެގެން ގޮސްފައިވާ ހަމައެކަނި އޭނާގެ އާއިލާއަކުން ނޫނެވެ. ފިރިމީހާ ނުވަތަ މައިންބަފައިން މަރުވެފައިވާ އެތައް އާއިލާތަކެއް އެކަމުގެ ހިތާމަ ދަނީ ކުރަމުންނެވެ.
ކިމްބަލީ ބުނި ގޮތުގައި ކޯވިޑް ޖެހިގެން އެ ބަލީގައި އުޅޭ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ރަނގަޅު ގޮތްތަކެއް މިންވަރު ކޮށްދެއްވުން އެދި އޭނާ ކޮންމެ ރެއަކުވެސް ދުއާ ކުރެ އެވެ.