ކޮވިޑް ބަލިމަޑުކަމުގެ ތެރެއިން ފާޅުވެ ސެލެބްރިޓީއެއްގެ ދަރަޖަ ލިބިވަޑައިގެން ހުންނެވި ޑރ. އެންތަނީ ފައުޗީ ކޮބައި ހެއްޔެވެ؟ ކޮވިޑް މައުލޫމާތު ސެޝަނެއް، ފައުޗީއާ ނުލައި ފުރިހަމަ ނުވާނެކަން އެންމެ ވެސް ދަނެ އެވެ.
ކޮވިޑް ވެކްސިން ޖެއްސެވުމަށް ފަހު ވަޑައިގެންނެވި ވަކިތަނެއް ސާފުނުވެ އުޅެނިކޮށް ފެނުނީ ދެއްވާފައި އޮތް އިންޓަވިއުއެކެވެ. އިންޖެކްޝަން ޖެއްސެވުމުން ކުރެވުނު ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ އެދުވަސް ނިމިގެންދިޔައިރު ވެސް ހިރުވާލިތަން ކަހާވެސް ނުލާ ކަމަށެވެ.
ފައުޗީ އިހުތިޔާރު ކުރެއްވީ އާންމުންނަށް ފެންނަ ގޮތަށް ވެކްސިންދެއްވުމަށެވެ. އެމެރިކާގައި އެއް ވެކްސިނަށް ވުރެ ގިނަ ވެކްސިން ލިބެން ހުއްޓައި، ފައިޒާ ބަޔޮންޓެކް ވެކްސިން ދޫކޮށްލައްވައި ފައުޗީ ޖެއްސެވީ މޮޑާނާ ވެކްސިނެވެ. މޮޑާނާއިން ވެކްސިން އުފައްދާފައި ވަނީ "ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސް" (އެންއައިއޭއައިޑީ) ގެ އެހީތެރިކަމާ އެކު އެވެ. ފައުޗީ މަސައްކަތްކުރައްވަނީ އެ އިންސްޓިޓިއުޓްގަ އެވެ.
ކޮވިޑް ވެކްސިން ޖެއްސުވުމަށް ފަހު ކުރެއްވުނު ތަޖުރިބާ ވިދާޅުވެދެއްވަން އެދުމުން އެއްކޮލުން ހީނލައްވާފައި ވިދާޅުވީ އެއްވެސް ކަމެއް ނުވާ ކަމަށެވެ.
"މުޅި ދުވަސް ދިޔައީ ވަރަށް އަރާމުކޮށް،" ފައުޗީ ވިދާޅުވި އެވެ. "އެރޭ ވަރަށް ރަނގަޅަށް ނިދުނު. އެކަމަކު ހެނދުނު ހޭލެވުނުއިރު އަތުގައި ކޮންމެވެސް ވަރެއްއްގެ ރިހުމެއް ހުރި، އެއީ އެންމެ ބޮޑުވަރަކަށް ވެސް ވީ ކަމަކީ"
އިންޖެކްޝަން ޖެހުމުން އަތުގައި ރިހުމަކީ ކޮވިޑް ނޫން ވެކްސިނުން ވެސް ވާ ކަމެއް ކަމަށް ފައުޗީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭނާއަށް އިތުރު ކަމެއް މެދުވެރިނުވި ނަމަވެސް، ކޮވިޑް ވެކްސިން ޖެހުމުން ގައިގައި ރިހި، ހުންއައިސް އަދި ބޮލުގައި ރިއްސާ ކަމަށް މީހުން ބުނާ ކަމަށެވެ. އެލާޖީ ހުންނަ މީހުންނަށް ވެސް ބޮޑުވަރުވާކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
"ކޮންމެ ވެކްސިނެއްގައި ވެސް ހުންނާނެ މިކަހަލަ މިކަހަލަ ކަންތައްތައް" ފައުޗީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީހުން ވެކްސިން ޖަހަނީ ބަލިން ވާވަރަށް ވުރެ ކުޑަވަރު ވެސް ހެޔޮ ކަމަށެވެ.