ހަބަރު

ބަދުރަށް ނިޝާން ދިޔަމިގިލި، އިބްރާހިމް އިސްމާއީލަށް މުލީ

ދިވެހި ދައުލަތުން ދޭ އިއްޒަތްތަކުގެ ތެރޭގައި ހިމެނޭ ނިޝާން މުލީގެ ޝަފަރުވެރި އިއްޒަތުގެ ވެރިކަން (ނމޝޢ) މ. މަހުމާ ވިލާ، އިބްރާހީމް އިސްމާއީލަށް އަދި ނިޝާން ދިޔަމިގިލީގެ ޝަފުވެރި އިތްޒަތުގެ ވެރިކަން (ނދޝޢ) މއ، ވިލުވެލި، ބަދުރުއް ނަސީރަށް އަރުވައިފި އެވެ.

މި ދެ ބޭފުޅުންނަށް އިއްޒަތް އަރުވާފައި ވަނީ މިރޭ މާލޭގެ ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ އިނާމް ދިނުމުގެ ހާއްސަ ޖަލްސާގަ އެވެ. މި ޖަލްސާ ބާއްވާފައި ވަނީ ގައުމީ އެއްވައިވަންތަ ކަމުގެ ދުވަހާވެސް ގުޅުވައިގެނެވެ. އެ ދެ ބޭފުޅުންނަށް އިއްޒަތް އަރުވައި މެޑަލް އަރުވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހެވެ.

ނޫނުމީނުޝީނުޢައިނުގެ އިއްޒަތުގެ ވެރިކަން އެރުވި އިބްރާހީމް އިސްމާއީލު (ބޮޑޭ) އަކީ ދިވެހި ސަރުކާރަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދި ކުޅިވަރުގެ ތާރީހުގައި ފަހުރުވެރި ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވެ އެވެ. ރާއްޖޭގެ ތައުލީމީ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައި، ރާއްޖޭގެ ތައުލީމު ފުޅާކުރައްވައި، ތަރައްގީ ކުރެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްތަޖެއް ކުރެއްވެވި އެވެ.

ނޫނުދާލުޝީނުޢައިނުގެ އިއްޒަތުގެ ވެރިކަން އެރުވި ބަދުރުއް ނަސީރަކީ، ރާއްޖޭގައި ރޭޑިއޯގެ ހިދުމަތް ދޭން ފެށިތާ ވަރަށް ކުރީކޮޅު، އެދާއިރާއާ ގުޅިވަޑައިގެން، އެދާއިރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ހަމައެކަނި އެބޭފުޅެއްގެ އަޑު އިވިގެން، ރާއްޖޭގެ އުތުރުން ދެކުނަށް، އެބޭފުޅަކަށް އިހްތިރާމާއި ލޯބި އުފެދުނު މަދު ބޭފުޅުންގެ ތެރޭގައި ބަދުރު ހިމެނިވަޑައިގަންނަވަ އެވެ.