ގައުމީ އިނާމް

ހަތަރު ބޭފުޅަކަށް ޝަރަފު، 14 ބޭފުޅަކަށް ހިތްވަރު

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ދެއްވައިފި އެވެ. މި އިނާމުތައް ދެއްވީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލާއެކެވެ.

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް މި އިނާމު އެރުވީ އެބޭފުޅާގެ ހަނދާނަށެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުން

  • ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމާއި އެ އިލްމުގެ ދާއިރާއިން - އަލްމަރްޙޫމް އިބްރާހީމް ހުސައިންފުޅު، މަންޒިލް، ބ. ތުޅާދޫގެ ހަނދާނަށް
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން - ހަސަން ލަބީބު، ކެމީ، ސ. ހިތަދޫ
  • ސިއްހީ ދާއިރާއިން - ޑޮކްޓަރު ހާމިދު ރަޝީދު، މއ. އެވޭލާގެ
  • ކުޅިވަރުގެ ދާއިރާއިން - އަލްފާޟިލް މައްލާ ޅަތުއްތު، ހ. ސާވަން

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި ބޭފުޅުން

  • ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމާއި އެ އިލްމުގެ ދާއިރާއިން - އަލްޙާފިޒާ ލަތީފާ އަހްމަދު، މާވުލެސް، ސ. ހިތަދޫ
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ބަސް އުގަންނައިދިނުމުގެ ރޮނގުން - އަބުދުﷲ ޖަމީލް، ވައްވަރުގެ، ޅ. ނައިފަރު
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން - ފަތުޙުﷲ އަހްމަދު، މޫރިތިގެ، ހއ. އިހަވަންދޫ
  • އުނގެނުމުގައި ޚާއްސާ އެހީއަށް ބޭނުންވާ ކުދީންނާއި މީހުންނަށް ތައުލީމު ދިނުމުގެ ރޮނގުން - ޝަރަފުލްހުދާ މުހައްމަދު، ސީނުގެ، ގއ.ނިލަންދޫ
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން - ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
  • މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން - މުހައްމަދު ރާޝިދު، މ. ހުސްނޫ
  • ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން - ޔޫސުފް ރިފްއަތު، ނޫވިލު، ޅ. ހިންނަވަރު
  • އެކި ބާވަތުގެ މަސައްކަތްކުރުމާއި ކުރިއެރުވުމުގެ ރޮނގުން - ފާތިމަތު ޝިފާ މޫސާދީދީ، ސަރާސަރުގެއާގެ، ސ. ހިތަދޫ
  • ކޮމްޕިއުޓަރު ސޮފްޓްވެއާ އާއި ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީ ކުރުމުގެ ރޮނގުން - ޑޮކްޓަރު މުހައްމަދު ކިނާނަތު، މއ. ބޮޑުދަހަރާގެ
  • ކުޅިވަރު ހިންގުމާއި ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން - އިބްރާހީމް މުހައްމަދު، ހ. ސްނޯޕީކް
  • ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން - އަލީ ރަޝީދު، ހަނދުވަރީގެ، ސ. ފޭދޫ
  • ކުޅިވަރު ހިންގުމާއި ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން - ފާތިމަތު ސާލިޔާ، ވާރޭވިލާ، ހދ. ނޭކުރެންދޫ
  • ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ގެ ރޮނގުން - މައިމޫނާ، މ. މިރިޔާސްގެ
  • ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތުގެ ރޫޙު އާލާކުރުމުގެ ރޮނގުން - އަރުޝަދު އަޝްރަފް، ހުސްނުހީނާގެ، ހއ. ހޯރަފުށި

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ ދިވެހި ޤގައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ އެ ކަންކަމުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަގުސަދުގައިދޭ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.