ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

35 އަހަރު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ގައުމީ ފެންވަރުގެ އިނާމެއް ދެއްވަނީ

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް "ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް މި އަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ނިންމެވުން ވަޒީރުންނާއި ހިއްސާ ކުރައްވާފައެވެ. އެ އޮފީހުން ބުނީ މި އިނާމުގެ ތަފްސީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަން ޖެހޭނެ ހިދުމަތްތަކެއްކަން ފާހަގަކުރެއްވި ކަމަށެވެ.

އެހެންކަމުން ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ހިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެކަމާބެހޭ މަސައްކަތް، ގައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލު ކުރައްވާފައިވާ ކަމަށާއި، އިނާމު ދެއްވުމުގެ އުސޫލު އެކޮމިޓީން ކަނޑައެޅުއްވުމުން، އެ އުސޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ހިޔާލު ހޯއްދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.