ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބު: އޮތީ ގާނޫނު އިސްލާހުކުރުން!

މި މަސް ފެށިގެން އައިރު، ކޮވިޑް-19 އިގެ ނަންބަރުތައް ތިރިވަމުން ދިއުމާއެކު، މިހާރުވެސް ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ފުރުސަތު ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް ކުރިމަތިވެފައިވާ ޕްރެޝަރު އިތުރުވި އެވެ.

މި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާ ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.

އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. މިދިއަ މެއި މަހުގެ 10 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގާނޫނު ތަސްދީގު ކުރެއްވުމާއެކު، އަންނަ އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހުގެ ގޮތުގައި ކަނޑައެޅިގެންދިއަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ކޮންޓްރޯލްކުރާ މަޖިލިސް މިއަހަރަށް މަސައްކަތް ނިންމައި، ދެ މަސް ދުވަހުގެ ދިގު ޗުއްޓީއަކަށް ދިއުމުގެ ކުރިންވެސް، އިންތިހާބު އިތުރަށް ފަސްނުކުރެވޭނެކަމަށް ބުނެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.

އިތުރަށް އެއް އަހަރަށްވުރެ ދެން ދިގުދެމިގެން ދާގޮތަށް އަނެއްކާވެސް މިހާރު ތިބި ކައުންސިލަރުން ތިބުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ފެންނާތީ ކައުންސިލު އިންތިހާބު އެ އޮތް ތާރީހުގައި ބޭއްވުމަށް ދޭން ޖެހޭ އެންމެހާ އެއްބާރުލުން ސަރުކާރުގެ ހުރިހާ އިދާރާދަކުން ދިނުމަށް އަޅުގަނޑު އެ ފަރާތްތަކަށް ގޮވާލަން
ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު

މިހާރު ކައުންސިލުތަކުގައި ތިބި މެންބަރުންގެ ދައުރު އިތުރުކޮށްފައިވާއިރު، އިންތިހާބު އިތުރަށް ފަސްކުރަން ޖެހިއްޖެނަމަ، އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ މެންބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައި އެވެ.

އެ ކަންބޮޑުވުން ގޮސް ގުޅެނީ، ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލުތައް އިތުރަށް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކާ އެވެ.

މިގޮތުން، އަންނަ އަހަރު ކައުންސިލުތަކަށް ލިބޭ އާމްދަނީ އާއި ރަށްތަކާއި ފަޅުތަކާއި ބިންތައް ޓޫރިޒަމަށް ދޫކުރުން ފަދަ ބޮޑެތި ބާރުތައް ކައުންސިލުތަކަށް ދޫކޮށްލާފައިވާއިރު، މިހާރުވެސް ދައުރު ހަމަވެފައިތިބި ކައުންސިލަރުންތަކެއްގެ އަތް މައްޗަށް އެފަދަ ބޮޑު ޒިންމާތަކެއް ދޫކޮށްލުމަކީ ހަގީގަތުގައިވެސް ސުވާލުތަކާއި ކަންބޮޑުވުން ބޮޑުވެފައިވާ މައްސަލަ އެކެވެ.

ސަންސެޓު ގާނޫނުގެ ހަތް ވަނަ މާއްދާ

އެ ގާނޫނު މެދުވެރިކޮށް އިންތިހާބު ބާއްވަން އެއް އަހަރުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ދިން ނަމަވެސް، އެ ގާނޫނުގައި ހިމެނި މާއްދާއަކުން އެ ކޮމިޝަނުގެ އަތް ވަނީ ބަނދެވިފައި އެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާގައި (ހ) ގައި ބުނާ ގޮތުން އިންތިހާބުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނީ މިދިއަ މާޗް މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ.

އަދި އިންތިހާބާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅުމުން ނޫނީ އަލުން އެ އިންތިހާބު ނުބޭއްވޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ގާނޫނު ވުޖޫދުވުމާއެކު، އީސީން ވަނީ އަންނަ މާޗް މަހު އިންތިހާބު ބޭއްވުމަށް ކަނޑައަޅައި، އެކަމަށް ފުރުސަތު ދިނުމަށް ސިއްހީ ކުއްލި ހާލަތު އުވާލުމަށް އެޗްޕީއޭގެ ކިބައިން އެދިފައި އެވެ.

އަދި އެކަމަށްޓަކައި، ކުއްލި ހާލަތު އެންމެ ލަސްވެގެން އަންނަ ޖެނުއަރީ މަހުގެ ފަސް ދުވަހު އުވާލައިގެން މެނުވީ، އިންތިހާބު ބޭއްވުމުގެ ކަންކަން ކުރިއަށް ނުގެންދެވޭނެކަމަށް އީސީން ވަނީ އިންޒާރުދީފައި އެވެ.

ނަމަވެސް، އެކަމުގައި ކުރިމަގެއް ލިބޭ މަންޒަރެއް ނުފެނެ އެވެ. އެންމެ ފަހުން އެޗްޕީއޭ އާއި އީސީން ބޭއްވި ބައްދަލުވުމުގައިވެސް ކުއްލި ހާލަތު އުވާލެވޭނެ ތާރީހެއް ބުނަން ނޭނގޭކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރާ ހަތިޔާރު ބެހެއްޓޭކަށް ނެތް

މި މަހުގެ ކުރީކޮޅު، ކޮވިޑުގެ އަދަދުތައް ތިރިވަމުން އައި އިރު، ކުއްލި ހާލަތު އުވާލުމަށް ގޮވާލަމުންދިއަ ގޮވާލުންތަކުގައި ބުރަދަނެއް ހުއްޓެވެ.

އަދަދުތައް ތިރިވުމުން، މާލެ ސަރަހައްދަށް އިއުލާނުކޮށްފައިއޮތް ކާފިއުއާއި، ކަރަންޓީނުވާންޖެހޭ މުއްދަތު 10 ދުވަހަށް ކުޑަކުރުން ފަދަ ފިޔަވަޅުތަކަށް ލުއިތައް ދިނުމުން، ކުއްލި ހާލަތު ދެމެހެއްޓުމުގެ ބޭނުމާ މެދު ގިނަ ބަޔަކު ދިއައީ ސުވާލު އުފައްދަމުންނެވެ.

އިންތިހާބު އިތުރަށް ފަސްކޮށްގެން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކުގެ ކަންބޮޑުވުންތަކާއެކު އެވެ. ގާނޫނަކުން ލާޒިމުކޮށްފައި އޮތް ކަމަކަށް ފުރުސަތު ދޭންޖެހޭކަމަށް ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވެސް ފާހަގަކުރައްވަނީ އެ ނުކުތާ އެވެ.

އިންތިހާބާބެހޭ ހާއްސަ ގާނޫނުން ވަކި ތާރީހެއްގެ ކުރިން އިންތިހާބެއް ބޭއްވުން ލާޒިމުކުރަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނޫން ކަން ޝަރީފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

"އިންތިހާބާބެހޭ ހާއްސަ ގާނޫނު ހިނގަނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަންގެ މައްޗަކަށް ނޫން. އެ ގާނޫނަށް ހުރިހާ އިދާރާތަކަކުން ބޯލަނބަންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެން ނޫންނަމަ، ގާނޫނެއްގެ ބޭނުމެއްނެތް. އެހެންވީމާ، އަޅުގަނޑުމެން މި ދަންނަވަނީ އެ ގާނޫނާ އެއްގޮތަށް އިންތިހާބު ބާއްވަން، އެޗްޕީއޭއިން ވެސް އަޅުގަނޑުމެންނަށް ފެސިލިޓޭޓް ކޮށްދޭން ޖެހޭނެއޭ،" ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް، ކޮވިޑުގެ ނަންބަރުތައް ތިރިވުމަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫން ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެޗްޕީއޭއިން އައީ ބުނަމުންނެވެ. އަދި އެންމެ ހިނދުކޮޅަކަށްވެސް ފަރުވާކުޑަކޮށް، އަވަސް އަރުވާލައިގެން ފިޔަވަޅުތައް އުވާލައިފިނަމަ، ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރާއެކު އެވެ.

މިގޮތުން، ކުއްލި ހާލަތު އުވާލައި، ހާއްސަކޮށް އަތޮޅު ތެރެއަށް ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެޗްޕީއޭ އައި ޕްރެޝަރު އެންމެ ބޮޑުވި ދަނޑިވަޅު، ކޮވިޑް-19 އިގެ މިސްރާބު މިވަނީ މުޅިން އެހެން ދިމާއަކަށް އެނބުރިގެން ގޮސްފައި އެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 އިގެ މުޅީން އާ ވޭރިއަންޓެއް ނުވަތަ ބާވަތެއް ފެނުމާއެކު މުޅި ދުނިޔެ ވަނީ އަނެއްކާވެސް އެލާޓަށް އައިސްފައި އެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުން ވެސް ޔޫކޭއަށް ދަތުރުފަތުރު ކުރުން ތާށިކޮށްފައިވާއިރު، ރާއްޖެއަށް ވެސް ވަނީ ޓޫރިޒަމަށް އެންމެ މުހިއްމު އެންމެ މާކެޓަށް ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަންޖެހިފައި އެވެ.

ޓޫރިޒަމް އަނެއްކާވެސް ހަށިފުރާ ހަމަނޭވާއެއް ލާން ދިއަ ދަނޑިވަޅު، ޔޫކޭއިން އަންނަ ފަތުރުވެރިން ކަރަންޓީނުވާންޖެހޭ ގޮތަށް އަލުން މިވަނީ އުސޫލު ބަދަލުކުރަން މަޖުބޫރުވެފައި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު އަވަސް އަށް ވިދާޅުވި ގޮތުގައި، ޓޫރިޒަމަށްޓަކައި ރާއްޖެއަކީ މުޅި ދުނިޔެއަށް ހުޅުވާލެފައިވާ ގައުމެއް ކަމަށްވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑުގެ ނަންބަރުތައް އަދިވެސް ދަނީ އިތުރުވަމުންނެވެ.

ރައްކާތެރިކަމާއެކު އިންތިހާބު ބޭއްވޭނެ ގޮތްތަކާމެދު އީސީއާއެކު މަޝްވަރާ ކުރެވެމުން އައި ނަމަވެސް، އެ ސަބަބަށްޓަކައި، ކުއްލި ހާލަތު އުވާލެވޭނެ ސީދާ ތާރީހެއް އަދި ބުނަން ދަތިކަމަށް ނަޒްލާ ވިދާޅުވި އެވެ.

ކޮންމެ ވަގުތެއްގައި ވެސް ބަލި އަނެއްކާވެސް ފެތުރިގެން ހިނގައިދާނެ ބިރު ފިލައިގެން ގޮސްފައިނުވާއިރު، އެކަން ހުއްޓުވުމަށް އެޗްޕީއޭއަށް ލިބިފައިވާ ގާނޫނީ ހަތިޔާރަކީ ކުއްލި ހާލަތު ކަން އޭނާ ފާހަގަކުރައްވަ އެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުއްވެނީ. އޭގެ ސަބަބުން ގާނޫނީ ބާރު އެބަ ލިބޭ ފިޔަވަޅުތައް އަޅައިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހަފްތާއެއްގެ ތެރޭގައި ހާލަތު ބަދަލުވާނެ؟

އިންތިހާބާބެހޭ ހާއްސަ ގާނޫނުގައި މެއި ނުވަ ވަނަ ދުވަހަކީ އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހުކަމަށް ކަނޑައަޅާފައިވާއިރު، މާޗް ހައެއް ނޫނީ 13 ގައި ކޮންމެހެން އިންތިހާބު ބާއްވަން އީސީން މަސައްކަތް ކުރަނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ.

ނަމަވެސް، އެ ސުވާލުގެ ޖަވާބު އެ ކޮމިޝަނުގެ ރައީސް ވަނީ ދެއްވައިފަ އެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ދެން މެއި މަސް މި ދިމާވަނީ ރޯދަ މަހުގެ ފަހު ދިހަ އާ. އަޅުގަނޑުމެން މާޗް މަހު އިންތިހާބު ބާއްވަން މި މަސައްކަތް ކުރަނީ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވައި ނިންމަން. ރޯދަ މަސް ތެރޭ އިންތިހާބެއް ބާއްވައިގެން އޭގެން ނުކުންނާނެ ނަތީޖާއެއް ނޭނގޭތީ،" ޝަރީފް ވިދާޅުވި އެވެ.

އެ ވިސްނުމަށް ބަލާއިރު، މާޗް މަހު އިންތިހާބު ބޭއްވުމަށްޓަކައި، އެންމެ ލަސްވެގެން ޖެނުއަރީ ފަހެއްގެ ކުރިން ކުއްލި ހާލަތު އުވާލަންޖެހެނީ، އެހެން ގާނޫނުތަކުން ލާޒިކުރާ މުއްދަތުތަކެއް ހުންނާތީ އެވެ.

މިގޮތުން، ވޯޓުލާ މީހުން ރީރަޖިސްޓާ ކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން ފަދަ ކަންކަމަށް މަދުވެގެން 45 ދުވަސް ބޭނުންވާއިރު، ކެމްޕެއިނަށް ވެސް މަހެއްހާ ދުވަސް ދޭން ގާނޫނުން ލާޒިމްކުރެ އެވެ.

އަދި އެއީ އިންތިހާބަށް މުވައްޒަފުން ނަގައި ތަމްރީން ކުރުމަށް ބޭނުންވާ 15 އަށް ވުރެ ގިނަ ދުވަސް ނުހިމަނައި އެވެ.

ކޮވިޑް-19 އިގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ނުދެވުމަކީ ވެސް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވެފައިވާ އިތުރު ހުރަހެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ އެ ފުރުސަތު ފަހިކޮށް ނުދީ އިންތިހާބު ބާއްވައިފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންތިހާބު ބާތިލު ކުރުމުގެ ފުރުސަތު ވާދަކުރާ ކެންޑިޑޭޓަކަށް ފަހިވެގެން ދާނެ ކަމަށެވެ.

ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބަލާއިރު، އީސީން ކަނޑައަޅާފައިވާ ޑެޑްލައިން ހަމަވާން ބާކީ އޮތީ އެންމެ ހަފްތާ އެކެވެ. އެ މުއްދަތުގެ ތެރޭގައި އެޗްޕީއޭ ހިތްހަމަޖެހޭ މިންވަރަށް ދުނިޔޭގައި ކޮވިޑް-19 އިގެ ހާލަތު ކޮންޓްރޯލްވުމަކީ ނުވާނެކަމެއްކަމަށް ބުނުން ގޯހަކަށް ނުވާނެ އެވެ.

ގާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ގާނޫނު ނަންބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާޙްކޮށްދެއްވުން އެދެން
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް

ކޮވިޑުގެ ވެކްސިނެއް އަންނާނެކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކަމަށް ލަފާކޮށްފައިވާއިރު، މަޖިލީހުން ހޯދައިދިން ހައްލު މިވަނީ ނަފީވުމާ ގާތަށް ޖެހިފައި އެވެ.

ކުއްލި ހާލަތުގެ ދެމެދު އެޗްޕީއޭ އާއި އީސީވެސް ރަނގަޅަށް ތާށިވެފައިވާއިރު، މަޖިލީހަށް މިވަނީ އަނެއްކާވެސް ކައުންސިލް އިންތިހާބަށް ހައްލެއް ހޯދައިދޭން ޖެހިފައި އެވެ.

މިހާރު ހާލަތު އޮތް ގޮތުން، ކުއްލި ހާލަތު އުވާލަން މަޖުބޫރުކުރާނެކަމަށް ނުބެލެވޭއިރު، މަޖިލީހަށް ޖެހިފައިވަނީ، މިހާރު ފާސްކޮށްފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާ އުވާލައި، ކުއްލި ހާލަތުގެ ތެރޭގައި އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރުން ނޫނީ، ގާނޫނުގައި އިންތިހާބު ބާއްވަންޖެހޭ ތާރީހު އިތުރުކޮށް، އަނެއްކާވެސް ކައުންސިލް އިންތިހާބު އިތުރަށް ފަސްކުރުމެވެ.