ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދެކޮޅުހެއްދެވުމަށް ފަހު ކޮވިޑް ރިލީފް ބިލްގައި ޓްރަމްޕް ސޮއިކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2.3 ބިލިއަން ޑޮލަރުގެ މާލީ ބިޔަ ޕެކޭޖަކަށް ފުރުސަތު ދެއްވައި ރިލީފް ބިލްގައި ސޮއި ކުރައްވައިފި އެވެ. ޓްރަމްޕް ވަނީ ކޮންގްރެސްއިން ބިލް ފާސް ކުރުމުގައި ހިމަނާފައިވާ ބައިތަކަށް ތަކުރާރުކޮށް ފާޑުވިދާޅުވެ، ސޮއި ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑްގައި ހާލުގައިޖެހި ގެއްލުން ލިބުނު އެމެރިކާ މީހުންނަށް އެހީވުމަށް މިޕެކޭޖްގައި ހިމެނި 900 ބިލިއަން ޑޮަލަރު މާ ކުޑަ ކަަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އެވާހަ ތަކުރާރު ކުރައްވާފަ އެވެ. އެގޮތަށް ބިލް ފާސްކޮށްފި ނަމަ ކޮންމެ މީހަކަށް ލިބޭނީ 600 ޑޮލަރު ކަމަށާއި ބޭނުންފުޅުވެލައްވަނީ ކޮންމެ މީހަކަށް 2،000 ޑޮލަރު ދެއްވަން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ޕެކޭޖްގައި އެހެން ގައުމުތަކަށް ފައިސާ ދޭން ކަނޑައަޅާފައި އޮތުމަކީ ވެސް ޓްރަމްޕް ހިތްޕުޅާނުވި ކަމެކެވެ. ވިދާޅުވީ އެމެރިކާއިން ދޭ ފައިސާއަށް އެހެން ގައުމުތަކުން ހަތިޔާރު ގަންނަ މީހުންނަށް އެއްވެސް އެއްޗެއް ދޭނެ ކަމެއް ނެތް ކަމަށެވެ.

ޓްރަމްޕް މި ބިލުގައި ސޮއި ނުކުރައްވައި ލަސް ކުރެއްވުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ރައީސް ކަމަށް ހޮވިވަޑައިގެން ހުންނަވި ޖޯ ބައިޑަން ވެސް ވަނީ އުދާސްވެވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ މިވަގުތު ލަފާ ކުރެވެން ނެތް ވަރުގެ ގެއްލުންތަކެއް މާދާމާ ވެސް ވެދާނެ ކަމަށެވެ.

މި ބިލް ތަސްދީގު ނުކުރައްވައި ހިފެހެއްޓެވި ސަބަބާ ބެހޭ ގޮތުން ވައިޓް ހައުސްއިން ވެސް އެއްޗެއް ނުބުނެ އެވެ. މަސްރަހުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު ޓްރަމްޕް ބިލްގައި ސޮއި ކުރައްވާފައި ވަނީ ގޮތްހުސްވެ ވަޑައިގެނެވެ.

ޓްރަމްޕް މާލީ ޕެކޭޖަށް ހުއްދަ ދެއްވާފައި ވަނީ ވަރަށް ނުރައްކާތެރި ދަނޑިވަޅެއް ބޯމަތިވެފައި ވަނިކޮށެވެ. ތަސްދީގު ނުކުރަައްވައި މިއަދުގެ ނިޔަލަށް ހިފެހެއްޓެވި ނަމަ ސަރުކާރުގެ އިދާރާތައް ހުއްޓުމަކަށް އަންނާނެ ކަމަށް އޮތީ ބެލެވިފަ އެވެ.