ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބައިޑަން 1.9 ޓްރިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ބިލް ތަސްދީގު ކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން 1.9 ޓްރިލިއަން ޑޮަލަރުގެ ކޮވިޑް ރިލީފް ބިލް ސޮއި ކުރައްވައި ތަސްދީގު ކުރައްވައިފި އެވެ. މިއީ ކޮވިޑާ ހެދި ހިތްވަރު ގެއްލިފައިވާ އެމެރިކާގެ އިގްދިސޯތު ތާޒާ ކުރުމަށް އުންމީދެއް ކަމަށް ބުނެވޭ ބިލެކެވެ. ވައިޓް ހައުސްގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތު އެމެރިކާ ނެޓްވޯކްތަކުން ވަނީ ވަގުތުން ގެނެސްދީފަ އެވެ.

ބައިޑަން ވިދާޅުވީ މިއީ އެމެރިކާގެ މައިބަދަ އަލުން ކޮޅަށްޖެހުމަށް ކުރެވޭ ތާރީހީ މަސައްކަތެއް ކަމަށެވެ. އަދި ހިތްވަރު އާކޮށް އަލުން ފަށައިގަތުމަށް އެންމެހައި ފަރުދުންނަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އެމެރިކާގެ ސެނެޓުން މިބިލް ފާސް ކޮށްފައި ވަނީ ވަރަށް ހަނި ގޮތަކަށެވެ. ގާނޫނު ހަދާ މަޖިލީހުގައި ޕާޓީ ފިކުރަށް ބައިއަޅައި ކުރި ދިގު ބަހުސަށް ފަހު ބިލް ފާސްކޮށްފައި ވަނީ 50-49 އިން، ރިޕަބްލިކަންގެ އެއްވެސް އެހީއަކާ ނުލަ އެވެ.

ކޮވިޑް ރިލީފް ބިލަކީ ކޮވިޑާ ގުޅިގެން އެމެރިކާ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަނޑައެޅި ފައިސާގެ ޕެކޭޖެކެވެ. މި ބިލުގައި ވަކިވަކި ފަރުދުންނަށް 1،400 ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފަ އެެވެ. އަދި ސްޓޭޓްތައް، މުނިސިޕަލްޓީތައް، ސްކޫލްތަކާއި ކުދިވިޔަފާރި އަދި ވެކްސިން ފޯރު ކޮށްދިނުމަށް ބިލިއަނުން ހޭދަ ކުރަން ވަނީ ކަނޑައަޅާފަ އެވެ.

ބިލް ތަސްދީގު ކުރެއްވުމާއެކު ޖޯ ބައިޑަންގެ ސަރުކާރަށް ތާއީދުކުރާ މީހުން އަންނަނީ އުފާފާޅުކޮށް ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ބުނަމުންނެވެ. ސަރުކާރު ހިންގުމުގައި އިސްކޮށް ތިއްބެވި އޮފިޝަލުން ބޭނުންވި ގޮތަށް މާޗް 14 އިގެ ކުރިން ބިލް ފާސް ކުރެވުމަކީ ކުރެވުނު ބުރަ އަދި ކާމިޔާބު މަސައްކަތަކަށް ވަނީވެފަ އެވެ.