ކޮވިޑް އުފެދުނީ ހަމަ ހަގީގަތުގައި ވެސް އެވެނި މިވެނި ގޮތަކަށް ކަމަށް ބުނެ ދައްކާނެ އެއްވެސް ގޮތެއް މިވަގުތު އެނގެން ނެތް ކަމަށް އެމެރިކާގެ އޮފިސް އޮފް ދަ ޑައިރެކްޓާސް އޮފް ނެޝަނަލް އިންޓެލިޖެންސް އިން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އެއިދާރާއިން ބުނީ އަދި ވަކި ގޮތަކަށް ނިންމަން ނޭނގުނު ނަމަވެސް ތަހުގީގަށް ދެގޮތެއް ހުށަހެޅިފައި އޮތް ކަމަށެވެ.
ނެޝަނަލް އިންޓެލިޖެންސް އޮފީހުން ބުނީ ކޮވިޑް އުފެދުނު ކަމަށް ކިޔައިދޭން އޮތް ފުރަތަމަ ސިފަކުރުމަކީ ގުދުރަތީ ގޮތުން ޖަނަވާރުންގެ ކިބައިން އިންސާނުންނަށް އެރި ބައްޔެއް ކަމަށް ބުނުމެވެ. އަނެއް ގޮތަކަސީ ސައިންސް ތަހުލީލަކުން ލެބޯޓަރީން ބޭރުވި ވައިރަހަކަށް ވުމެވެ. އަދި ބުނީ މި ދެގޮތުން ކުރެ ގޮތެއް ނިންމަން އެނގޭނީ ވަރަށް ބޮޑަށް ބަލާފައި ކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސް އޮފީހުން މިހެން ބުނެފައި ވަނީ ކޮވިޑް އުފެދުނު ގޮތް ހޯދާ ބަލައި ތިންމަސް ދުވަސް ތެރޭގައި ރިޕޯޓެއް އެކުލަވާލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަމުރުކުރެއްވުމާ ގުޅިގެންނެވެ.
ބައިޑަން ވިދާޅުވީ އިންޓެލިޖެންސަށް ވަކި ގޮތެއް ނިންމިއްޖެ ނަމަ އާންމު ނުކުރައްވައި ނުބާއްވާނެ ކަމަށެވެ.
ކޮވިޑް އުފެދުނު ގޮތް ބަލަން ޖޯ ބައިޑަން އެންގެވީ ވޯލް ސްޓްރީޓް ޖާނަލްގައި އޮތް ރިޕޯޓަކާ ގުޅިގެންނެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ކޮވިޑް ދުނިޔެއަށް އާންމުވުމުގެ ކުރިން، ނޮވެމްބަަރު 2019 ގައި ޗައިނާގެ ވުހާން ލެބޯޓަރީ މުވައްޒަފުން ގޮތް ނޭނގޭ ބައްޔަކަށް ފަރުވާ ހޯދި ކަމަށެވެ. އަދި އެމީހުންގެ ކިބައިން ފެނުނު އަލާމާތްތައް ކޮވިޑް ބަލިމީހުންގެ ކިބައިން ފެންނަ އަލާމާތްތަކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
ޗައިނާއިން ބުނީ ޗައިނާއޭ ކިޔައިގެން އެއްޗެކޭ ނުކިޔައި އެމެރިކާއަށް ފަރުނުޖެއްސޭނެ ކަމަށާއި އެމެރިކާއަކީ އަގަލުކުޑަ ބައެއް ކަމަށެވެ. އަދި ބުނީ ޗައިނާއިން ވެސް ކޮވިޑް ރިޕޯޓެއް ނެރޭނެ ކަމަށާއި ޖުލައި 2019 ގައި އެމެރިކާގެ ވާޖިނީއާގައި ގޮތް ނޭނގޭ ހާލަތެއްގައި ނޭވާލާން އުނދަގޫވާތީ ގިނަ ބަޔަކު ފަރުވާ ހޯދި ކަމަށެވެ. އީސިގަރޭޓާ ގުޅުވައިގެން ވިސްކޮންސިންގައި ހިނގާ ދިޔައީ ކޮންފަަދަ ބަލިމަޑުކަމެއް ކަން ރިޕޯޓުގައި އޮޅުންފިލުވައިދޭނެ ކަމަށްވެސް ޗައިނާ އިން ވަނީ ބުނެފަ އެވެ.