އެމެރިކާގެ ކުރީގެ ރައިސް ޑޮނަލްޑް ޓްރަމްޕަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލް ބޭފުޅެކެވެ. އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުން ވަރަށް ގިނަ އެވެ. ކޮރޯނާވައިރަހާ ގުޅުންހުރި ކަންކަމުގައި އެމެރިކާގެ ރައިސް ޖޯ ބައިޑަންއަށް ލަފާދެއްވާ އެޑްވައިޒަރު، ޑރ. އެންތަނީ ފައުޗީ ވިދާޅުވާ ގޮތުން ޓްރަމްޕް އެދިވަޑައިގެންފި ނަމަ އެމަނިކުފާނަށް ލޯބިކުރާ މީހުން ވެކްސިން ޖަހާނެކަން ކަށަވަރެވެ.
ފައުޗީއަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒްގެ ޑައިރެކްޓަރު ވެސް މެއެވެ.
އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް 74,222,958 ޕޮޕިއުލާ ވޯޓް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓްދިން މީހުންގެ 46.8 ޕަސެންޓެވެ.
ޓްރަމްޕް ފޮކްސް ނިއުސްގެ މާރިއާ ބާޓިރޯމޯއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާގައި އާންމުނަށް ދެނީ ރައްކާތެރި ވެކްސިނެއް ކަމަށާއި ކޮންމެ މީހަކު ވެސް ވެކްސިން ޖަހަންޖެހޭ ކަމަށެވެ. އަދި ސަޕޯޓަރުންގެ ކިބައިން ވެކްސިން ޖެހުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ޓްރަމްޕް ވެރިކަމުގައި ހުންނަވަނިކޮށް އޮކްޓޯބަރު 2020 ގައި ވަނީ ކޮވިޑަށް ޕޮސިޓިވްވެފަ އެވެ. އެމަނިކުރާނަށް ފަރުވާދެއްވާފައި ވަނީ "އެންޓިބޮޑީ ކޮކްޓެއިލް" އަކުންނެވެ. އަދި ދައުރު ހަމަކުރައްވައި ވައިޓް ހައުސްއިން ނިކުމެވަޑައިގަތުމުގެ ކުރިން ދެމަފިރިން ވަނީ ކޮވިޑް ވެކްސިން ޖައްސަވާފަ އެވެ. އެއީ ކޮން މަކުރާއެއްގެ ވެކްސިނެއް ކަމެއް މީޑިއާއަކަށް ކަށަވަރެއް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު އެމެރިކާގައި ކޮވިޑް ވެކްސިން އުފައްދަން ބާރުއެޅުއްވި ކަމަށާއި ގިނަ މީހުންނަށް އެމަނިކުފާން ކަމުދާ މީހަކަށް ނުވަނީ ބުރަ މަސައްކަތް ކުރަން ޖައްސާތީ ކަމަށެވެ. އަދި ފަހަތުން ދުވެ އަވަހަށް އަމާޒަށް ވާސިލްވާ ބުނާތީ ކަމަށެވެ.
އެމެރިކާގައި ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި މިހާރު ތިއްބެވި ބާރަކް އޮބާމާ، ޖޯޖް ޑަބްލިޔު ބުސް، ބިލް ކްލިންޓަން އަދި ޖިމީ ކާޓާ ވަނީ އެމެރިކާގައި ވެކްސިންދިނުމަށް ސަރުކާރުން ހިންގާ ގައުމީ ކެމްޕޭންގައި ބައިވެރިވެ ވަޑައިގެން ވެކްސިންޖެހުމަށް އާންމުންނަށް ހިތްވަރުދެއްވާފަ އެވެ.
ޓްރަމްޕް ވެރިކަމުގައި ހުންނެވިއިރު ވެސް އަދި މިއަދާ ހަމައަށް ވެސް ބަސްމަގު އިޚްތިޔާރުކުރައްވާފައި ވަނީ ވެކްސިނާ ދެކޮޅަށެވެ. އެހެން ނަމަވެސް، ޑރ. އެންތަނީ ފައުޗީއާ އެމެރިކާ ސަރުކާރުން އެދިވަޑައިގަތުމާ ގުޅިގެން މިހާރު އެވަނީ ރާގުބަދަލުކުރައްވައި ވެކްސިންޖެހުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.