ދުނިޔެ

ފްރާންސްގައި ހިނގި ބަސް އެކްސިޑެންޓްގައި 42 މީހުން މަރުވެއްޖެ

Oct 23, 2015
1

ޕެރިސް (ރޮއިޓާސް) - ފްރާންސްގައި ބަހަކާއި ޓްރަކެއް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 42 މީހުން މަރުވެއްޖެއެވެ.

މިއީ ވޭތުވެދިޔަ ތިރީސް އަހަރުގެ ތެރޭގައި އެގައުމުގައި ހިނގި އެންމެ ނުރައްކާތެރި، ގެއްލުން ބޮޑު އެކްސިޑެންޓެވެ.

ރިޓަޔާ ކޮށްފައިވާ ދޮށީ އުމުރުގެ ބަޔަކު ގޮވައިގެން ދަތުރުކުރި ބަސް ޓަރަކެއްގައި ޖެހި ބަހުގައި އަލިފާން ހިފައިގެން ހިނގި މި ހާދިސާގައި އިތުރު އަށް މީހަކަށް އަނިޔާ ވިއެވެ.

މި ހާދިސާ ހިނގިއިރު އެ ބަހުގައި ދޮށީއުމުރުގެ 50 މީހުން ތިއްބެވެ. މި އެންމެންނަކީ ވެސް މުސްކުޅިން ބައިތިއްބާ ސެންޓަރެއްގައި ދިރިއުޅެމުން ދިޔަ މީހުންނެވެ. އަދި މި އެންމެންނަކީ ވެސް ފްރާންސް މީހުން ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.
މި ހާދިސާ ހިނގުމާއެކު އެގައުމުގެ ބޮޑުވަޒީރާއި އެހެން ބައެއް މިނިސްޓަރުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކޮށްފައެވެ.

ފްރާންސުގެ މަގުތަކުގެ ރައްކާތެރިކަމާ ބެހޭ ޖަމިއްޔާއިން ބުނީ 1982 ވަނަ އަހަރު ހިނގި ނުރައްކާތެރި ހާދިސާއަށް ފަހު މިއަދުގެ އެކަސިޑެންޓަކީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެކްސިޑެންޓް ކަމަށެވެ. އެފަހަރު ބަހެއް އެކްސިޑެންޓްވެ 53 މީހުން މަރުވިއިރު އޭގެ ތެރޭގައި ގިނައިން ހިމެނުނީ ކުޑަކުދިންނެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މިފަހަކަށް އައިސް ފަރާންސްގައި ހިނގާ މަގުމަތީ އެކްސިޑެންޓްތައް ވަނީ މަދު ކުރެވިފައެވެ. 1970 ގެ ކުރީކޮޅު މަގުމަތީގެ އެކްސިޑެންޓް ތަކުގައި އެގައުމުން އަހަރަކު 16000 މީހުން މަރުވެއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި މިފަދަ ހާދިސާތަކުގައި އެވަރެޖްކޮށް އަހަރަކު މަރުވަނީ 4000 މީހުންނެވެ.