ދުނިޔެ

އިތިއޮޕިއާ ފުލުހުން ރޮއިޓާސްގެ ކެމެރާމަނެއް ހައްޔަރުކޮށްފި

އިތިއޮޕިއާ ފުލުހުން ނުކުމެ ރޮއިޓާސްގެ ކެމެރާމަން، ކުމޭރާ ގެމެޗޫ ހައްޔަރު ކޮށްފި އެވެ. އޭނާ ހައްޔަރުކުރި ވެރިރަށް އަޑިސް އަބާބާއިން، ބުރާސްފަތި ދުވަހު އެވެ. އޭނާއަށް އަދި ދައުވާ ނުކުރި ނަމަވެސް ދެހަފުތާ ވަންދެން ހިފަހައްޓާނެ ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

ކުމޭރާ ހައްޔަރުކުރި ސަބަބެއް އާއިލާއަށް އަދި ރޮއިޓާސްއަކަށް ވެސް ފުލުހުން ބުނެދީފައެއް ނުވެއެވެ. ރޮއިޓާސްއިން ބުނީ، އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނުމަށް އެދުމުން ފުލުހުން އެކައްޗެކޭ ވެސް ނުބުނާ ކަމަށެވެ. އޭނާ ރޮއިޓާސްއަށް މަސައްކަތް ކުރާތާ 10 އަހަރަށް ވުރެ ގިނަ ވެދާނެ ކަމަށް ވެސް ރޮއިޓާސްއިން ބުނެ އެވެ.

ރޮއިޓާސްއިން ބުނީ މިދިއަ ހުކުރު ދުވަހު ކުމޭރާ ކޯޓަށް ހާޒިރުކުރި ކަމަށެވެ. އަދި އޭނާގެ ފަރާތުން ވަކީލަކު ވެސް ނެތް ކަމަށެވެ. ކޯޓް އަޑުއެހުމަށް ފަހު 14 ދުވަސް ވަންދެން ހައްޔަރުގައި ބެހެއްޓުމަށް ފަނޑިޔާރު އެންގެވި ކަމަށާއި އެއީ މައްސަލަ ތަހުގީގު ކުރަން ކަމަށް ވެސް ރޮއިޓާސްއިން ބުނެ އެވެ.

ރޮއިޓާސްއިން ނެރުނު ބަޔާނެއްގައި ކުމޭރާ ހައްޔަރު ކުރުން ވަަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެ އެވެ. ރޮއިޓާސްއިން ބުނީ އިތިއޮޕިއާގައި ރޮއިޓާސްގެ މުވައްޒަފުންނަށް ފުލުހުން ޖެއްސުންކުރާތާ ދުވަސްކޮޅެއްވެއްޖެ ކަމަށެވެ.