ބޮލީވުޑް

ޝާހްރުކްގެ ދަރިފުޅު އާރްޔަން ފިލްމު ކުޅެން ބޭނުންނުވާ ސަބަބު

ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ފިލްމު ކުޅެން އުޅޭ ކަމުގެ ޚަބަރުތައް ފެތުރޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު އެމެރިކާގައި ޑިގްރީއަށް ކިޔަވަމުންދާ އާރްޔަން ގިޓާ ކުޅެ ލަވަ ކިޔާ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. އަދި އޭނާގެ ކިބައިގައި އެކްޓް ކުރުމުގެ ހުނަރު ނެތަސް މިއުޒިކްގެ ހުނަރު ހުރިކަން ޔަގީންވާ ކަމަކަށް މި ވީޑީއޯއަށް ކޮމެންޓު ކޮށްފައިވާ ގިނަ ބަޔަކު ބުނެފައި ވެއެވެ.

ރައްޓެއްސަކާ އެކު އާރްޔަން މި ވީޑިއޯގައި ކިޔާތަން ފެންނަނީ ޗާލީ ޕޫތުގެ "އެޓެންޝަން" އެވެ. މި ލަވަ ބެލި ގިނަ މީހުން ބުނީ ލަވަ ބަލަ ފޫހި ނުވާ ކަމަށާއި އާރްޔަންގެ މިއުޒިކް ހުނަރު އެބަހުރި ކަމަށެވެ. އަނެއް ބަޔަކު ބުނީ އޭނާގެ ކިބައިގައި ޝާހްރުކްގެ ހުންނަ ކަހަލަ އަދާތަކެއް ހުރި ކަމަށެވެ.

ޝާހްރުކް އާއެކު އާރްޔަން މިދިޔަ އަހަރު "ދަ ލަޔަން ކިންގް" ގެ ހިންދީ ވާޝަންގެ ކެރެކްޓާއަކަށް އަޑު އަޅާދީފައި ވެސް ވެއެވެ. ޝާހްރުކް އަޑު އަޅާދީފައި ވަނީ މުފާސާގެ ކެރެކްޓާ އަށެވެ. އަދި އާރްޔަން އަޑުއަޅައި ދިނީ ސިމްބާ ކެރެކްޓާ އަށެވެ.

ނަމަވެސް އާރްޔަންގެ އެކްޓް ކުރުމުގެ ޝައުގުވެރިކަމެއް ނުގެންގުޅޭ ކަމަށް މިދިޔަ އަހަރު ދެއްކި "ޑެވިޑް ލިޓަމަންސް ޝޯ" ގެ "މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރޮޑަކްޝަން" ގައި ބައިވެރިވެ ވާހަކަ ދައްކަމުން ޝާހްރުކް ބުނެފައި ވެއެވެ.

"އޭނާ ބަލާލަން ރީތި. އަދި އިސްކޮޅުން ދިގުވެފައި ހުރިހާ ކަމެއް ވެސް ހުރީ ރަނގަޅަށް. އެކަމަކު އަހަންނަކަށް ހިއެއް ނުވޭ އެކްޓިން ހުނަރު އޭނާގެ ހުރި ހެނެއް. އެހެނެއް ނޫން އޭނައަކީ ލިޔުންތެރި ކަމަށް ވަރަށް މޮޅު،" ޝާހްރުކް ބުނެފައި ވެއެވެ.

އޭނާގެ ފިޔަވަޅު މަތިން ހިނގަން އާރްޔަން ބޭނުން ނުވާ ސަބަބު ވެސް ޝާހްރުކް މި ޝޯގައި ބުނެދިނެވެ. އެ ސަބަބަކީ ބައްޕަ އާ އަޅާ ކިޔާނެ ތީ އެވެ.

"އެއް ދުވަހަކު އަހަރެން ކައިރިއަށް އާރްޔަން އައިސް ބުނި އޭނާ އެކްޓަރަކަށް ވެގެން ރަނގަޅު ކާމިޔާބެއް ހޯދައިފިއްޔާ ދުވަހަކު ވެސް މީހުން އޭނާގެ ކާމިޔާބުގެ ކްރެޑިޓް އޭނާއަކަށް ނުދޭނޭ. ބުނާނޭ އެއީ އޭނާގެ ގައިގައި ހުރި ބައްޕަގެ ޖީންގެ ސަބަބުން ލިބިފައި ހުރި ހުނަރެކޭ. އަނެއްކޮޅުން ނާކާމިޔާބު އެކްޓަރަކަށް ވެއްޖެނަމަ ބުނާނޭ ބައްޕަ ޒަމާނުއްސުރެ ހޯދަމުންދިޔަ ކާމިޔާބު ވެސް ފުނޑުފުނޑު ކޮށްލައިފިޔޭ މީނަ އައިގޮތަށް އައިސް. އެހެންވެ އެފަދަ ޕޮޒިޝަނަކަށް އަންނަން ބޭނުން ނުވާތީ އާރްޔަން ފިލްމު ކުޅެން ބޭނުން ނުވަނީ،" ޝާހްރުކް ބުންޏެވެ.