ޕޮލިޓިކްސް

ފައްޔާޒާއި ބޮންޑޭއާ ދެމެދު އާވި!

Dec 29, 2020
1

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 އިގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ގެއްލުވައިލީ އެމްޑީޕީއަށް ވަން ބޭވަފާތެރިންތަކެއް ކަމަށް ސިފަކޮށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރީގެ މަޖިލިސް މެންބަރު އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އަމާޒުވާ ގޮތަށް ވާހަކަ ބައްޓަން ކުރެއްވުމުން ދެ ބޭފުޅުންގެ މެދުގައި ގިނި އަނދަން ފަށައިފި އެވެ.

ބޮންޑޭ އަކީ އެމްޑީޕީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. މިނިސްޓަރު ފައްޔާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަމާއި ސިފައިންގެ ވެރިޔާ ކަމާއި އެމްޑީޕީގެ އިސް ލީޑަރުގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް އަދި މި ސަރުކާރުގައި އެންމެ ނުފޫޒު ގަދަ ވަޒީރެވެ.

ބޮންޑޭ އާއި ފައްޔާޒާ ދެމެދު އާވި އުފެދުނީ "ސަންގު" ޓީވީގެ ޕްރޮގްރާމެއްގައި ބޮންޑެ ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. ބޮންޑެ ސީދާކޮށް ވިދާޅުވީ "މިނިސްޓަރު ފައްޔާޒަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން" ކަމަށެވެ. އަދި "ފައްޔާޒަކީ އުފެދުމުގައި ވެސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ފިކުރުގެ ބޭފުޅެއް" ކަމަށެވެ.

އެސްއެލްޕީއަކީ ފައްޔާޒުގެ ބޭބެ، އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) އެމްޑީޕީއިން ވަކިވުމަށް ފަހު އުފެއްދި ލިބަރަލް ފިކުރުގެ ޕާޓީއެކެވެ. އެކަމަކު 2008 ގެ ރިޔާސީ އިންތިހާބުގައި އިބްރާ ވާދަ ކުރެއްވި އެ ޕާޓީއަކީ ހަރަކާތް ހުއްޓިގެން ފަހުން އުވުނު ޕާޓީއެކެވެ. އޭގެ ކުރީން 2008 ގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ހަމައިން މުޅި އެ ޕާޓީގެ ލީޑަޝިޕް އެމްޑީޕީއާ ގުޅުނެވެ.

ރައީސް ނަޝީދަށް ވެރިކަން ލިބި ވަޑައިގަތުމުން އިބްރާ ވަޑައިގެންނެވީ ރައީސްގެ އެޑްވައިޒަރުގެ މަގާމަށެވެ. އޭނާއާ އެކުއެކީ މިހާރު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މިނިސްޓަރު ފައްޔާޒާއި މިހާރު ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފާއި އެ އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއީލް ވެސް އެމްޑީޕީއާ ގުޅިވަޑައިތެވެ. އެ ސަރުކާރުގައި ވަޒީރުކަން ވެސް ހަސަން ލަތީފު ކުރެއްވި އެވެ. -- ބޮންޑާއަކީ އޭރު މަޖިލިސް މެންބަރެކެވެ. އޭރުގެ ސަރުކާރު 7 ފެބުރުއަރީގައި ވެއްޓި، ފެބުރުއަރީ 8 ގައި އެމްޑީގެ ގިނަ އަދަދެއްގެ މެންބަރުންނާއެކު ރައީސް ނަޝީދު މަގުމައްޗަށް ނުކުމެ ވަޑައިގަތުމުން އުފެދުނު ވަރުގަދަ ސިޔާސީ ހޫނާއި އަލިފާން ހުޅާއި ކުރިމަތިލާން ފުލުހުން ދިމާކޮށް ހިންގި ރަޔަޓް ކޮންޓްރޯލް ހަރަކާތުގައި އެންމެ ބޮޑަށް ލާއިންސާނީ އަނިޔާތައް ކޮށްފައި ވަނީ ބޮންޑޭއަށެވެ.

މިނިސްޓަރު ފައްޔާޒަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން. ފައްޔާޒަކީ އުފެދުމުގައިވެސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ފިކުރުގެ ބޭފުޅެއް
އިބްރާހިމް ރަޝީދު | މަޖިލިސް މެންބަރު

"ސަންގު" ގެ އިންޓަވިއުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ބޮންޑޭ ވިދާޅުވި ގޮތުގައި މިނިސްޓަރު ފައްޔާޒުގެ ވިސްނުމާއި އެމްޑީޕީގެ ފިކުރާ ދިމައެއް ނުވެ އެވެ. ސަބަބަކީ، ފައްޔާޒަކީ އޭނާގެ ބޭބެ އިބްރާ އުފެއްދެވި ޕާޓީގެ ވިސްނުމުގެ ބޭފުޅެއް ވެވަޑައިގަތުމެވެ. އެމްޑީޕީގެ ފިކުރާ ބީރަށްޓެހި ބޭފުޅަކު އެ ޕާޓީގެ ސްލޮޓެއް ހޯއްދަވައިގެން ވަޒީރުކަމުގައި ހުންނެވި ނަމަވެސް ޕާޓީގެ އަސާސްތަކާއި ފިކުރާއި ދުރުވާނެ އެވެ.

އަދި ފައްޔާޒަކީ ފިކުރު ތަފާތު ބޭފުޅަކަށް ވާތީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ގުޅުމެއް ނޯން ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ. މިގޭ މަސްތަކެއް ކުރިން ފެށިގެން ރައީސް ނަޝީދުގެ ފަރާތްޕުޅުން ފައްޔާޒަށް އަމާޒުކޮށް ފާޑުކިޔުން އަމާޒު ކުރައްވާފައި ވެއެވެ. އަދި އަދި އެނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވެސް ރައީސް ނަޝީދު މަސައްކަތް ކުރައްވާފައި ވެ އެވެ. ނަޝީދު ސިފަ ކުރައްވާ ގޮތުގައި ފައްޔާޒަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަދަ "ދެވަނަ ބްރޯ" އެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ ސޮލޮޓެއްގައި ގަމު ދާއިރާގެ މެމްބަރުކަން ކުރުމުގެ އުފާ ލިބުނު. ވަރަށް އުނދަގޫ އަދި ބިރުވެރި ވަގުތެއް! އެމްޑީޕީ އިދިކޮޅުގައި އޮތް އިރު ޕާޓީގެ ހަރަކާތްތަކުގައި ބޮންޑޭ އުޅުނު ހަދާނެ ނުވޭ!
ފައްޔާޒު އިސްމާއީލް | މިނިސްޓަރު

ބޮންޑޭގެ ވާހަކަތަކާ ގުޅުވައިލައްވާ މިނިސްޓަރު ފައްޔާޒް ވެސް ވާހަކަ ދައްކަވާފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ވަރުގަދަ ވެރިކަމެއް ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެމްޑީޕީގެ ޓިކެޓެއްގައި ނުކުމެ ވަޑައިގެން ރައްޔިތުން މަޖިލީހުގެ މެމްބަރުކަން އޭނާ ކުރެއްވި އެވެ. އަދި އޭރު އެމްޑީޕީ އިދިކޮޅުގައި އޮވެ ކަޑަތު ކޮށްފައިވަނީ ބިރުވެރި، އަދި އުނދަގޫ ދުވަސްތަކެއް ނަމަވެސް އޭރު ބޮންޑޭ ފެނި ވަޑައި ނުގަންނަވާ ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ ސޮލޮޓެއްގައި ގަމު ދާއިރާގެ މެމްބަރުކަން ކުރުމުގެ އުފާ ލިބުނު. ވަރަށް އުނދަގޫ އަދި ބިރުވެރި ވަގުތެއް! އެމްޑީޕީ އިދިކޮޅުގައިއޮތް އިރު ޕާޓީގެ ހަރަކާތްތަކުގައި ބޮންޑޭ އުޅުނު ހަދާނެ ނުވޭ! އެކަމަކު އެމްޑީޕީ ވެރިކަމަށް އައުމުން ޕާޓީގެ ސްލޮޓެއްގައި މެންބަރުކަން އަދާކުރައްވަމުންދާ ހަނދާންތައް ވޭ!" ފައްޔާޒް ވިދާޅުވި އެވެ.