ބޮލީވުޑް

ކަރީނާ އާއި އަރްޖުން "ކީ އެންޑް ކާ"ގެ ޝޫޓިން ނިންމާލައިފި

Oct 24, 2015

ބަތަލާ ކަރީނާ ކަޕޫރާއި އެކްޓަރު އަރްޖުން ކަޕޫރު ކުޅެމުން އައި ޑައިރެކްޓަރު އާރް ބަލްކީގެ "ކީ އެންޑް ކާ"ގެ ޝޫޓިން ނިންމާލައިފި އެވެ.

އިންޑިއާގެ ދިއްލީގެ އިތުރުން ދުބާއީގައި ވެސް މުހިންމު މަންޒަރުތަކެއް ނަގާފައިވާ މިފިލްމުގެ ޝޫޓިން ބުދަ ދުވަހު ނިންމާލައިފައިވަނީ ދުބާއިގައި ނެގި ޝެޑިއުލްތަކާއެކު އެވެ.

މިފިލްމުގެ ޝޫޓިން ބުދަ ދުވަހު ނިމުނުކަމަށް ބުނަމުން އަރްޖުން ކުރި ޓްވީޓެއްގައި ވަނީ އޭނާ ކުޅުނު ހަތްވަނަ ފިލްމުގެ މަސައްކަތް ނިމިއްޖެކަމަށާއި، މިފިލްމުގެ މަސައްކަތް މިހާ އަވަހަށް ނިމުނުހެން ހީވެސް ނުވާކަމަށެވެ. އަދި މިފިލްމާއެކު ވެސް ވަރަށް ގިނަ އެއްޗިހި ތަކެއް ދަސްވެގެން ދިޔައިރު، މިއީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަމީތާބް ބައްޗަން އާއި އަންހެނުން ޖާޔާ ބައްޗަން ވެސް މިފިލްމުގެ ރޯލަކުން ފެނިގެންދާއިރު، މިއީ މީގެކުރިން ވެސް ބަލްކީ އުފެއްދި ކަހަލަ ޒަމާނީ ލޯބީގެ ވާހަކަ އެވެ.

ގެވެހި ފިރިއަކާއި ބިޒީ އަނބިމީހާގެ ދިރިއުޅުން ދައްކުވައިދޭ މިފިލްމުގައި އަރްޖުން ކުޅެނީ ކެރިއަރުގައި ކުރިއަށްދާން ބުރަ މަސައްކަތްކުރާ އަންބަކަށް އެހީތެރިވާ ގެވެހި ފިރިއެއްގެ ރޯލެވެ.

އަރްޖުންގެ އަންހެނުންގެ ރޯލުން ކަރީނާ ފެނިގެންދާ މިފިލްމަކީ މިދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

އޮގަސްޓް މަހުގެ ކުރީކޮޅު ޝޫޓްކުރަން ފެށި މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.