ހަބަރު

ޖެނެރަލް ޝިޔާމަށް ދައުވާކޮށްފި

ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ދިރިއުޅުއްވެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޝިޔާމްގެ މައްސަލަ ތަހުގީގުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވާ ގޮތުގައި ދައުވާ ކުރަން ފޮނުވީ، ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލައިގަ އެވެ.

މި މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އޭސީސީން މީގެ ކުރިން ނިންމާފައި ވަނިކޮށް، އެ ނިންމުން އަލުން މުރާޖައާކުރަން ނިންމާފައިވަނީ މިދިއަ އޯގަސްޓް މަހުގެ ތެރޭގައި އެވެ.

އޭސީސީން ފަހުން ބުނީ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމްއާރުސީސީގެ ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާއިރު، އެތަނުގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ.

އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން ފާހަގަކުރެވޭކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެހެންކަމުން، އެމްއާރުސީސީގެ ވީއައިޕީ ގޭގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް އެތަނުގައި ބަހައްޓާފައިވަނީ މަގާމްގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާ ގަވައިދާ ހިލާފަށް ޝިޔާމްގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަޙުގީގަށް ފާހަގަކުރެވިފައިވާކަމަށް އިތުރަށް ބުންޏެވެ.

ޝިޔާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވަނީ މިދިއަ ބުދަ ދުވަހެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު އަވަސް އަށް ވިދާޅުވީ އެ މައްސަލާގައި، ޝިޔާމްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިއަ ހޯމަ ދުވަހު ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހާވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޝިޔާމްގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާކަމަށް އޭނާ ވިދާޅުވި އެވެ.