ހަބަރު

ޖެނެރަލް ޝިޔާމަށް ދައުވާ ކުރަން ފޮނުވައިފި

Dec 23, 2020
6

ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ދިރިއުޅުއްވެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ދައުވާ ކުރަން ފޮނުވީ، އެ ކޮމިޝަނުން ތަހުގީގު ކޮށްފައިވާ، ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލައިގަ އެވެ.

މި މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އޭސީސީން މީގެ ކުރިން ނިންމާފައި ވަނިކޮށް، އެ ނިންމުން އަލުން މުރާޖައާކުރަން ނިންމާފައިވަނީ މިދިއަ އޯގަސްޓް މަހުގެ ތެރޭގައި އެވެ.

ނަމަވެސް، މިއަދު ނެރުނު ބަޔާނުގައި އޭސީސީން ބުނީ އެ މައްސަލައިގައި އެދިފައިވަނީ ޝިޔާމްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށް ދިނުމަށް ކަމަށެވެ.

އޭސީސީން ބުނީ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމްއާރުސީސީގެ ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާއިރު، އެތަނުގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ.

އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން ފާހަގަކުރެވޭކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެހެންކަމުން، އެމްއާރުސީސީގެ ވީއައިޕީ ގޭގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް އެތަނުގައި ބަހައްޓާފައިވަނީ މަގާމްގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާ ގަވައިދާ ހިލާފަށް ޝިޔާމްގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަޙުގީގަށް ފާހަގަކުރެވިފައިވާކަމަށް އިތުރަށް ބުންޏެވެ.