މިއަހަރު ނިމިގެން މިދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ހާލަތެއްގައެވެ. އަހަރު ފެށުމާއެކު ރާއްޖެއިން ހިމަބިހި އައުޓްބްރޭކެއް ފެނި އެކަމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އޭގެ ދެތިން މަސް ފަހުން ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ. އެކަމާއި ގުޅިގެން އާންމު ދިރިއުޅުމަށް ބުރޫއަރާ އެތަށް ދަތީގައި އުޅެން ޖެހުނެވެ. ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ގިނަ ދަތިތަކެއް ކުރިމަތިވިއެވެ. ރާއްޖެ ނާދެވި ބޭރު ގައުމުތަކުގައި އެބަ ދިވެހިން ތާށިވިއެވެ.
ކޮވިޑްގެ މި ހާލަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް މިނިސްޓްރީއަކީ ފޮރިން މިނިސްޓްރީއެވެ. އެ މިނިސްޓްރީން ވަނީ ދަތީގައި ތިބި ދިވެހިންނަށް އެހީތެރިވުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނެވޭނެ މަގު ތަނަވަސްކޮށް ބޭރުގައި ތިބި ދިވެހި އާއިލާތަކަށް "ކެއާ ޕެކް" ފޮނުވުމަށް އެހީތެރިވެދިނެވެ. އޭގެ ކުރިން މަބިހި އައުޓްބްރޭކްތެރޭ މިނިސްޓްރީން ކޮށްފައިވާ މަަސައްކަތްވެސް ފާހަގަކޮށްލަން ޖެހެއެވެ.
ފޮރިން މިނިސްޓްރީގެ ކާމިޔާބީތައް
ރާއްޖެއިން ހިމަބިހި ނައްތާލިފަހުން މި އަހަރުގެ ޖަނަވަރީ މަހު ވަނީ ހިމަބިހީގެ ކޭހެއް ފެނިފައެވެ. ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތުން އިއުލާން ކުރީ ތިން އަހަރުގެ ފިރިހެން ކުއްޖަކު ޓެސްޓު ކުރުމުން ހިމަބިއްސަށް ޕޮޒިޓިވް ވުމުންނެވެ. އެ ކޭހާއި ގުޅުން ހުރި 12 ކޭހެއް އޭރު ފެނުނެވެ. އެކަމާއި ގުޅިގެން ވެކްސިންގެ ބޮޑު ޕްރަގްރާމެއް ސަރުކާރުން އިއުލާނުކުރިއެވެ. އެ މަސައްކަތުގައިވެސް އެންމެ އިސް ދައުރެއް އަދާކުރީ ފޮރިން މިނިސްޓްރީންނެވެ. ހިމަބިހި އައުޓްބްރޭކާއި ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް 30,000 މީސަލްސް ވެކްސިން ހަދިޔާކުރިއިރު އެކަމަށް ފެސިލިޓޭޓް ކޮށްދިނީ އެ މިނިސްޓްރީންނެވެ.
އޭގެ ފަހުން ދުނިޔޭގައި މިދިޔަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަން ފެށިއެވެ. ފުރަތަމަ ކޭސް މާޗް މަހުގެ ހަ ވަނަ ދުވަހު ފެނުނެވެ. އަދި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑްގެ ބަލި މީހަކު ފެނި މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އޭރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ބަލީގައި ވަރަށް ބޮޑުވަރު ވެފައިވެއެވެ. އެކަމާއި ގުޅިގެން އެތައް ގައުމެއްގެ ބޯޑަރު ބަންދުކޮށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވެއެވެ. އެކަމާއި ގުޅިގެން އެ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ނާދެވި ތާށިވިއެވެ. އެހެން ކަމުން އެ ދިވެހިން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން އިސްވެ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ މަަސައްކަތްތަކުގެ ދަށުން ވިއްސަކަށް ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. އެކަމަށްޓަކައި ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލީ ފޮރިން މިނިސްޓްރީން ގިނަ މަޝްވަރާތަކެއް ކުރުމުންނެވެ.
މީގެ އިތުރުން އާޖެންޓް ލައިފް ސޭވިން މެޑިސިން ބޭނުންވާ މީހުންނަށް އެ ބޭސްތައް ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން ކުރި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތްތަކެކެވެ. ބޯޑަރު ބަންދުކުރުމާއިއެކު ގަވާއިދުން ކުރަމުންދިޔަ ދަތުރުތައް ހުއްޓި ދިގު މުއްދަތަށް ބޮޑެތި ބަލިތަކަށް ބޭސްކުރާ އެތައް ބަޔަކަށް ބޭސް ލިބޭނެ މަގު ބަންދުވިއެވެ. ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއިން ލިބެން ނެތް އެކި ބޭސްތައް ހޯދުމަށް 2000 އެއްހާ ދިވެހިންނަށް މި އަހަރުތެރޭ އެހީ ފޯރުކޮށްދީފައިވެއެވެ. އެގޮތުން ލަންކާ އާއި އިންޑިއާގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑުން ރާއްޖެއަށް ބޭސް ގެނެސްފައިވެއެވެ.
ގައުމުތަކުގެ ބޯޑަރު ބަންދުކޮށް އަވަށްތައް ލޮކްޑައުން ކުރިއިރު ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިޔައީ ދިރިއުޅެމުންނެވެ. އިންޑިއާ އާއި ސްރީލަންކާ އާއި ތައިލެންޑް އާއި މެލޭޝިއާގެ އިތުރުން ކިއުބާގައިވެސް ގިނަ ދިވެހިން ދިރިއުޅެއެވެ. އެ މީހުންގެ އާއިލާތަކުން ގަވާއިދުން ފޮނުވަމުންދިޔަ އެކި ބާވަތްތަކުގެ ތަކެތި ފޮނުވޭނެ މަގު މުޅީން ބަންދުވިއެވެ. އެެހެން ކަމުން ސަރުކާރުން ވަނީ އެ ރައްޔިތުންނަށް ކެއާ ޕެކް ފޮނުވޭނެ މަގު ތަނަސްކޮށްދީފައެވެ. އެ މަަސައްކަތުގައިވެސް އެންމެ އިސް ދައުރެއް އަދާ ކުރީ ފޮރިން މިނިސްޓްރީންނެނެވެ. ލޮކްޑައުންގެ ސަބަބުން ބޭނުންވާ އަސާސީ ތަކެތި ހޯދުމަށް ދަތިވި ދިވެހިންނަށް އެހީވުމުގެ ގޮތުން ފަސް ގައުމެއްގައި ތިބި ދިވެހިންނަށް ހިލޭ ކެއާ ޕެކޭޖް ފޮނުވައިދީފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ޕެންޑެމިކްގެ ތެރޭގައި ރާއްޖެއަށް ހުއްޓުމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކޮށް، އެކަމުގައި އެކުވެރި ގައުމުތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި މަސައްކަތްތަަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އެގޮތުން ބައެއް ގައުމުތަކުގައި ބޭހާއި ޕީޕީއީ ނުލިބިގެން އުޅުނު ނަމަވެސް، ރާއްޖޭގައި އެފަދަ ހާލަތަކަށް ނުގޮސް އެކުވެރި ގައުމުތަކުގެ އެހީއާއެކު އެކަން މެނޭޖު ކުރެވިގެން ގޮސްފައިވަނީ ފޮރިން މިނިސްޓްރީ އިސްވެ ސަރުކާރުން ކުރި މަސައްކަތުންނެވެ. މި ބަލިމަޑުކަމުގައި އޮސްޓްރޭލިއާ އާއި އެމެރިކާ އާއި އިންޑިއާ އާއި ޗައިނާ އާއި ޖަޕާން އާއި ބަންގްލަދޭޝް އާއި ޔޫއޭއީ ފަދަ ގައުމުތަކުން ވަނީ ޕީޕީއީ ހަދިޔާކޮށްފައެވެ. ޔޫއޭއީ އިން އެކަނިވެސް 70 މިލިއަން ރުފިޔާގެ ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީފައިވެއެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އަދި އިންޑިއާއިން މެޑިކަލް ޓީމްތައް ގެނެސް، ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާއެކު ހިލޭ އެހީގެ ދަށުން މަސައްކަތްކޮށްފައިވެއެވެ. މި ހުރިހާ މަސައްކަތަކަށްޓަކައި ސަރުކާރުގެ ބައެއް އިދާރާތަކާއި، ބޭރު ބައެއް ގައުމުތަކުގެ ކެޕިޓަލްތައް ބަންދުކުރިނަމަވެސް، ހުއްޓުމެއް ނެތި ރާއްޖޭގެ ފޮރިން މިނިސްޓްރީން ދިޔައީ މަސައްކަތް ކުރަމުންނެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންމެހެން ރާއްޖެން ބޭރަށް ގޮސް ބޭސް ފަރުވާ ކުރަންޖެހޭ މީހުންނަށް ފޮރިން މިނިސްޓްރީއާއި އާސަންދަ އާ ގުޅިގެން ބަލިމީހުން ގެންދިޔުމަށްޓަކައި އާސަންދަ ފްލައިޓްތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ރާއްޖެއިން ބޭރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ އެތަށް ދިވެހިންނަަކަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެކި ބުރު މަތިން ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ގޮސް ފަރުވާ ފުރިހަަމަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހުން ހިމެނެއެވެ.
މިއަދު ނިމޭ 2020 ވަނަ އަހަރާއި ހަމައަށް ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ގައުމުތަކުގެ އަދަދު ވަނީ 175 އަށް އަރާފައެވެ. އަދި ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަލުންވެ، ކޮމަންވެލްތުގެ އެހެން ޖަމްއިއްޔާތަކާ ރާއްޖެ އަލުން ގުޅި، އެކަމުގެ ފައިދާތައް ރާއްޖެއަށް ދަނީ ކުރަމުންނެވެ. އެ ގޮތުން ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް މިހާރުވެސް ވަނީ ހުޅުވާލާފައެވެ. ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީގެން ބޭރުދުނިޔެއާ އޮތް ގުޅުން ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާ، ރާއްޖެ-ބޭރުދުނިޔެ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗް މަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައެވެ. ހަތަރު މަހަށްފަހު އަލުން ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށްޖަހާ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރްސީ އާއި ގުޅިގެން ވެބިނާތައް ބާއްވައި، އެކި ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. އެ މަސައްކަތަށްވެސް ފޮރިން މިނިސްޓްރީން ބޮޑު އެއްބާރުލުމެއްދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން ކޮވިޑްއާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ފަސޭހަ ކުރުމަށް، ބޮޑެތި ގައުމުތަކަށް ދައްކަން ޖެހޭ ލޯންތައް އަނބުރާ ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކުރިއަށް ގޮސް، ބައެއް ގައުމުތަކާއެކު އެއްބަސްވުމަށް އާދެވިފައިވުމަކީ ރާއްޖެއަށް މި ހާލަތުގައި ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.
ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލްކޮށް ގައުމުތަކާއި ގުޅުން ވަރުގަދަކޮށް އަދި އެ ނޫން ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ހޯދޭނެ މަގު ތަނަވަސްކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސަތޭކައަށްވުރެ ގިނަ ގައުމުތަކުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ވާޗުއަލް ރިސެޕްޝަން އެއް މިނިސްޓަރު ޝާހިދު ބޭއްވެވިއެވެ. މި ރިސެޕްޝަންގައި ޕްރެޒިޑެންޓް އޮފް ދަ ޖެނެރަލް އެސެމްބްލީ ބައިވެރިވެވަޑައިގެންނެވިއެވެ.
އަދ 100 އަށްވުރެ ގިނަ ގައުމުތަކާއެކު މިނިވަން ދުވަހުގެ ރިސެޕްޝަން ވާޗުއަލްކޮށް ބޭއްވުނެވެ. މިއީ މިގޮތަށް ގައުމަކުން ވާޗުއަލްކޮށް ބޭއްވި ފުރަތަމަ ރިސެޕްޝަންވެސްމެއެވެ. އަދި ކޮވިޑްގެ ޕެންޑަމިކް ތެރޭގައިވެސް 50 އާއި ގާތްކުރާ އަދަދަކަށް ގައުމުތަކުގެ މަންދޫބުންނާއި މިނިސްޓަރު ޝާހިދު ވާޗުއަލްކޮށް، އަދި ކުރެވުނު މަދު ދަތުރުފުޅުތަކުގައި ބައްދަލުކުރެއްވިއެވެ.
ފޮރިން މިނިސްޓްރީއަށް ހެޔޮ ބަދަލުތައް ގެނެސް އެ މިނިސްޓްރީގެ ހިންގުން ހަރުދަނާ ކުރުމަށްވެސް މިއަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން މިންތީގެ ހަމަހަމަކަމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކަށް މިއީ ކާމިޔާބު އަހަރެކެވެ. ރާއްޖެއިން ބޭރުގައި ތިއްބަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންގެ 50 އިންސައްތައަކީ އަންހެނުންނެވެ. ފޮރިން މިނިސްޓްރީގެ އެޒެކެޓިވް ޓީމްގެ 40 އިންސައްތައަކީ އަންހެނުންނެވެ.
މީގެ އިތުރުން މިއަހަރަކީ ފޮރިން ސާވިސަސް އިންސްޓިޓިއުޓްގެ މަސައްކަތް ފުޅާކުރެވުނު އަހަރެވެ. އަދި ކޮރަޕްޝަންގެ މައްސަލައެއް ނެތް މިނިސްޓްރީއެއްގެ ގޮތުގައި ފޮރިން މިނިސްޓްރީވުމަކީވެސް އެ މިނިސްޓްރީގެ ކާމިޔާބީގެ ބޮޅެކެވެ.
ގޮންޖެހުންތައް
ނިމިގެން މިދާ 2020 ވަނަ އަހަރަކީ ފޮރިން މިނިސްޓްރީއަށް ވަރަށް ކާމިޔާބު އަހަރެއް ނަމަވެސް އެ ކާމިޔާބީތައް ހޯދާފައިވަނީ ގިނަ ގޮންޖެހުންތަކާއެކުގައެވެ. އެގޮތުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ރާއްޖެއަށް ބޭނުންވާ ކާނާ އަދި ބޭސް ހޯދުމަށް ދިމާވި ދަތިތައް ބޮޑެވެ.
މީގެ އިތުރުން ބޯޑަރުތައް ބަންދުކޮށް، ފްލައިޓްތައް ނެތުމުގެ ސަބަބުން ރާއްޖެއިން ބޭރުން ދިވެހިން ގެނައުމުގައި ދިމާވި އުނދަގޫތަކާ ދަތިތައް ބޮޑެވެ. އެކަންކަން ހައްލުކޮށް ދިވެހިން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އަދި ސިއްހީ ދާއިރާގެ ކެޕޭސިޓީއަށް އޯވަލޯޑްވިޔަ ނުދިނުނަށް ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.
ކޮވިޑް-19 މި ބަލިމަޑުކަމުގެ އަސަރު ހުރިހާ ގައުމުތަކަށް ދިމާވެ ބޮޑެތި ގޮންޖެހުންތައް ހުރިހާ ގައުމަކަށްވެސް ކުރިމަތިވިއެވެ. އަދި ބައެއް ގައުމުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެތަށް ބަޔަކަށް ބަލިޖެހި އެތަށް ލައްކަ ބަޔަކު މަރުވިއެވެ. ރާއްޖެއަށް ދަތިތައް ދިމާވާ ވަގުތު މީގެ ކުރިން އެހީވަމުންދިޔަ އެތައް ގައުމެއްވެސް 2020 ގައި އޮތީ ކޮވިޑްގެ ބަލިމަޑުކަމުގައި ކަމަށްވުމުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އެ ގައުމުކުތަކުން ހޯދުމަށް ގިނަ ގޮންޖެހުންތައް ހުއްޓެވެ. އެ ހުރިހާ ގޮންޖެހުންތަކާއެކުވެސް ރާއްޖެއަށް ގިނަ ގައުމުތަކަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދިނުމަކީ ފޮރިން މިނިސްޓްރީގެ ކާމިޔާބާ ގުޅިފައިވި ކަމެކެވެ.