ޝީ ބިލްޑިންގުގައި އޮތް ޕާޓީއެއްގައި ބައިވެރިވި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ކްލަސްޓާއާ ގުޅުންހުރި 68 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
މި މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ޕާޓީން މީހަކު ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު އެ ކްލަސްޓާ ބޮޑުވެ އިތުރު 12 މީހަކު ޕޮޒިޓިވްވިއެވެ. އަދި 26 ވަނަ ދުވަހު 22 މީހަކު، 27 ވަނަ ދުވަހު 8 މީހަކު ޕޮޒިޓިވްވިއެވެ. 28 ވަނަ ދުވަހު ތިން މީހަކު އަދި 29 ވަނަ ދުވަހު 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދުވެސް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މިހާތަނަށް އެ ކްލަސްޓާއާ ގުޅުންހުރި 229 މީހަކު ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި 71 މީހުންނަކީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނެވެ. އެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 262 ސާމްޕަލް ވަނީ ނަގާފައެވެ.
އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ބޭއްވި ކައިވެނި ޕާޓީއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ޔޫކޭއިން އައި ދިވެއްސަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާއަކީ އެ ހަފްލާއަށް ދިއަ އާއިލާއަކާ ގުޅުން ހުރި މީހެކެވެ.
ނަމަވެސް، އޭނާ ރާއްޖެ އައިސްފައިވަނީ އެ ކައިވެނި ހަފްލާއަށްފަހުއެވެ.