ލިވަޕޫލް

އަހަރުގެ ފަހު މެޗުން ލިވަޕޫލަށް ޕޮއިންޓެއް

ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވެ، އަހަރުގެ ފަހު މެޗުގައި އެންމެ ޕޮއިންޓަކުން ލިވަޕޫލް ފުއްދާލަން ޖެހިއްޖެ އެވެ.

ލިބުނު ޕޮއިންޓާއެކު ލިވަޕޫލް ވަނީ، އެއް ވަނަ މަގާމުގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ލިވަޕޫލާ އެއްވަރު ކުރެވުމުން އެންމެ ބޮޑު އުފަލެއް ލިބިގެން ދާނީ، 60 އަހަރު ފުރި މިއަދު 61 ވަނަ އުފަން ދުވަސް ފާހަގަ ކުރާ ނިއުކާސަލްގެ ކޯޗް ސްޓީވް ބުރޫސް އަށެވެ. އޭނާގެ ފަސް ޑިފެންޑަރުގެ ޕްލޭން މެޗުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރި އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހް އަށް ލިބުނު ގިނަ ފުރުސަތުތަކަށް ހުރަސް އެޅީ ބުރޫސް ޓީމުގެ ޑިފެންސާއި ގޯލްކީޕަރު ކާލް ޑާލޯ އެވެ.

ލިވަޕޫލުން، މެޗު ޑޮމިނޭޓް ކުރި އެވެ. ޕޮޒެޝަންގައި ކުރި ހޯދި އެވެ. ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ޓީމުގެ ކުޅުމާމެދު ކޯޗް ޔާގަން ކްލޮޕް ހުރީ ހިތްހަމަ ޖެހިފަ އެވެ. އޭނަ ބުނީ ގިނަ ކަންކަމަށް ހައްލު ލިބިއްޖެ ކަމަށެވެ. އެހެން ނަމަވެސް ލަނޑު ނުޖެހުމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރި އެވެ.

"އަހަރެމެންނަށް ގިނަ ހައްލުތަކެއް މިއަދު ހޯދުނު ފުރުސަތުތަކެއް ތަނަވަސް ކުރެވުނު ނަމަވެސް ބޭނުމެއް ނުކުރެވުނު ނަމަވެސް ކުޅުނު ގޭމަށް އަހަރެން ޝައުގުވެރި ވަން،" މެޗަށް ފަހު ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "އަހަރެން ހިތްހަމަ ނުޖެހެނީ ނަތީޖާއާ މެދު. ޕާފޯމަންސާ މެދު ހިތްހަމަ ޖެހޭ. ސަބަބަކީ އެއީ އަހަރެމެން ކުޅެން ޖެހޭނެ އަދި ޑިފެންސް ވެސް ކުރަން ޖެހޭނެ ގޮތަކީ. އެހުރިހާ ކަމެއް އަހަރެމެން ކުރިން. ނަމަވެސް އަހަރެމެންގެ ހިތްދަތި ކަމަކީ ނަތީޖާ."