ހަބަރު

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މަގާމުތަކެއް ހާއްސަކުރެވޭ ގޮތް ހަދައިފި

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސިވިލް ސާވިސްގެ ތެރެއިން މަގާމުތަކެއް ހާއްސަކުރެވޭގޮތަށް ސިވިލް ސާވިސްގެ ގަވައިދަށް މުހިއްމު އިސްލާހެއް ގެނެސްފި އެވެ.

އެ ގަވައިދަށް ގެނައި އިސްލާހުތައް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ގެޒެޓުކޮށްފައިވާއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ މާހައުލުގައި އެފަދަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ސިވިލް ސާވިސްގެ ވަޒީފާއަށް އައްޔަނުކުރުމުގެ އަސާސީ އުސޫލު ބަޔާންކުރާ މާއްދާއަށް ވަނީ އިސްލާހެއް އިތުރުކޮށްފައި އެވެ.

މާދަމާ ފެށޭ އާ އަހަރާއެކު އަމަލުކުރަން ފަށާ އިސްލާހުގައި ބުނާގޮތުން، ސީއެސްސީން އެކުލަވާލައި އުސޫލެއްގެ ދަށުން، ސިވިލް ސާވިސްގެ ބައެއް މަގާމުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަގާމުތަކެއްކަމަށް ކަނޑައެޅުމަށް ހުރަހެއްނެތް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތައް އިތުރުކޮށްދީ، މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރަން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސިވިލް ސާވިސްގެ ގަވައިދަށް މާދަމާ އިން ފެށިގެން ގެންނަ އިސްލާހުތަކުގެ ތެރޭގައި ސިވިލް ސާވަންޓުންގެ ތެރެއިން ސިއްހީ ގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް ހިމެނެ އެވެ.

މިގޮތުން، ޓާމިނަލް އިލްނެސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނަށް އިތުރު ޗުއްޓީތަކާއި، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގިނަ އިސްލާހުތަކެއް ހިމެނެ އެވެ.

ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންގެ އިތުރުން، ބޯން މެރޯ އާއި ނުވަތަ ގުނަވަނެއް ހަދިޔާކުރާ މުވައްޒަފުންނަށްވެސް ގަވައިދަށް ގެނައި އިސްލާހުތަކުގެ ތެރެއިން ވަނީ ގިނަ ލުއިތަކެއް ދީފައި އެވެ.