ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑާލި މުވައްޒަފުންގެ ވަޒީފާތައް އިއާދަ ކޮށްދިނުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ހާޒިރީއަށާއި މަސައްކަތަށް ފަރުވާ ކުޑަ ކަމަށް ބުނެ ވަޒީފާ އިން ވަކިކުރީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.
އޭގެ ތެރެއިން ދެ މުވައްޒަފަކު ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި އެވެ. ނަމަވެސް ބާކީ ތިބި ނުވަ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ވަޒީފާއާއި ބެހޭ ގާނޫނުގައި ބުނާ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކޮށް ކަމަށް ކަނޑައަަޅައި، އެ ނުވަ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދޭން މި މަހުގެ ދެވަނަ ދުވަހު ޓްރައިބިއުނަލުން ވަނީ އަމުރު ކޮށްފަ އެވެ.
އެ މީހުނަށް އަނބުރާ ވަޒީފާ އިއާދަ ކުރަން ކުރި އަމުރާ ގުޅުވައި އަވަސް އިން ސުވާލު ކުރުމުން ސީއެސްސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދިނުމާ މެދު ކޮމިޝަނުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ގޮތެއް ނިންމަން ކޮމިޝަންގެ ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ އެކަން އެގޮތަށް ނުކުރަން ސީއެއްސީން މިނިސްޓްރީއަށް ލަފާ ދީފައި ވަނި ކޮށެވެ.
އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އޭރު އަމާޒުވި އެވެ. ވަޒީފާއިން ވަކި ނުކުރަން އެދި ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް އެ މުވައްޒަފުންގެ ފަރާތުން ޕެޓިޝަނެއް ވެސް އޭރު ހުށަހެޅި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަކި ކުރި މުވައްޒަފުންގެ ތެރޭގައި އާދައިގެ މުވައްޒަފުންނާއި ތަނުގެ ބައެއް އިސް މުވައްޒަފުން ވެސް ހިމެނެ އެވެ.