ޓްރާންސްޕޯޓް މިނިސްޓްރީގެ ސިވިލްސާވިސް ތިން މުވައްޒަފަކާމެދު އަންނަ މަހު ގޮތް ނިންމާނެ ކަމަށް ސީއެސްސީން ބުނެފި އެވެ.
އެ ތިން މުވައްޒަފުންނަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާއިން ވަކި ކުރުމުން ޓްރައިބިއުނަލަށް ހުށަހަޅައި އެ މައްސަލަ ބެލުމުން އަލުން ވަޒީފާ ދޭން އެންގި ނުވަ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ތިން މީހެކެވެ.
ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި 11 މުވައްޒަފުންގެ ތެރެއިން ނުވަ މީހަކަށް ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް އަނބުރާ ވަޒީފާ ދީފައިވާނެ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ތިން މުވައްޒަފަކާއެކު މަސައްކަތް ކުރަން އެ މިނިސްޓްރީއަށް ދަތިވާތީ އެކަން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހުނާ ހިތްހަމަ ނުޖުމެއް އޮތީ މިނިސްޓަރު އައިޝަތު ނަހުލާއާ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފަކު މަސައްކަތް ކުރާ އިދާރާ އަކުން އެ މުވައްޒަފާއެކު މަސައްކަތް ކުރަން ދަތިވާނަމަ އަމަލު ކުރާ ދެ ގޮތެއް ސީއެސްސީގެ ގަވައދުގައިވެ އެވެ. އެއްގޮތަކީ މުވައްޒަފާ ވާހަކަ ދައްކައިގެން ސަރުކާރުގެ އެހެން އިދާރާ އަކަށް ބަދަލު ކުރުމެވެ. އޭރުން އޭނާ ބަދަލު ކުރާނީ އަދާ ކުރަމުން ދިޔަ މަގާމާއި އެއްް ފެންވަރެއްގެ އަދި އެއްވަރުގެ މުސާރައެއް ލިބޭ މަގާމަކަށެވެ.
ދެވަނަ ގޮތަކީ މުވައްޒަފު އެހެން އިދާރާ އަކަށް ބަދަލުވާން އިއުތިރާޒު ކުރާނަމަ ސީއެސްސީއަށް ލިބިގެންވާ ބާރުގެ ދަށުން އޭނާ އެހެން އިދާރާ އަކަށް ބަދަލު ކުރުމެވެ.
ރަޝީދު ވިދާޅުވީ މުވައްޒަފު އިއުތިރާޒު ކުރާ ހާލަތުގައި ވެސް އެ މުވައްޒަފު ބަދަލުކުރާ އިދާރާއެއްގެ ޕާމަނަންޓް ސެކްރެޓަރީންގެ ލަފާ ކޮމިޝަނުން ހޯދާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރިޔަށް ދާން އުނދަގޫވާ ތިން މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކު އެހެން އިދާރާ އަކަށް ބަދަލުވާން ތައްޔާރަށް ހުރި ކަމަށް ކޮމިޝަނަށް އަންގާފައިވެ އެވެ. ނަމަވެސް އަނެއް ދެ މުވައްޒަފުންނަށް އަދިވެސް ގޮތެއް ނުނިންމަ އެވެ.
"އެހެންވީމާ މި މައްސަލާގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އަންނަ މަހު ތިން މުވައްޒަފުންނާ މެދު ގޮތްތަކެއް ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު އުއްމީދު ކުރެވޭ،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމުގައި ފަރުވާ ކުޑަވުމާއި، އޮފީހުގެ ހާޒިރީއަށް ފަރުވާ ކުޑަވުން ފަދަ މައްސަލަތައް ކުރިމަތި ވެގެން ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާއިން ވަކިކުރި އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޭގެ ތެރެއިން ނުވަ މުވައްޒަފުންނަށް ވަޒީފާ ދޭން އެންގިއިރު އަނެއް ދެ މީހުނާމެދު ނިންމީ އެ މީހުން ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.