ޑރ. މުހައްމަދު ޖަމީލް އަހުމަދު

"އަހަރު ނިންމާލީ ސަރުކާރުން ހުސްވާހަކަ ދެއްކުމުގައި"

މިއަދު ނިމޭ 2020 ވަނަ އަހަރު މި ސަރުކާރުން ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ނުބާއްވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. މި ފަހުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ޖަމީލެވެ. ޖަމީލް ވިދާޅުވީ އަހަރެއް ނިންމާލީ ސަރުކާރުން ހުސްވާހަކަ ދެއްކުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ 2020 ވަނަ އަހަރު ނިމޭއިރު އެންމެން ހާލުގައި ޖެހިފައިވާ ކަމަށެވެ. މަސްވެރިންނަށްވީ ވައުދު ފުއްދަން ދެކޮޅު ހަދަމުންދާއިރު ހުޅުމާލޭގައި އެންމެ ގާކޮޅެއްވެސް އަލަށް ނުބާއްވާ ކަމަށް ވިދާޅުވިއެވެ.

"މުޅި ސަރުކާރުގެ ކުންފުނިތައް ބަވަނަވީ ކޮރަޕްޝަނުން. ފަސް އަހަރު ވެރިކަން ކުރެއްވި ވެރިއަކު ޖަލުގައި،" ރައީސް ޔާމީން ޖަލުގައި އޮތް އޮތުމަށް އިޝާރާތް ކުރައްވާ އެމަނިކުފާނުގެ އިސް ވަކީލުކަންވެސް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު، ހުކުމަށްފަހުވެސް ގޭގައި ބަހައްޓަވާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގިއިރު އެ ކޯޕަރޭޝަންގެ އެމްޑީއަކަށް ހުންނެވި އަބްދުﷲ ޒިޔަތު ގިނަަ ދުވަސްތަކަކު ގޭގައި ބެހެއްޓިކަންވެސް ފާހަގަކޮށްފައިވެއެވެ.

"އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވާއެއް ނުވޭ. އެއްވެސް މަރަކަށް އިންސާފެއް ނުލިބޭ. ރީތި ނަމުގެ ބަދަލުގައި ރައީސަށް ނެންގެވެން އޮތީ ހުސް ބްލޭމް،" ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެ ފޮޓޯފުޅެއް ހިމަނާ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.