ޑރ. މުހައްމަދު ޖަމީލް އަހުމަދު

ދެން އަންނާނީ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަން ބަލާނެ ސަރުކާރެއް

ޕީޕީއެމްގެ ވެރިކަމެއްގައި އެމްޑީޕީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ތިލަކޮށް ފުރިހަމަ އިންސާފެއް ގާއިމުކުރާނެ ކަމަށް އެޕާޓީގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އަވަސްގެ ހެނދުނުގެ ޝޯ "ފަށަމާ" ގައި ބައިވެރިވެވަޑައިގެން ޖަމީލު ވަނީ ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

ޖަމީލް ވިދާޅުވީ ވެރިކަން ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ދެ ފަހަރު ލިބިފައިވާއިރު އެޕާޓީގެ ވެރިކަމެއްގައި ކުރާހާވެސް ކަމަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގުން ކަމަށެވެ. އެކަން 2008 ވެރިކަމަށް ބަލާލިނަމަވެސް އަދި މިހާރު ހިނގަމުންދާ ވެރިކަމަށް ބަލާލިނަމަވެސް ފެންނަމުންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ހަގީގަތަށް ރަނގަޅަށް ބަލައިފިނަމަ ކޮރަޕްޝަންގެ މި ސަފްހާތައް އެމްޑީޕީ އަންނަ ކޮންމެ ފަހަރަކު އަލުން ބަލުން ލިޔެވިގެން އަޑުކިޔާފަ ބާރަށްދާތަން މި ފެންނަނީ،"

ޖަމީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ފޮނި އުންމީދުތަކަކާއެކު ގެނައި ސަރުކާރެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ތެރެއިންވެސް ރައްޔިތަކަށް ލިބުނު މަންފާއެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި މުޅިންވެެސް ފެންނަނީ ވައްކަމާއި ފަސާދައަށް މަގުފަހި ކުރާ މަންޒަރު ކަމަށެވެ.

"މިވެރިކަން ބަދަލުވާނެ، އިރާދަކުރެއްވިއްޔާ އެއްވެސް ޝައްކެއްނެތި 2023ގައި ބަދަލުވެގެންދާނެ. މިފަހަރު އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ހައްގުގައި... އެމްޑީޕީން މި ހިންގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ތިލަކޮށް މީގެ ފުރިހަމަ އިންސާފު ގާއިމްކުރާނަން،"

ކުރީގެ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހު ދެކޭނެ އިލްމީ ގޮތުން އެންމެ ފޭރާން ދެރަ ވަޒީރުންގެ މަޖިލީހަކީ ވެސް މިހާރު އޮތް ވަޒީރުންގެ މަޖިލީސް ކަމަށެވެ. އަދި ވެރިކަން ހިންގުމުގައި އިސްކޮށް ތިއްބެވި ދެ ބޭފުޅުންނަކީ ވެސް އެފަދަ ތަޖުރިބާއެއް ނެތް އަދި ތަޖުރިބާކާރުންގެ ލަަފަޔާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ނުވުން އެއީ ގައުމަށް އޮތް ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

އޭގެ ބަދަލުގައި ކަރަޕްޝަނާއި ފަސާދައިގެ ތެރެއިން އެތައް ކަމެއް ހިނގައިދާ މަންޒަރު ފެންނަމުންދާތީ މި ވެރިކަމާ ދޭތެރޭ ރައްޔިތަކު ކުރަން ޖެހޭ އެއްވެސް އުންމީދެއް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ވެރިކަން ކުރަން އެނގޭނެ ޕާޓީއެއް ނޫން. އެ މީހުން މޮޅުވާނީ މަގުމައްޗަށް. އަޅުގަނޑަށް މި ފަސް އަހަރު ސިފަ ކުރެވޭނީ ދުވަސްކޮޅަކުން އެމީހުން އަމިއްލައަށް އިހުތިޖާޖު ވެސް ކުރާނެ. މާނަވީ ގޮތުން ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ މި ސަރުކާރު ނިމިގެން ދާނީ. ކުރު ގޮތަކަށް ދަންނަވާނަމަ މިފަހުގެ ތާރީހެއްގައި ފެނުނު އެންމެ އިލްމީ ފޭރާންދަށް ވަޒީރުންގެ މަޖިލީސް މިހާރު މި އޮތީ. އެ އެއްޗެއްގެ ހުރި އެއްޗެއް އެ އެއްޗަކުން އަންނާނީ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ތާރީހުގައި ނުފެންނަ ވަރުގެ ވީރާނާ ފަސް އަހަރަށް. ފެންނާނީ ބިޔަ ބޮޑެތި ކޮރަޕްޝަން،" ޖަމީލް ވިދާޅުވި އެވެ.