ހަބަރު

ޓްވީޓްތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން އިޔާޒަށް އިންޒާރު ދީފި

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް އިންޒާރު ދީފި އެވެ.

އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.

ގައުމީ ޔުނިވާސިޓީން މިމަހުގެ 29 ވަނަ ދުވަހު އިޔާޒަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ އިޔާޒްގެ ޓްވިޓާ ހެންޑްލްގައި ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށް ޖައްސަވާފައިވާއިރު ކުރައްވާ ސިޔާސީ ކޮމެންޓެއް ކަމަށް ބެލެވިދާނެ ކޮންމެ ޓްވީޓެއްގެ މުގައްދިމާއެއްގެ ގޮތުގައި ޓްވީޓް ކުރައްވަނީ އަމިއްލަ ހައިސިއްޔަތުންކަން ފާހަގަ ނުކުރައްވާނަމަ އެކަން ބެލެވޭނީ ގައުމީ ޔުނިވާސިޓީގެ ކައުންސިލުން އަމަލު ކުރަމުން ގެންދާ ކޮލެޖް ކައުންސިލްގެ މާއްދާތަކާއި ހިލާފުވީ ކަމަށެވެ.

"ލިޔުމުން ދޭ ނަސޭހަތު" ގެ ނަމުގައި ދީފައިވާ އެ އިންޒާރުގައި ބުނެފައިވަނީ އިޔާޒް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށެވެ. އަދި މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އަނގަބަހުން ނަސޭހަތްދީ މި ފަހަރު ލިޔުމުން އެކަން އަންގާ ކަމަށެވެ.

އިޔާޒަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. ހާއްސަކޮށް ޓްވިޓާގައި ވަރަށް ގިނައިން ޓްވީޓްކޮށް ހައްދަވައެވެ. ރައީސް ސޯލިހާއި މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރާ އިލްމުވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ޑރ. އިޔާޒް ގެންދަވަނީ މި ސަރުކާރު ހިންގާ އަދި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ނަޝީދަށް ވަފާތެރި ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކި ކޮށްފާނެ ކަމުގެ ބިރު ދައްކައިގެން އޭނާ ކުރާ މަސައްކަތްތައް ހުއްޓުވާ ނުލެވޭނެ ކަމަށެވެ.

"ރިޒްގު ދެއްވަނީ ﷲ،" އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޓްވީޓްތަކާއި ގުޅިގެން އިޔާޒަށް އިންޒާރު ދީފައިވާއިރު ޔުނިވާސިޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މީގެ ކުރިން ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ހަމަނުޖެހުންތަކުންވެސް ފެނިފައިވެއެވެ. އަދި ޔުނިވާސިޓީ ކައުންސިލްގައި ހިމެނޭ ބޭފުޅަކު ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުއްދަނޫން ތަކެތި ބޭނުން ކުރަނިކޮށް އަތުލައިވެސް ގެންފައެވެ.