ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އާ އަހަރާ ކުރިމަތިލީ ގައުމު އާރާސްތު ކުރުމުގެ ގަދަ އަޒުމާއެކު"

މިއަދު ފެށުނު 2021 ވަނަ އަހަރާ ސަރުކާރުން ކުރިމަތިލީ ގައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި އަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މި ފެށުނު 2021 ވަނަ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސް ވިދާޅުވީ ފާއިތުވި 2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ ފުރަބަންދުކުރަން ޖެހި، އަދި އިގްތިސާދީ ގޮތުން ނާޒުކު ހާލަތާ ކުރިމަތިކުރުވި އަހަރެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މި ހުސްވި އަހަރު ސިފަކުރެއްވީ އަސާސީ ހިދުމަތްތައް ފުރިހަމަ ނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަންޖެހުނު އަދި ގިނަ ހައްގުތަކެއް ގެންލިގެންދިޔަ އަހަރެއްގެ ގޮތުގައެވެ. އަދި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވެގެންދިޔަ އަހަރެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފެށުނު އައު އަހަރާ ސަރުކާރުން ކުރިމަތިލަނީ އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކުގައި ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ފަތުރުވެރި ކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، އިގްތިސާދު ސިންދަފާތު ކުރުމުގެ އަމާޒާ އެކުގައި ކަމަށެވެ. މީގެ އިތުރުން، ތަރައްގީގެ މަޝްރޫއުތައް ތިމާވެއްޓާ އެއްކީލިކޮށް، އިޖްތިމާއީ މައްސަލަތައް ވެސް ހައްލު ކުރެވި، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ އަޒުމުގަައި ކަމަށެވެ.

އަދި އިގްތިސާދު އާރާސްތުކޮށް، މުޖުތަމައަށް ކުރިމަތިވެފައިވާ އެކިއެކި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އާއިލީ އަދި ފަރުދީ ފެންވަރުގައި ބައިވެރިވެ، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.