ފްރާންސުގެ ވެރިރަށް ޕެރިހުގައި ޝާރލީ ހެބްދޫ ނޫހަށް ދިން ޙަމަލާއަކީ ލާއިންސާނީ ޙަމަލާއެކެވެ. އެޙަމަލާ މިހާރު ދިވެހި ސަރުކާރުންވެސް ކުށްވެރި ކުރައްވައިފިއެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް 'ނާތަހުޒީބު، ދަށު ދަރަޖައިގެ' ޙަމަލާއެކެވެ. އެކަން އެހެން ވަނީ ރައީސް ޔާމީން އެހެން ވިދާޅުވީމައި އެކަންޏެއް ނޫނެވެ. ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް އެއީ ދަށު ދަރަޖައިގެ ކަމަކަށްވާތީއެވެ. އިނގިރޭސި ވިލާތުގެ ނޫހަކުން ތުހުމަތު ކޮށްފައިވާ ފަދައިން، އެޙަމަލާގެ ވާހަކަ ދިވެއްސަކު ޓުވީޓު ކޮށްފައިވާނަމަ، މިއީ ވަރަށް ދެރަ ކަމެކެވެ. އެއީ، ދިވެހިންނަކީ މުސްލިމުންނަށްވާތީއެވެ. ޙައްޤަކާނުލައި މީހުން މެރުމަކީ މުސްލިމުން ކުރަން އެކަށީގެންވާ ކަންކަމަށް ނުވާތީއެވެ.
ދީނީ ގޮތުން "ޙައްދު ފަހަނަ" އެޅުމުގެ ވާހަކައަކީ ދިގު ވާހަކައެކެވެ. އެވާހަކައިގެ އެކި ބައި ބަޔަށް ދޭތެރެ ދޭތެރެއިން ލިޔެވޭތޯ ބަލާނަމެވެ. މިފަހަރު ބަލައިލާނީ ޝާރލީ ހެބްދޫގެ މައްސަލައަށެވެ. ތެދެކެވެ. ޝާރލީ ހެބްދޫ ނޫހުން ރަސޫލުﷲ (ޞ) އަށް ފުރައްސާރަކޮށް ކާޓޫން ކުރެހިއެވެ. އެއީ، ވަރަށް ވިޔާނުދާ ކަމެކެވެ. އެއީ ހުޅަނގުން ޤަބޫލުކުރާ މިންގަނޑުން ބެލިނަމަވެސް ނަސްލީ ތަފާތު ކުރުމެވެ. ދުނިޔޭގެ ގިނަ ބަޔަކު ޤަބޫލު ކުރާ ދީނެއްގެ ވަރުގަދަ ޝިޢާރަކަށް ކުރި ޖެއްސުމެކެވެ. އެއީ ގޯހެކެވެ. ކުށެކެވެ. އެފަދަ ކާޓޫނެއް ހޮލަކޯސްޓާ ބެހޭ ގޮތުން ކުރަހާލުމަކީ، ހުޅަނގުގެ ކާޓޫން ކުރަހާ މީހަކު ކުރާނެ ކަމެއް ނޫނެވެ. އެކަން އަޅުގަނޑުވެސް ކުށްވެރި ކުރަމެވެ.
ދެން އޮތީ އަޅުގަނޑުމެން މުސްލިމުން އެކަމާ ބެހޭ ގޮތުން ޢަމަލު ކުރާނެ ގޮތުގެ ވާހަކައެވެ. އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންނަށް މަގު ދައްކަވަން ފޮނުއްވި ރަސޫލާ (ޞ) އާއި އެކަލޭގެފާނުންގެ ޞަޙާބީން ޢަމަލު ކުރެއްވި ގޮތަށެވެ. ޚައިބަރު ހަނގުރާމަ ނިމުނު ފަހުން، ބިލާލުގެފާނު، ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވުނު ޔަހޫދީ ދެ އަންހެނަކު ގޮވައިގެން، ހަނގުރާމައިގައި މަރުވެފައިވާ ޔަހޫދީންގެ ތެރެއިން ހިންގަނިކޮށް ރަސޫލުﷲ (ޞ) އަށް ފެނިވަޑައިގަތެވެ. އެކަމާ ރަސޫލާ (ޞ) ހިތްހަމަޖެހިވަޑައެއް ނުގަތެވެ. ރަސޫލާ (ޞ) ބިލާލުގެފާނާ މުޚާޠަބު ކުރައްވައި، އޭ ބިލާލެވެ. ކަލޭގެ ހިތުގައި ރަޙުމް ނެތީތޯ؟ ސުވާލު ކުރެއްވިއެވެ. ރަސޫލާގެ ހިތްޕުޅުގެ ސާދާކަމާއި، ރަޙުމް ކުރެއްވުން ނިކަން ބައްލަވާށެވެ. މީގެ ގަޑިއިރުތަކެއް ކުރިން މުސްލިމުން މަރާ ހުސްކުރުމަށް ހަނގުރާމަކުރި މީހުންގެ އަނބިންނާއި ޢާއިލާގެ މީހުންނާމެދުވެސް ބަހައްޓަވާ އޯގާތެރިކަން ނިކަން ބައްލަވާށެވެ.
އެހެން ވާހަކައެކެވެ. މަޝްހޫރު ޞަޙާބީ ޚާލިދު ބުނި ވަލީދު، ރަސޫލުﷲ (ޞ) ސިފަ ކުރައްވާފައިވަނީ، އިސްލާމް ދީނަށްޓަކައި "އުރައިން ދަމައިގެން ކަނޑި" އެއްގެ ސިފައިގައެވެ. ނަމަވެސް އިސްލާމްދީނުގެ ހަމަތަކާ ޚިލާފަށް، ޚާލިދު ބުނި ވަލީދު ހަނގުރާމައިގެ އަސީރުންތަކެއް ޤަތުލުކުރިކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ރަސޫލާ (ޞ) އެކަމާ ހިތާމަކުރައްވާ، އެކަން އިންކާރު ކުރެއްވިއެވެ.
މިބާވަތުގެ އެތައް އެތައް ޙާދިސާތަކެއް އިސްލާމީ ތާރީޚުން ފެންނާން އެބަހުއްޓެވެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އިސްލާމް ދީނުގެ ނަމުގައި، ޢަދުލް އިންޞާފާ އިދިކީލި ކަންތައްތައް ކުރުމަކީ، ދީނުގައި އޮތް ކަމެއް ނޫނޭއެވެ. ޤާނޫނު އަތަށް ނަގައިގެން، އަމިއްލައަށް ޤާނޫނު ތަންފީޒުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާނެއެވެ. އެއީ، 'އެމީހުން' އަޅުގަނޑުމެންނާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސްވެހެވެ.
މިއަދު އަޅުގަނޑުމެން މުސްލިމުންގެ ނަމުގައި، "ޖިހާދު" ކޮށް، މީހުން މަރައި، ކަރު ބުރިކޮށް، އެމަންޒަރު ޔޫޓިއުބަށް އަޅައި، އިސްލާމް ދީނަށް "ނަޞްރު" ދިނުމުގެ ނަމުގައި މިކުރާ ދީނާ ޚިލާފު ކަންތައްތަކާމެދު ރަސޫލާ (ޞ) ދެކެވަޑައިގަންނަވާނެ ގޮތަކާމެދު އަޅުގަނޑުމެން ވިސްނާލީމުތޯއެވެ. ރަސޫލާގެ އެންމެ ގާތް އަޞްޙާބުންގެ ކިބައިން ފެނުނު ލާއިންސާނީ ޢަމަލުތައް ރަސޫލާ (ޞ) އިންކާރު ކުރެއްވިއެވެ. ވަރަށް ކުރުކޮށް ދަންނަވާނަމަ، އަޅުގަނޑުމެން މުސްލިމުން ޢަމަލު ކުރަންވާނީ މުސްލިމުން ޤަބޫލުކުރާ އުޞޫލުތަކަށެވެ. އެހެން މީހުންގެ އުޞޫލުތަކަކަށް ނޫނެވެ. މިނޫން ގޮތަކަށް ޢަމަލު ކޮށްގެން، ރަސޫލުﷲ (ޞ) އާ ބައްދަލުވާ ދުވަހު ރަސޫލާ (ޞ) އަށް އަޅުގަނޑުމެން ދައްކާނީ ކޮން މޫނެއްތޯއެވެ؟