ބޮލީވުޑް ތަރިންގެ ތެރެއިން ލޯބި ވެގެން އުޅޭ ކަމަށް މީޑިއާގައި އެއްބަސް ނުވާ ވަރަށް ގިނަ ޒުވާން ޖޯޑުތައް މި ދުވަސްވަރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އެބަދެ އެވެ.
މީގެ ތެރެއިން އެއް ޖޯޑަކީ ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ އެވެ. "ޝޭރްޝާހް" ގައި އެކުގައި މަސައްކަތް ކުރަން ފެށުމައެކު ސިދާރްތު އާއި ކިއާރާގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ޚަބަރުތައް އިންޑިޔާގެ ނޫހުން ފަތުރަން ފެށި އެވެ. ނަމަވެސް މިއީ ހަގީގަތެއް ކަމަކަށް އޭރު ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ސިދާރްތު ކުރިން ރައްޓެހިވެގެން އުޅުނީ އާލިއާ ބަޓް އާ އެވެ. އެއީ ދެ މީހުން ބޮލީވުޑަށް ތައާރަފްވީ "ސްޓޫޑަންޓް އޮފް ދަ އިޔާ" ކުޅުނު ދުވަސްވަރު ފެށުނު ލޯތްބެކެވެ. ނަމަވެސް އާލިއާ އަށް ރަންބީރު ކަޕޫރާ ބައްދަލުވެވުނު ހިސާބުން ސިދާރްތު އާ ވަކިވެއްޖެ އެވެ. އަދި ރަންބީރު އާ ލޯބީގެ ގޮތުން ގުޅުނެވެ.
ރަންބީރު އޭރު ހުރީ ކެޓުރީނާ ކައިފް އާ ހަތް އަހަރު ދުވަހު ރައްޓެހި ވެގެން އުޅެފައި ރުޅިވެގެންނެވެ. އެހެންކަމުން ވަރަށް ފަސޭހައިން އާލިއާ އާއި ރަންބީރަށް ލޯބީގެ ގުޅުމެއް ފެށުނެވެ.
އަނެއްކޮޅުން އާލިއާ އާ ރުޅިވުމަށްފަހު ސިދާރްތު ވެސް ލޯބިވެރިޔަކު ނުހޯދާ ހުއްޓާ ކިއާރާ އާ ދިމާވުމުން ވަރަށް އަވަހަށް ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ އެވެ.
ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ އަނެއް ޖޯޑަކީ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓްނީ އެވެ. ޓައިގާ އާއި ދިޝާ ރައްޓެހިވެގެން އުޅޭނީ ދިޝާ ފިލްމު ކުޅެން ފެށުމުގެ ވެސް މާ ކުރިން ފެށިގެންނެވެ.
ރާއްޖެއަކީ މި ދެ ތަރިން އެކުގައި ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން އަންނަ މަންޒިލެކެވެ. އެގޮތުން އާ އަހަރު ފާހަގަކުރުމަށް ވެސް ދެ ތަރިން އައީ ރާއްޖެ އަށެވެ.
އިޝާން ޚައްތަރު އާއި އަނަންޔާ ޕާންޑޭ ވެސް މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަގެންދެ އެވެ. އިޝާން އާއި އަނަންޔާ ވެސް ރައްޓެހިވެގެން އުޅޭކަމަކަށް އެއްބަހެއް ނުވެ އެވެ. ނަމަވެސް އެމީހުން އުޅޭ ގޮތުން އެއީ ދެ ލޯބިވެރިކަން ޔަގީން ކުރެވެ އެވެ.
އިޝާންގެ ފުރަތަމަ ފިލްމުގެ ބަތަލާ އަކީ ޖާންވީ ކަޕޫރެވެ. އެ ފިލްމު ފެށުމާއެކު ޖާންވީ އާއި އިޝާންގެ ލޯބީގެ ވާހަކަތައް ފެތުރުނެވެ. ނަމަވެސް ދެ މީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭނގި ދެ މީހުން ވަނީ ވަކިވެފަ އެވެ. އަނަންޔާ އަކީ އޭގެ ފަހުން އިޝާން ކުޅުނު "ޚާލީ ޕީލީ"ގެ ބަތަލާ އެވެ. ފިލްމު ނިމުނުއިރު މި ދެ ތަރިންގެ މެދުގައި ވަރަށް ފުން ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާރު ރާއްޖޭގައި ހޭދަކުރަމުންދާ ބޮލީޥުޑް ތިން ޖޯޑަކީ ވެސް ލޯބިވެގެން އުޅުނަސް އެކަން ސިއްރު ކޮށްގެން އުޅޭ ޖޯޑު ތަކެއް ކަމެވެ.