ބޮލީވުޑް

އަލުން ފިލްމު ކުޅެން ފެށިކަން ޝާހް ރުކް އިއުލާންކޮށްފި

ޝާހްރުކް ޚާނުން ފޭނުން އޭނާ އަލުން ފިލްމު ކުޅެން ފަށާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ދެ ތިން އަހަރު ވެއްޖެ އެވެ. ޝާހްރުކް އެކި ފިލްމުތަކުގައި ސޮއި ކުރި ކަމުގެ ޚަބަރުތައް އަބަދު އަބަދު ފެތުރުނަސް މިހާތަނަށް އޭނާ އެއްވެސް ފިލްމެއް ކުޅޭކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އާ އަހަރާ ދިމާކޮށް ސޯޝަލް މީޑިއާގައި ޝާހްރުކް ޝެއާކުރި ވީޑިއޯއެއްގައި އޭނާ އަލުން ފިލްމު ކުޅެން ފެށިކަމަށް ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ.

ޝާހްރުކް ބުނި ގޮތުގައި 2021 ގައި އޭނާގެ ފިލްމެއް ހަމަ ޔަގީނުން ވެސް ބެލުންތެރިންނާ ހަމަޔަށް އަންނާނެ އެވެ.

ޝާހްރުކްގެ ރަސްމީ ޓުވިޓާ އަދި އިންސްޓަގްރާމް އެކައުންޓުން އޭނާ ޝެއާކުރި ތިން މިނެޓާއި 14 ސިކުންތުގެ ވީޑިއޯގައި ކެޕްޝަންގައި ޝާހްރުކް ލިޔެފައިވަނީ އޭނާގެ ފޭނުންނަށް އުފާވެރި ރައްކާތެރި އާ އަހަރަށް އެދޭ ކަމަށެވެ. ޝާހްރުކް މި ވިޑިއޯގައި މި ފެށުނު އާ އަހަރު އޭނާ ސްކްރީނަށް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދީފައި ވެއެވެ. ނަމަވެސް އޭނާ ކުޅޭ ފިލްމުތަކުގެ ތަފްސީލެއް ނުދެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ޝާހްރުކްގެ އެންމެ ފުރަތަމަ ރިލީޒް ވާނެ ފިލްމަކީ "ވޯ"ގެ ޑައިރެކްޓަރު ސިދާރްތު އާނަންދްގެ ފިލްމެއް ކަމަށެވެ. އަދި ޔާޝް ރާޖް ފިލްމްސްގެ "ޕަތާން" ގެ ޝޫޓިންގްގައި އޭނާ އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ވަރަށް ފަހުން ދައުރުވި އެވެ.

މިއީ 2018 ގައި ރިލީޒްކުރި "ޒީރޯ" އަށް ލިބުނު ފިނި ތަރުހީބަށް ފަހު ޝާހްރުކް ފިލްމު ކުޅެން ފަށައިފިކަން ޔަގީންވި ފުރަތަމަ ފަހަރެވެ.