ބޮލީވުޑް

އަނިލް ކަޕޫރު އަދިވެސް ޒުވާން އެކްޓަރުންނަށް ދުލެއް ނުކުރޭ

ބޮލީވުޑްގައި 40 ވަރަކަށް އަހަރު އަނިލް ކަޕޫރު ވަނީ މަސައްކަތް ކޮށްފަ އެވެ. އުމުރުން 64 އަހަރުގެ އަނިލް އަދިވެސް މިހާރުގެ ޒުވާން އެކްޓަރުންނަކަށް ދުލެއް ނުކުރެ އެވެ. އޭނާގެ ފިޓް ކަމާއި ހަށިގަނޑުން މުސްކުޅި ގޮތް ނުދައްކާތީ ވަރަށް ގިނަ ބަޔަކު ހައިރާން ވެގެން އެވާހަކަ ދައްކަ އެވެ. އަނިލް ބުނަނީ އޭނާ މިހާރުވެސް ބޭނުންވަނީ ޒުވާން އެކްޓަރުންނާ ވާދަކުރަން ކަމަށެވެ.

"އަހަންނަކީ ވަރަށް ވާދަވެރި މީހެއް. އެންމެންވެސް ވާދަވެރި މީހުންނަށް ވާން ޖެހޭނެ. ނަމަވެސް އެކަން އޮންނަން ޖެހޭނީ ޕޮޒިޓިވް ރޫހެއްގައި. ހަގީގަތް ގަބޫލު ކުރުމާއެކު ވާދަވެރިކަން ބާއްވަން ޖެހޭނީ،" އަނިލް ބުންޏެވެ.

އަނިލް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ފެށީ އުމޭޝް މެހެރާ 1979 ގައި ޑައިރެކްޓްކުރި "ހަމާރޭ ތުމާރޭ" ގެ ކުޑަ ކުޑަ ރޯލަކުންނެވެ. އޭނާ ކުރިއަރަމުން ދިޔައީ ހަރުދަނާ ފިޔަވަޅުތަކެއް މަތީ މަޑުމަޑުންނެވެ.

"ވޯ 7 ދިން"، "1942 އަ ލަވް ސްޓޯރީ"، "މިސްޓަ އިންޑިއާ"، "ތޭޒާބު"، "ރާމް ލަކަން"، "ލަމްހޭ"، "ބޭޓާ"، "ތާލް"، "ނާޔަކް: ދަ ރިއަލް ހީރޯ"، އަދި "ޕުކާރް" އަކީ އަނިލްގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކެވެ.

ފާއިތުވީ 40 އަހަރު ތެރޭގައި އެކި ކަހަލަ ފިލްމުތައް ކުޅެ ހުރިހާ ވައްތަރެއްގެ ރޯލެއް އަނިލް ތަޖުރިބާ ކޮށްފައި ވެއެވެ. އަދި އޭނާ އަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅަދާނަ ކަމާއެކު ކުޅެލެވޭނެ އެކްޓަރެއް ކަން "ދިލް ދަޅަކްނޭ ދޯ"، "ނޯ އެންޓްރީ"، "ފަންނީ ޚާން"، "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ"، އަދި "ޓޯޓަލް ދަމާލް" އިން އަނިލް ވަނީ ސާބިތު ކޮށްދީފަ އެވެ.

އިންޓަނޭޝަނަލް ތަރިއެއްގެ ގޮތުގައި މުޅި ދުނިޔެ އަނިލް ބަލައިގަތީ "ސްލަމްޑޯގް މިލިނައާ" ގައި ކުޅުނު ރޯލުންނެވެ. އަދި "24"، "މިޝަން އިމްޕޮސިބަލް – ގޯސްޓް ޕްރޮޓޮކޯލް" އަދި "ފެމެލީ ގައި" ފަދަ ސީރީޒްތައް ވެސް އަނިލް ކުޅެފައި ވެއެވެ.

އަނިލް ކަޕޫރުގެ "އޭކޭ ވާސަސް އޭކޭ" މިދިޔަ ޑިސެމްބަރު 24 ގައި ނެޓްފްލިކްސް އިން ވަނީ ރިލީޒްކޮށްފަ އެވެ. މި ފިލްމުގައި އަނިލް އާއެކު އަންހެން ދަރިފުޅު ސޯނަމް ކަޕޫރު ބައިވެރި ވެއެވެ. އަދި ފިރިހެންދަރިފުޅު ހަރްޝްވަރްދަން ކަޕޫރާއި ބޭބެ ބޯނީ ކަޕޫރުގެ ކުޑަ ރޯލެއް ވެސް ހިމެނެ އެވެ.

ދެން އޮތީ ނީތޫ ސިންގް އާއި ވަރުން ދަވަން އަދި ކިއާރާ އަދުވާނީ އާއެކު ކުޅޭ "ޖުގް ޖުގް ޖިޔޯ" އެވެ. ރާޖް މެހެތާ ޑައިރެކްޓްކުރާ މި ފިލްމުގައި އަނިލް އާއި ނީތޫ ކުޅެނީ ދުވަސްވީ ދެމަފިރިއެއްގެ ރޯލެވެ. އަދި މިދިޔަ ހަފުތާގައި އިއުލާންކުރި ރަންބީރު ކަޕޫރުގެ ކްރައިމް ޑްރާމާ "އެނިމަލް"ގައި ވެސް އަނިލް ބައިވެރިވާނެ އެވެ. މި ފިލްމުގެ ބަތަލާ އަކީ ޕަރިނީތީ ޗޯޕްޅާ އެވެ. އަދި ބޮބީ ޑެއޯލް ވެސް ފިލްމުގެ ވަރަށް މުހިއްމު ކެރެކްޓާއެއް ކުޅޭނެ އެވެ.