ސޯނަމް ކަޕޫރުގެ "އައިޝާ" ރިލީޒްކުރިތާ 11 އަހަރު ފުރުން ދާދިފަހުން ވަނީ ފާހަގަ ކޮށްފަ އެވެ.
ރާޖްޝްރީ އޯޖާ ޑައިރެކްޓްކުރި މި ފިލްމަކީ ޖޭން އޮސްޓިންގެ މަޝްހޫރު ކްލެސިކް ވާހަކަ "އެމާ"ގެ ވާހަކައިން އުފަންވި ޚިޔާލަކަށް އުފެއްދި ފިލްމެކެވެ.
ސޯނަމްގެ އިތުރުން އަމްރިތާ ޕޫރީ، އީރާ ޑޫބޭ، ލީސާ ހޭޑަން، އަބޭ ޑެއޯލް އަދި ސައިރަސް ސަހޫކަރް ބައިވެރިވި މި ފިލްމަކީ ސްޓައިލްގެ ގޮތުން ވަރަށް ފާހަގަކުރެވޭ ފިލްމެކެވެ.
ފިލްމު ރިލީޒްކުރިތާ 11 އަހަރު ފާހަގަކުރުމުގެ ގޮތުން ސޯނަމް ބައިވެރިވެގެން ބޭއްވި ލައިވް ސެޝަނެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ "އައިޝާ" ކުޅެވުނީތީ ހިތާމަ ނުކުރާ ކަމަށެވެ. އަދި އޭނާ އާއި ކޮއްކޮ ރިއާ ކަޕޫރަށް ބުލީގެ މައްސަލަތައް އެ ފިލްމުގެ ޝޫޓިން ދުވަސްވަރު ވަރަށް ބޮޑަށް ދިމާވި ކަމަށް ސޯނަމް ބުންޏެވެ.
"އަންހެނުންނަށް ވީތީ އަހަރެމެންނަށް ކުރިއަކުން ނޭނގޭ ގިނަ އަންހެނުން ތަކެއް އެކުވީމަ އިތުރަށް ބާރު ލިބޭނެކަމެއް. އެ ފިލްމު އުފެއްދުމުގެ މަރުހަލާގައި ކަޑައްތުވި ހުރިހާ ދުވަހެއްގައި ކަހަލަ ގޮތަކަށް އިންޑަސްޓްރީގެ ބައެއް ފިރިހެން ފަންނާނުންގެ ފަރާތުން އަހަރެމެންނަށް ބުލީގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވި. އެ ދުވަސްވަރު ގަބޫލު ކުރެވުނު އެއް ހަގީގަތަކީ ގިނަ އަންހެނުންތަކެއް އެކުވެގެން ތެދުވީމަ ބުލީކުރާ މީހުންނާ ކުރިމަތިލާނެ ހިތްވަރު އެކަކު އަނެކެއްގެ ފަރާތުން ހޯދޭކަން،" ސޯނަމް ބުންޏެވެ.
ސޯނަމް ބުނި ގޮތުގައި "އައިޝާ"އިން އޭނާއަށް ލިބުނު އެންމެ ރަނގަޅު ހަދިޔާ އަކީ އެ ކުރެވުނު ތަޖުރިބާއިން ލިބުނު ހިތްވަރެވެ. އަދި އޭނާގެ ކޮއްކޮ އަކީ އޭނާގެ ބެސްޓް ފްރެންޑްކަން އިހްސާސް ކުރެވުނީ ވެސް އެ ފިލްމުގައި މަސައްކަތް ކުރިއިރު ކަމަށް ސޯނަމް ބުންޏެވެ.
ސޯނަމް ބުނި ގޮތުގައި "އައިޝާ" އުފެއްދިއިރު އޭނާއަށް ފިލްމު އިންޑަސްޓްރީގެ ސަޕޯޓަށް ވުރެ ފެޝަން އިންޑަސްޓްރީގެ ސަޕޯޓް މާބޮޑަށް ލިބުނެވެ. ފިލްމު އިންޑަސްޓްރީގެ މީހުން ސަޕޯޓްކުރުމުގެ ބަދަލުގައި ތަފާތު މަލާމާތުގެ ބަސްތައް ރައްދުކުރަމުން ދިޔަކަން ސޯނަމް ފާހަގަކުރި އެވެ.
"އައިޝާ" ޕްރޮޑިއުސްކުރީ ސޯނަމްގެ ކޮއްކޮ ރިއާ އާއި ބައްޕަ އަނިލް ކަޕޫރު އަދި ޕްރޮޑިއުސަރު ސުނިލް މަންޗަންދާ ގުޅިގެންނެވެ.
ސޯނަމްގެ ފިލްމީ ކެރިއަރަށް ބަލާއިރު އެންމެ ފަހުން އޭނާ ޝޫޓްކުރި "ބްލައިންޑް" ރިލީޒްކުރަން ދަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގެ ޝޫޓިން ގްލާސްގޯގައި ތަންކޮޅެއް ކުރިން ވަނީ ފުރިހަމަ ކޮށްފަ އެވެ. މިއީ ސޯނަމް މުޅިން އާ ސިފައަކަށް ފެނިގެން ދާނެ ފިލްމެއް ކަމަށްވެ އެވެ.