ބޮލީވުޑް

ވިހޭތާ ދެ މަސް ފަހުން ސޯނަމް ޖިމަށް

ދަރިފުޅު ވަޔޫ ކަޕޫރު އަހޫޖާ ވިހޭތާ ދެ މަސް ފަހުން ސޯނަމް ކަޕޫރު ޖިމަށް ގޮސް ހަށިގަނޑު ރީތިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބަލިވެއިނުމާ ގުޅިގެން ފަލަވި ތަންކޮޅު ވީހާވެސް އަވަހަށް ހިއްކާލައި ކުރިން ހުރި ވަރަށް ބަރުދަން ބަހައްޓަން ސޯނަމް ބޭނުންވެ އެވެ.

ސޯނަމް ވަނީ ޖިމްގައި ކަސްރަތުކުރަން ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. މި ފޮޓޯގެ ތިރީގައި އޭނާ ވަނީ އޭނާގެ ފިޓްނަސް އިންސްޓްރަކްޓަރަށް ޝުކުރު އަދާކޮށްފަ އެވެ.

"ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު އާއި ވިހެއުމަށްފަހު އަހަރެންގެ ފިޓްނަސް ރަނގަޅުކުރުމަށާއި ބަރުދަން ލުއިކުރުމަށް ތިޔަ ކޮށްދޭ މަސައްކަތަށް ޝުކުރު އަދާކުރަން،" އިންސްޓްރަކްޓަރުން ޓެގްކޮށް ސޯނަމް ލިޔެފައިވާ މެސެޖުގައި ވެއެވެ.

ސޯނަމް ބުނެފައިވާ ގޮތުގައި އޭނާއަކީ މަސައްކަތްކުރާ މަންމަ އަކަށް ވާތީ ފިޓްކޮށް ހުރުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އަދި އޭނާގެ ފިރިމީހާ އާނަންދް އިލެކްޓްރޮލައިޓް ބުއިންތައް ތައްޔާރުކޮށް ބޯންދޭ ކަމަށްވެސް ސޯނަމް ބުންޏެވެ. އަދި އޭނާގެ ކޮންމެ ދުވަހެއްގެ ޝެޑިއުލް އޮންނަ ގޮތް ވެސް ސޯނަމް ކިޔައިދީފައި ވެއެވެ.

"ބައްދަލުވުންތައް، ދަރިފުޅަށް ގާތުން ދިނުން، އަނެއްކާވެސް އެހެން ބައްދަލުވުމެއް، އަނެއްކާވެސް ދަރިފުޅަށް ގާތުން ދިނުން، ކެއުން، ނިދުން، މިކަހަލަ ގޮތަކަށް ކޮންމެ ދުވަހަކުވެސް އުޅެން ޖެހެނީ،" ސޯނަމް ލިޔެފައި ވެއެވެ.

ސޯނަމް އާއި ފިރިމީހާ އާނަންދްގެ ފުރަތަމަ ދަރިފުޅު އުފަންވީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.