ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރުގެ ދެ އަންހެން ދަރިންގެ ތެރެއިން ހަގު އަންހެން ދަރި ރިއާ ކަޕޫރުގެ ކައިވެނީގެ ރަސްމިއްޔާތު މިމަހުގެ 14 ވަނަ ދުވަހު ވަނީ ބާއްވާފަ އެވެ. ރިއާ ކައިވެނިކުރީ ވަރަށް ގިނަ ދުވަހު ލޯބިވެގެން އުޅުނު ކަރަން ބޫލާނީ އާއެވެ.
ޖޫހޫގައި ހުންނަ އަނިލްގެ ގޭގައި އޮތް މި ރަސްމިއްޔާތުގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިންނެވެ. މި ހަފުލާގައި ބައިވެރިވި ގިނަ ބައެއްގެ ސަމާލުކަން އަލަތު ކައިވެނިކުރި ދެމަފިރިންނަށް ވުރެ ރިއާގެ ދައްތަ އަދި ފިލްމީ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާއަށް ލިބުނެވެ. އެއީ އެ ޕާޓީގައި އެންމެ ރީއްޗަށް ނަލަހެދިގެން އެންމެ ފަރިކޮށް ފެނުނީ އެ ދެމަފިރިން ވީމަ އެކަންޏެއް ނޫނެވެ. ސޯނަމް ލާފައި ހުރި ހެދުމުން އޭނާ ބަނޑުބޮޑުހެން ހީވާތީ އެވެ.
ރިއާގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑީއާގައި ދައުރުވީއިރު އެ ފޮޓޯތަކުން ވެސް ސޯނަމް ބަނޑުބޮޑުހެން ހީވާތީ އިންޓަނެޓުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ސޯނަމްގެ ބަނޑަށް ވަނީ ލިބިފަ އެވެ. ނަމަވެސް ސޯނަމް ބަނޑުބޮޑުކަން ނުވަތަ ނޫން ކަން އޭނާ ވެސް އަދި އާއިލާގެ މީހަކު ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ.
ލަންޑަނުގައި އަހަރެއްހާ ދުވަހު ހުރުމަށްފަހު މިދިޔަ މަހުގެ 14 ވަނަ ދުވަހު ސޯނަމް އެނބުރި މުމްބައީ އަށް އައިސް އެއާޕޯޓަށް ފައިބައިގެން ކާރަށް އަރަން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ނޫސްތަކުގައި ޝާއިއު ކުރުމުން ވެސް ބައެއް މީހުން އޭނާ ބަނޑުބޮޑު ކަމަށް ބުނެ ވާހަކަ ދެއްކި އެވެ. ފަހަރެއްގައި އެއީ ސޯނަމް ލާފައި ހުރި ހެދުމުން ހީވާ ހީވުމަކަށް ވެދާނެ ކަމަށް ބައެއް މީހުން ޝައްކު ކުރިޔަސް އަނެއް ބަޔަކު ބުނަނީ އޭނާ ހަމަ އަސްލު ވެސް ބަނޑުބޮޑީ ކަމަށެވެ.
އޭނާ ބަނޑުބޮޑު ކަމަށް ބުނެ ވާހަކަ ދައްކަމުން ދިޔަ މީހުންނަށް މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ސޯނަމް ވަނީ ވަނީ ނުސީދާ ގޮތަކަށް ޖަވާބު ދީފަ އެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރި މެސެޖެއްގައި ސޯނަމް ބުނެފައިވަނީ އެ ދުވަހަކީ އޭނާގެ ޕީރިއަޑްގެ ފުރަތަމަ ދުވަހަށް ވުމުން ވަރަށް ހާލުގައި އުޅެމުންދާ ކަމަށެވެ.