ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނު ދުބާއީއަށް ފުރާ ވަޑައިގެންނެވީ އިއްޔެގެ ހެނދުނު ވަގުތެއްގަ އެވެ. އިއްޔެ އަކީ އާ އަހަރުގެ ދެވަނަ ދުވަހެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވީ ރައީސް ސޯލިހު ދުބާއީއަށް ވަޑައިގެންވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށާއި އެ މަނިކުފާނުގެ އެ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
ރައީސް އެނބުރި ރާއްޖެ ވަޑައި ގަންވަނީ އަންނަ އަންގާރަ ދުވަހު އެވެ.
ދުބާއީއަށް ރައީސް ވަޑައިގެންނެވި އިރު ދިވެހިން އާއްމުކޮށް ގޮސް އުޅޭ ގިނަ ގައުމުތައް ކޮވިޑް-19 އާ ގުޅިގެން ތަޅު އަޅުވައި ބަންދުކޮށްފައި ވާތީ އާއި ދުބާއީ ހުޅުވާފައި އޮތުމުން ދިވެހިންގެ ޗުއްޓީގެ މައި މަންޒިލަކަށް ދުބާއީ ވެފައި ވެއެވެ.