ނުވަ ވަރަކަށް މަސް ދުވަހު ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށް ފަހު ރިތިކް ރޯޝަން ވެސް ފިލްމު ސެޓުތަކަށް ގޮސް ފިލްމީ މަސައްކަތް ފަށައިފި އެވެ. ރިތިކް ވަނީ އޭނާ އަލަށް ކުޅޭ ފިލްމުގައި ހުންނަ ސިފަ އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. އަދި މި ފޮޓޯތައް ބަލާފައި ސޯޝަލް މީޑިއާގައި ވަނީ ވަރުގަދަ ތޫފާނެއް އުފެދިފަ އެވެ.
ފޮޓޯތައް ޝެއާ ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް މިލިއަން ބަޔަކު ފޮޓޯތައް ބަލާފައި ވެއެވެ. އަދި އަންހެންކުދިންތައް މި ފޮޓޯތަކާ ހެދި މޮޔަ ވެގެން ގޮސް ތަފާތު ކޮމެންޓުތައް ވެސް ކޮށްފައި ވެއެވެ.
"އެނބުރި ސެޓަށް" ފޮޓޯގެ ކެޕްޝަންގައި ރިތިކް ލިޔެފައި ވެއެވެ. އެއާއެކު ރިތިކްގެ ފޭނުންތައް އޭނާގެ މި އާ ސިފަޔަށް ތައުރީފު ކުރަން ފެށި އެވެ. ވަރަށް ރީއްޗަށް ބޯ ކޮށާފައި ތުނބުޅިވެސް ތުނިކޮށްފައި ހުއްޓާ ފެންނަ މި ފޮޓޯތަކުން ރިތިކް ފެންނަނީ ކުރިއަށް ވުރެ މާ ޒުވާން ކޮށެވެ.
މި ފޮޓޯއަށް ކޮމެންޓުކުރި ބައެއް އަންހެންކުދިން ބުނެފައި ވަނީ ރިތިކް ވަރުގެ ރީތި ބަތަލެއް ފިލްމު އިންޑަސްޓްރީގައި ނެތް ކަމަށެވެ. އަދި ރިތިކްގެ އާ ފިލްމަކަށް ކެތްތެރި ކަމެއް ނެތި އިންޒާރުކުރާ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ފިރިހެނަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ ރިތިކް ރީތީ ހަމައެކަނި އަންހެން ކުދިންނަށް ނޫން ކަމަށެވެ. އަދި އޭނާގެ އާ ފިލްމު އިއުލާން ކުރާނެ އިރަކަށް އިންތިޒާރުކުރާ ކަމަށެވެ.
"ކްރިޝް 4"ގެ އިތުރުން އެއްވެސް އާ ފިލްމެއް ކުޅެން ސޮއި ކުރިކަން ރިތިކް އަދި ޔަގީން ކޮށްދީފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ އެކްޝަން-އެންޓަޓައިނާ "ވޯ" އިން ޓައިގާ ޝްރޮފް އާއެކުގަ އެވެ. މި ފިލްމަކީ 2019 ގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
ހޮލީވުޑްގެ ޓެލެންޓް އެޖެންސީއަކާ ގުޅިގެން ހޮލީވުޑް ޕްރޮޖެކްޓްތައް ހޯދުމުގެ މަސައްކަތް ރިތިކް ކުރަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ތަންކޮޅެއް ކުރިން ވަނީ ބުނެފަ އެވެ.