ކުލަބު އީގަލްސްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ އަށް ކުލަބު ވެލެންްސިއާ ޖެހިލައިފި އެވެ.
ވެލެންސިއާ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ކުރިން އެއް ވަނައިގައި އޮތް މާޒިޔާ އެވެ. އެ ޓީމުން ވަނީ އަށް ޕޮއިންޓް ހޯދާފަ އެވެ.
ވެލެންސިއާގެ ދެ ލަނޑަކީވެސް ލިބުނު ދެ ޕެނަލްޓީން ކާމިޔާބު ކުރި ދެ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްގެ ތިން ބަދަލު ވެސް ކުރަން ޖެހުނީ އަނިޔާގެ ވޭނާ ހުރެ އެވެ. ޓީމުގެ އެންމެ މުހިންމު ފޯވަޑް އަހްމަދު ރިޒްވާން (ރިޒޭ) ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަދަލު ކުރަން ޖެހުނެވެ. ހިޝާމް ސަލީމް އަދި އަހްޝަމް މޫސާ ވެސް ފުރަތަމަ ހާފުގައި ބަދަލު ކުރަން ޖެހުނީ އެވެ.
ވެލެންސިއާގެ ފުރަތަމަ ޕެނަލްޓީއަކީ، އީގަލްސްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ބޯޅަ ހިފައިގެން އޭރއާގެ އަރިމަތިން ވަން އަލީ ފާސިރު (ސެންޓޭ) އީގަލްސްގެ އަހްސަމް ފައުލް ކުރުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީން ވެލެންސިއާ އަށް ލަނޑު ކާމިޔާބު ކޮށް ދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަޝްފާގް ޕެނަލްޓީ ފޮނުވާލީ އީގަލްސްގެ ކީޕަރު މިލާން ޖެލްވޮކް އަށް މިސްރާބު އޮޅުވާލުމަށް ފަހު އެވެ.
ދެ ޕެނަލްޓީން ލަނޑު ކާމިޔާބު ކުރުމުން، ލިބުނު މޮޅަކީ ނަސީބު ރަނގަޅު ކަމުން ލިބުނު މޮޅަކަށް ވެދާނެތޯ ސުވާލު ކުރުމުން މެޗަށް ފަހު ވާހަކަ ދެއްކަމުން، ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ ޕެނަލްޓީ ލިބުނީ ވެލެންސިއާއިން ހަމަލާ އުފައްދަން މަސައްކަތް ކުރުމުން ކަމަށެވެ. އާތީ ބުނީ، މެޗަކީ ދެ ޓީމަށްވެސް ޕްރެޝާ މެޗެއް ކަމަށާއި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް މެޗު އޯޕަން ނުވާ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް މި ކުޅެނީ ރިޒަލްޓަށް ދެން އަނެއް ގޮތަށް ލަކީ އޭ ވެސް ބުނެވިދާނެ އެކަމަކު އަނެއްގޮތަށް ބަލަންޏާ މެޗުގެ ގިނަ ޗާންސް އުފެއްދީ ވެލެންސިއާ،" މެޗަށް ފަހު ވާހަކަ ދައްކަމުން އާތީ ބުންޏެވެ. "ކުރިއޭޓް ކުރި ޗާންސެއްގައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އެ ޕެނަލްޓީވެސް ލިބުނީ. ކޮންމެ ގޮތެއް ވިޔަސް އޯކޭ އަޅުގަނޑުމެން މަސައްކަތް ކުރަނީ ހަމަ މޮޅުވާން."
މެޗުގައި ރެފްރީންގެ ނިންމުންތަކާ މެދު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެހެންނަމަވެސް ރެފްރީންނާ ބެހޭގޮތުން ވާހަކަ ދެއްކުން ކޯޗުންނަށް އެފްއޭއެމުން އިއްޔަ މަނާ ކުރުމުން އެކަމަކާ ބެހޭގޮތުން އޭނާ ވާހަކައެއް ނުދައްކަ އެވެ.
"ދެން މިއަދު ދައްކަން ޖެހޭ ވާހަކަ ނެތް ދެއްކޭކަށް އިއްޔަ އޮތީ މަނާ ކޮށްފަ މިއަދު ދައްކަން ޖެހޭ ވާހަކަ ވެލެންސިއާ އާ ކުޅެން ވާއިރަށް،" ރެފްރީން ނާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށް އެންގި އެންގުމަށް އިޝާރާތް ކޮށް މޯހަން ވާހަކަ ދެއްކި އެވެ. "ދައްކަން އޮތް އެންމެ މުހިންމު ވާހަކަ ނެތް ދެއްކޭކަށް ވަރަށް ބޮޑަށް މާފު ކުރައްވާތި."
ވެލެންސިއާގެ ދެ ވަނަ ޕެނަލްޓީ އަކީ، އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އަޝްފާގް އަށް އީގަލްސްގެ ކީޕަރު ޖެލްވޮކް ހުރަސް އެޅި ކަމަށް ބަލައި ދިން ޕެނަލްޓީ އެކެވެ. އީގަލްސްގެ އޭރިއާގެ ބޭރުން ވެލެންސިއާގެ ބިދޭސީ މިޑްފީލްޑާ ޓޯނީ ސޯލާ ފޮނުވާލި ބޯޅަ، ކީޕަރު ޖެލްވޮކް ދިފާއު ކުރުމުން ރީބައުންސްވި އެވެ. އެ ބޯޅަ ހޯދައި އަޝްފާގް ބޯޅަ ފޮނުވާލުމުގެ ކުރިން ޖެލްވޮކް ވަނީ ބޯޅަ ހޯދަން ކުރިމަތިލައި އޭނާގެ އަތުން ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އޭނާގެ އަތުގައި އަޅައި އަޝްފާގް ގޯލް އޭރިއާ ތެރެއަށް ވެއްޓި ބޯޅަ ގެއްލުނެވެ.
ރެފްރީ ޕެނަލްޓީ އެއް ކަމަށް ދެއްކީ، އަޝްފާގް ޕެނަލްޓީ އެއްކަމަށް އެޕީލް ކުރި ފަހުންނެވެ. އީގަލްސްގެ ކީޕަރު ވަނީ ޕެނަލްޓީއެއް ނޫން ކަމަށް އެޕީލް ކޮށްފަ އެވެ. އެހެނަމަވެސް ރެފްރީ ވަނީ ޖެލްވޮކް އަށް ރިނދޫ ކާޑު ދެއްކުމަށް ފަހު ޕެނަލްޓީ އެއް ކަމަށް ނިންމާފަ އެވެ.
އެ ޕެނަލްޓީ 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސެންޓޭ އެވެ. އޭނާ ޕެނަލްޓީ ފޮނުވާލީ ގޯލްގެ އެތެރޭގެ މަތީ ދާގަނޑަށް އަމާޒު ކޮށެވެ. މެޗުގެ ފަހު ދެތިން މިނެޓް އީގަލްސް ކުޅުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ. އެއީ އެ ޓީމުގެ މުހައްމަދު ނާއިމް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.