ހަބަރު

ރައީސްއަށް ދޭން ޖެހޭ ކޮންމެ އެއްބާރުލުމެއް ދޭނަން: ޕީޕީއެމް

Oct 24, 2015

މިހާރު ކުރިމަތިވެފައިވާ ނާޒުގު ދަނޑިވަޅުން އަރައި ގަތުމުގައި ރައީސް އަބްދުﷲ ޔާމީންއަށް ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށް ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

ރައީސް މައުމޫން އިންޑިއާ އަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރެއްވިކަން އިއުލާން ކުރުމަށް ނެރުނު ބަޔާނުގައި އެ ޕާޓީ އިން ބުނީ މިފަދަ ދަނޑިވަޅެއްގައި ރައީސް އަޅުއްވަމުން ގެންދަވާ ހަރުދަނާ އަދި ކެރުން ތެރި ފިޔަވަޅުތަކަށް ޕާޓީ އިން ފަހުރިވެރިވާ ކަމަށެވެ. އަދި މުޅި ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން މި ވެރިކަން ދެމެހެއްޓުމުގައި ރައީސްއަށް ދެއްވާނެ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

"މަނިކުފާނަށް ދޭންޖެހޭ ކޮންމެ އެއްބާރުލުމަކާ އެހީތެރި ކަމެއް ދިނުމަށް މިޕާޓީގެ ރައީސާއި ކައުންސިލާއި ޕީޖީ ގްރޫޕްގެ ގުނަވަންތައް އަދި އާންމު މެންބަރުން ފަސް ނުޖެހޭނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ޕީޕީއެމް އިން ވަނީ މިވެރިކަން ދެމެހެއްޓުމުަށް ޓަކައި ގާނޫނީ އިމުގެ ތެރެއިން ޕާޓީގެ ހުރިހާ ގުނަވަންތަކަކުން ކުރަން ޖެހުނު މަސައްކަތްތައް ސާބިތުކަމާ އެކު ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ޕާޓީގެ އެންމެހާ މެންބަރުން ވެސް ސާބިތުކަމާ އެކު ރައީސް ޔާމީންގެ ފަހަތުގައި ތިބެ ސަރުކާރަށް އެހީތެރިވެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްތައް ކުރުމަށް ވެސް ޕާޓީގެ މެންބަރުންނަށް ވަނީ ގޮވާލައިފަ އެވެ.

"ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެދިވަޑައިގަންނަވާ އެއްބާރުލުން ގާނޫނީ އިމުގެ ތެރެއިން ދީ އެހީތެރިކަމަށް ގޮވާލަމެވެ. މި ޕާޓީގެ އެއްވެސް ގުނަވަނަކުން ދޭން އެދޭ އެއްބާރުލުން ދިނުުމުގައި ފަސްޖެހުމެއް އުނިކަމެއް ނެތި ދޭނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.