މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ފްލައިން ސްކޫލްގެ ދަރިވަރުންނަށް ފުރައްސާރަކުރި މައްސަލަތަކެއް ބަލަނީ

އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލުގައި ކިޔަވައި ދަރިވަރުންނަށް ގަނާކުރުމާއި ފުރައްސާރަ ކުރި މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައް ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ފްލައިން ސްކޫލް "އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް"ގައި ކިޔަވާ ކުދިންގެ ކަންބޮޑުވުމާއި ޝަކުވާ ހިމެނޭ ސިޓީއެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އެ މިނިސްޓްރީއާ ވަނީ ހިއްސާކޮށްފައިވާ ކަމަށެވެ. އެ ސިޓީގައި އެ ދަރިވަަރުންނަށް ގަނާކުރުމާއި ފުރައްސާރަ ކުރި މައްސަލަތަކެއް ފާހަގަކޮށްފައިވާތީ އެ މައްސަލަތައް ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ. ޖެންޑާއިން ބުނީ ސިޓީ މިނިސްޓްރީއަށް ލިބިފައިވަނީ ހުސްވި ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ކަމަަށެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާމެދު އެތަނުން ވަރަށް ބޮޑަށް ތަފާތުކޮށް ބައެއް ކުދިން ވަކިކޮށް ހަދަމުންދާއިރު، އެތަނަށް ދައްކަންޖެހޭ ފީވެސް އެމެރިކާ ޑޮލަރުން ނަގަމުންދާކަމުގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައި އެވެ.

އެކަމުގެ ކަންބޮޑުވުންތައް ދަރިވަރުން ފާޅުކުރަމުން ގެންދާތާ އެތައް ދުވަހެއް ވެފައިވާއިރު، ނަމަވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުން ފިޔަވާ އެހެން އެއްވެސް ކަމެއް ސަރުކާރުގެ އިދާރާތަކުން ކޮށްފައެއް ނުވެ އެވެ. ނަމަވެސް ދާދި ފަހުން ޓްރާސްޕޯޓް މިނިސްޓްރީއާ ހަޔާ އެޑިއުކޭޝަނުން ވަނީ އޭއޭއޭއަށް ވަރުގަދަ އިންޒާރެއްދީ ކަންކަން ރަނގަޅު ކުރަން އަންގާފައެވެ.