ލައިފްސްޓައިލް

ލަންދޫ ކުޅިދޮށު ޕާކު ހިތްފަސޭހަ މަންޒިލެއް!

Jan 8, 2021

ނ.ލަންދޫގެ ބަނދަރުން ފައިބައިގެން އަންނަ އިރު ގޮނޑުދޮށާއި ދިމާލުން އޮންނަ ކުޅި އާއި ޗަކަބިން ސަރަހައްދު ރަށުގެ ޒުވާނުން ނިކުމެ ހިތްފަސޭހަ ޕާކަކަށް ބަދަލުކޮށްލައިފިއެވެ. އެއް ޒަމާނެއްގައި މި ސަަރަހައްދަށް "ބަތްޕެން ކިލާގަނޑު" ރަށު މީހުން ކިޔާ އުޅެއެވެ. އަދި ފަހުން "ކުޅިދޮށް" ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދު ރަށުގެ ޒުވާނުންގެ އިސްނެގުމާއި އެކު ވަނީ "ކުޅިދޮށުޕާކަށް" ބަދަލުކޮށްލާފައެވެ.

1 ޖެނުއަރީ ޕާކު ހުޅުވާލި މި ޕާކަކީ ރަށުގެ ޒުވާނުންނާއި މޭސްތިރިންގެ ހިތްގައިމު މަސައްކަތެކެވެ. ކުޅީގައި ހިނގާލަން އޮތީ ދިގު ފާލަމަކެވެ. އުނދޯލިގެއަކާއި އަދި އިށީނދެ ތިބެވޭ ގޮތަށް ބެންޗާއި ބުރު ތަކާއި އެކު މި ޕާކު ފުރިހަމަކޮށްފައިވަނީ އެ ސަރަހައްދުގައި ބޯކޮށް ހެދިފައިވާ އެއްވެސް ގަހަކަށް ގެއްލުން ނުދީ ކަމުގައި ރަށުގައި މަސައްކަތް ކުރި ޒުވާންޓީމްގެ މެންބަރެއް ކަމުގައިވާ އަހުމަދު ރަޝީދު ބުންޏެވެ.


"މި މަސައްކަތަކީ ލޮކަލް ޓުއަރިޒަމް ރަށަށް ގެނައުމަށް ފެށި ޕްރޮޖެކްޓެއް. މި މަސައްކަތް ފުރިހަމަ އަށް ނިންމާލެވުނީ ކޮވިޑް-19 އާއި އެކު ރަށުގައި ތިބި ވަރަށް ގިން ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުން ތާށިވެފައި. އެއްމެން ގުޅިގެން ކުރި މަސައްކަތެއް. ރަށުގެ ވަޑާންގެއިން ބޭނުން އިރަކު މަސައްކަތް ކުރެވޭ ގޮތަކަށް އޮތީ. ވަރަށް ގިނަ ޒުވާނުން މިތަން ފުރިހަމަ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން. އަހަރުމެން މަސައްކަތް ފެށީ ޒީރޯ ބަަޖެޓަކުން. ބޭނުންވީ ލޮކަލް ޓުއަރިޒަމް ރަށުގައި ފުޅާކުރުމަށް. ވަރަށް ގިނަ ފަރާތްތަކުން އަމަލީ ގޮތުން ބައިވެރި ނުވެވުނަސް މި ތަން ހެދުމަށް ފައިސާ ޑޮނޭޓް ކުރި"

ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ދިވެހި ވަންތަ ގޮތަކަށް ހަދާފައިވާ މި ޕާކް ވަރަށް ހިތްގައިމެވެ. ރަށަަށް ޒިޔަރާތް ކުރާ މީހަކަށް ރަށުތެރެއަށް އެރުމުގެ ކުރިން ކުޅިދޮށު ޕާކަށް ޒިޔާރަތްކޮށްލެވޭނެެއެވެ. "ކައިރި ރަށްތަކުން ޕާކު ހުޅުވުމާއި އެކު ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ޒިޔާރަތް ކުރަމުން. އަދި މިގޮތަށް މިތަން އޮތުމުން ރަށުގެ މީހުން އުޅޭ ސަރަހައްދާއި ގާތްގަނޑަކަށް 1000 ފޫޓު ދުރުނަމަވެސް ހަވީރުވެސް އައިސް މަޑުކޮށްލެވޭ ކަހަލަ ގޮތަކަށް މިތަން މިއޮތީ."

ކުޅިދޮށު ޕާކްގެ މަސައްކަތް ކުރި ދޮށީ އުމުރުގެ މީހެއް ކަމުގައިވާ އަބްދުލް އަޒީޒް މުހައްމަދު ބުނިގޮތުގައި އޭނާ ހުރީ ރަށުގެ ޒުވާނުން މި މަސައްކަތުގައި ދެއްކި ހިއްވަރާއި މަސައްކަތްތެރިކަމަށް ފަހުރުވެރިވެފައެވެ. " އަޅުގަނޑު ވަރަށް އުފާވެފައި މިހިރީ މި މަސައްކަތް ކުރެވުނީތީ. މީގެ ކުރިން ގަބޫލެއް ނުކުރަން މި މަސައްކަތް ޒުވާނުންއަށް ކުރެވޭނެ ކަން. ފުރަތަމަ މަދު ޒުވާނުން ކޮޅެއް މަސައްކަތް ކުރަން ފެށީ. ދެން މަޑު މަޑުން ގިނަވަމުން ރަށުގެ ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް މި މަސައްކަތުގައި އުޅުނު. މިހާރު ގަބޫލު ކުރަން މިއޮށްވުރެ ބޮޑު މަސައްކަތެއް ކުރެވިދާނެކަން"

މި ޕާކާއި އެކު ލަންދޫ ރައްޔިތުން ތިބީ މި ޕާކު ބަލާލަން އެ ރަށަށް ޒިޔާރަތް ކުރާ މީހުންނަށް މެހްމާންދާރީ އަދާކުރުމަށް ތައްޔާރަށެވެ. ޑްރޯން ފޮޓޯ އަދި ވެޑިންގފޮޓޯ ޝޫޓްތަކަށްވެސް މި ޕާކް އެއްވަނައެވެ. ފެހިކަން ގަދަ ހިތަށް އުފާވެރިކަން ގެނެސްދޭ ރީތި މަންޒިލެެއް ބަލާލަން ދަމާ ހިނގާ؟