ދުނިޔެ

ސީރިއާ މައްސަލާގައި ރަޝިޔާ އާއި އެހެން ގައުމުތަކަށް އެއްގަލަކަށް ނޭރުނު

ވިއޭނާ (އަލްޖަޒީރާ) - ސީރިޔާގެ މައްސަލައަށް ހައްލެއް ހޯދައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސިޔާސީ ކުރިމަގާ މެދު އެއްގަލަކަށް އެރޭތޯ ރަޝިޔާ އއި އެމެރިކާ އާއި ތުރުކީ އަދި ސައުދީން ބޭއްވި ބައްދަލުވުން ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.

މި ގައުމު ތަކުގެ އިސް އޮފިޝަލުންގެ މެދުގައި އިއްޔެ ވިއޭނާގައި ބޭއްވި ބައްދަލުވުން ކޮޅެއްގައި ނުޖެހޭކަން ހާމަ ކުރީ ސައުދީންނެވެ. ރަޝިޔާއިން ބުނީ މި ވާހަކަތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އަލްޖަޒީރާއިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު ވާހަކައަކީ އަސަދުގެ ކުރިމަގު ކަމަށެވެ. އަދި ގައުމުތަކުން އަސަދާމެދު ދެކޭ ގޮތް ކަމަށެވެ. ވެރިކަމުގައި އަސަދު ހުންނެވުން މުހިންމު ކަމަށް ރަޝިޔާ ދެކޭއިރު، އެހެން ގައުމުތަކުން ދެކޭ ގޮތުގައި ސީރިޔާއަށް ހަމަޖެހުން ގެނައުމަށްޓަކައި އަސަދު ވެރިކަމުން ދުރުކުރަން ޖެހެއެވެ.

މި ބައްދަލުވުމުގައި ރަޝިޔާ އާއި ދެންތިބި ބައިވެރިންގެ މެދުގައި ހިޔާލު ތަފާތުވިއިރު، ރަޝިޔާއިން ބުނީ ދެން ބޭއްވޭ މިފަދަ ބައްދަލުވުމެއްގައި އީރާނާއި މިސްރު ބައިވެރިކުރަން ބޭނުން ކަމަށެވެ. މިއީ ރަޝިޔާއާއި އެއްބައިވާނެ ގައުމުތަކެއް މަޝްވަރާ މޭޒަށް ގެނެވިދާނެ ގޮތެކެވެ.

މިހާރު ސީރިޔާގައި ހިނގާ ހަނގުރާމަލއިގާ އެމެރިކާއިން އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރި ވެދެނީ އަސަދުގެ ވެރިކަން ނިމުމަކަށް ގެންނާށެވެ. ރަޝިޔާއިން ވައިގެ ހަމަލާތައް ދެނީ އަސަދުގެ ދިފާއުގައެވެ. ސީރިޔާގެ ފަސް އަހަރުވީ ހަމަނުޖެހުމުގައި މިހާތަނަށް ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.