ވިޔަފާރި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ޕެޓްރޯލް ޝެޑު ގާއިމް ކުރަނީ

Jan 6, 2021

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ޕެޓްރޯލް ޝެޑް ގާއިމުކޮށް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއު ތަކެއް ނިމި މި ސަރަހައްދަކީ މުސްތަގުބަލުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އާބާދު ވާނެ ސަރަހައްދަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ގާއިމް ކުރަން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ކުރުމަށް ހުޅުވާލާފައިވަނީ މި ސަރަހައްދުގައި ދެ ޝެޑު ހެދުމުގެ އިތުރުން ޒަމާނީ ފެންވަރުގެ ކާރު ދޮންނަ ވަސީލަތަކާއި ފުރޮޅު ބެއްދުމާއި މަރާމާތު ކުރުމުގެ ހިދުމަތް ވެސް ލިބޭ ގޮތަށް ކަމަށެވެ. މީގެ އިތުރުން ދެ ޕެޓްރޯލް ޝެޑުން ވެސް ސެލްފް ސާވިސްގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެ އެވެ.

މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތް ތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 11 ވަނަ ދުވަހު ކުރިން ނެވެ. އަދި މި މަޝްރޫއު އާއި ބެހޭ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ޕްރޮޕޯސަލް މީޓީން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.